ސްޓޭޓް ޓްރޭޑިން އޮގަނަައިޒޭޝަން (އެސްޓީއޯ)ގެ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި، ބައިނަލްއަގްވާމީ މޭކަޕް ބްރޭންޑެއް ކަމަށްވާ ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓެއް ހުޅުވައިފިއެވެ.

ސުޕަމާޓުގައި މިރޭ އޮތް ހަފްލާއެއްގައި ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓު ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުޙައްމަދު ރަޝާދުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރު އައިމިނަތު ރުޝްމާއެވެ.

މިރޭގެ ހަފްލާގައި ނޯޓް ކޮސްމެޓިކްސްއިން ވަނީ ރާއްޖޭގައި ގާއިމްކުރި އެ ކުންފުނީގެ ދެވަނަ މޮނޯ އައުޓްލެޓްގެ ރަމްޒީ ތަޅުގަނޑި އެސްޓީއޯއާ ހަވާލުކޮށްފައެވެ. ނޯޓު ކޮސްމެޓިކްސްގެ ފަރާތުން ތަޅުދަނޑި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ރީޖަނަލް ޑިރެކްޓަރު ސުހާން އެވެ. އެސްޓީއޯގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ އެމްޑީ އަމްރުއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓު ހުޅުވުމުގެ ރަސްމިއްޔާތު: އައުޓްލެޓްގެ ރަމްޒީ ތަޅުދަނޑި އެސްޓީއޯއާ ހަވާލުކުރުން--- ސަންފޮޓޯ/ މުހައްމަދު ހައްޔާން

ހަފްލާގައި ވާހަކަދައްކަވަމުން ނޯޓް ކޮސްމެޓިކްސް ރާއްޖޭގައި ވިއްކަމުން އަންނަ ނިއު އެޑީޝަންގެ ޗީފް މާކެޓިން އޮފިސަރު އިސްމާއީލް އަޒްމީ ވިދާޅުވީ އެސްޓީއޯގެ ޕީޕަލްސްގެ ޗޮއިސް ސުޕަމާޓާއެކު އެ ކުންފުނީގެ ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށް ވެފައިވާ ކަމަށެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯލެއްގެ ސިފައިގައި ވިޔަފާރި ވިސްނުން ފުޅާ ކޮށް، އަޅުގަނޑުމެންނަށް ނޯޓް އައުޓްލެޓެއްގައި އިންޓަނޭޝަނަލް މޮނޯ ސްޓޯރެއް ހުޅުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ހުވަފެނެއް، ވީމާ އެ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވީތީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ޓީމަށް އަޅުގަނޑު ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އަޒްމީ ވިދާޅުވިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓު ހުޅުވުމުގެ ރަސްމިއްޔާތު: އައުޓްލެޓުގައި ހުޅުވި ނޯޓުގެ މޮނޯ އައުޓްލެޓު--- ސަންފޮޓޯ/ މުހައްމަދު ހައްޔާން

ތަފާތު ކޮންސެޕްޓެއްގެ ދަށުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވައިފައިވަނީ އެ ތަނުގައި އަމިއްލަ ކުދި ވިޔަފާރިތަކަށް ވެސް ގާއިމުވެ، އެ ވިޔަފާރިތަކުގެ މުދާތައް ވިއްކޭ ގޮތަށެވެ. އެގޮތުން އަލަށް އެ ތަން ހުޅުވިގެން ދިޔައިރު، ނުވަ ވިޔަފާރިއެއް ވަނީ ގާއިމްކޮށްފައެވެ.

ނޯޓު ކޮސްމެޓިކްސްގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސް މާޓްގައި ދެން ޚިދުމަތް ދޭ ވިޔަފާރިތަކަކީ:

  • ސިޓީ ބޭކަރީ

  • ޕޮއިސް
  • މެކްސްކޮމް
  • މެރަތަން
  • އަސްރަފީ ބުކްޝޮޕް
  • ޕީކަބޫ