25 Mar 2022, 22:09
މާލޭގެ މާފަންނުގައި ހުރި ގެއެއްގެ ތަޅުން ދަށުގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެންސީގެ ކައުންސިލް މެންބަރަކު ހައްޔަރުކޮށްފިއެވެ.
ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަސްތުވާތަކެތި ފެނުނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން އިއްޔެއިން ފަށައިގެން މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަނުގައި ފެނިފައި ވަނީ ގާތްގަނޑަކަށް 42 ކިލޯގެ ހެރޮއިނެވެ.

މާފަންނުގައި ހުރި ގެއަކުން މަސްތުވާތަކެތި ފެނިފައި ވަނީ ތަޅުމުގެ ދަށުގައި ވަޅުލާފައި ހުއްޓާ -- ފޮޓޯ/ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު
ސީޕީ ހަމީދު މިރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ އިސް މީހާ މިހާރު ހައްޔަރުކުރެވިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސް މީހަކީ ޕީއެންސީގެ ކައުންސިލް މެންބަރެއް ކަމަށްވާ އަޙްމަދު ހުސެއިނެވެ. އޭނާ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އަލިފުށީ ދާއިރާއަށް ވާދަކޮށްފައެވެ.
މި މައްސަލައިގައި އޭނާއާއެކު އިތުރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޕީއެންސީގެ ކައުންސިލް މެންބަރަކު ހައްޔަރުކޮށްފައިވެއެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 130 ކިލޯއާއެކު ހައްޔަރުކޮށްފައިވަނީ އެ ޕާޓީގެ މެންބަރެއް ކަމަށްވާ ޝަހީބް އިބްރާހިމެވެ. މައްސަލަ ފެންމަތިވުމާއެކު އެ ޕާޓީން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.