25 Mar 2022, 19:00
މާލޭގެ މާފަންނުގައި ހުރި ގެއެއްގެ ތަޅުން ދަށުގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިސް މީހާ ހައްޔަރުކޮށްފިއެވެ.
ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަސްތުވާތަކެތި ފެނުނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން އިއްޔެއިން ފަށައިގެން މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަނުގައި ފެނިފައި ވަނީ ގާތްގަނޑަކަށް 42 ކިލޯގެ ހެރޮއިނެވެ.
ސީޕީ ހަމީދު މިރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ އިސް މީހާ މިހާރު ހައްޔަރުކުރެވިފައިވާ ކަމަށެވެ.
އެއާއެކު މި މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރުކުރެވިފައިވާ ކަމަށް ސީޕީ ވިދާޅުވެފައިވެއެވެ.
ފުލުހުން މިހާރު އަންނަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. މިދިޔަ ހަފްތާފައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސޯސަން މަގުން ދުއްވާފައި ދިޔަ ޕިކަޕެއް ހުއްޓުވައި، އޭގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވެއެވެ.
މީގެއިތުރުން ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލޭގެ ދެ ފިޔަވަހީގައި މި މަހުގެ 14ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.