17 Mar 2012, 11:28
އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އާޓިފިޝަލް ބީޗް ހޯދަން މާލޭ ސިޓީ ކައުންސިލުގއި ޕީޕީއެމުން އެދިއްޖެ އެވެ.
ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބުދުﷲ ސޮއިކުރައްވާ މިދިޔަ ބުރާސްފަތި ދުވަހު މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެ ޕާޓީގެ ހަރަކާތްތައް ބޭއްވުމަށް އިއްޔެއިން ފެށިގެން މިއަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އާޓިފިޝަލް ބީޗް ސަރަހައްދު ދެއްވުމަށް އެދޭ ކަމަށެވެ. ސިޓީ ފޮނުވާފައި ވަނީ މިދިއަ ބުރާސްފަތި ދުވަހު އެވެ.
ޕީޕީއެމުން އެދިފައި ވަނީ އެއް އަހަރާ އަށް މަހާ ދެހަފުތާއަށް އާޓިފިޝަލް ބީޗު ހޯދާށެވެ.
އަބުދުއްރަހީމް މިއަދު ވިދާޅުވީ އެމްޑީޕީއަށް އެޕާޓީގެ ހަރަކާތްތައް ހިންގުމަށް ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދު ދީފައިވާއިރު ޕީޕީއެމްގެ ހަރަކާތްތައް ހިންގަން މާލޭ ސިޓީކައުންސިލުން އާޓިފިޝަލް ބީޗް ސަރަހައްދު ނުދޭންވީ ސަބަބެއް ނެތް ކަމަށާއި އެހެންވެ އެ ސަރަހައްދު ހޯދަން އެދުނީ ކަމަށެވެ.
މާލޭ ސިޓީކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ވިދާޅުވީ ޕީޕީއެމްގެ ފަރާތުން އާޓިފިޝަލް ބީޗް ބޭނުންވެގެން ސިޓިއެއް ފޮނުވާފައިވާކަން އަދި އެގިވަޑައިނުގަންނަވާ ކަމަށެވެ.
"އަދިއެއް އަޅުގަނޑުމެންނަކަށް ނެތް އެގިފައެއް ނެތް ޕީޕީއެމުން އާޓިފިޝަލް ބީޗް ސަރަހައްދު ބޭނުންވެގެން ސިޓީއެއް ފޮނުވިކަމެއް. އެހެންވީމަ އެކަމާ ދޭތެރޭގައި އަދި ވަކިއެއްޗެއް ދަންނަވާކަން ބޭނުމެއް ނުވޭ،" އަލިބެ ވިދާޅުވި އެވެ.
ނަމަވެސް ޕީޕިއެމްގެ އޮފިޝަލަކު ވިދާޅުވީ ބުރާސްފަތި ދުވަހު އެ ޕާޓީގެ ފަރާތުން އާޓިފިޝަލް ބީޗް ހޯދުމަށް އެދި ކައުންސިލަށް ސިޓީފޮނުވާފައި ވާކަމަށެވެ. އެ ސިޓީގެ ކޮޕީއެއް ސަން އޮންލައިނަށް ވެސް ވަނީ ލިބިފަ އެވެ.
ޕީޕީއެމުން އާޓިފިޝަލް ބީޗް ބޭނުންވެގެން ސިޓީކައުންސިލްގައި އެދިފައިވާއިރު އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް މިދިޔަ ފެބުރުއަރީ މަހުގެ 17 ވަނަދުވަހުން ފެށިގެން އަންނަ ޖުލައިމަހުގެ ނިޔަލަށް ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދު ވަނީ އެމްޑީޕީއަށް ސިޓީކައުންސިލުން ވަނީ ދީފައެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުނު ފަހުން އެމްޑީޕީގެ ހުރިހާ ހަރަކާތެއް ރާވަނީ އެ ސަރަހައްދުގަ އެވެ.