25 Mar 2022, 18:08
އިދިކޮޅުން މާލޭގައި މިއަދު ކުރިއަށް ގެންދާ ބޮޑު އެއްވުމުގައި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑަނުގެންނެވި ސެކިއުރިޓީން ހުއްދަ ނުދިނުމުން ކަމަށް އެ ޕާޓީން ބުނެފިއެވެ.
"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން ބާއްވާ އެއްވުމަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް ރައީސް ޔާމީން އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ އެއްވުމެކެވެ.
މާލޭގައި މިއަދު ހަވީރު މުޒާހަރާ ފަށައިފައިވަނީ މުޒާހަރާ ނުބޭއްވޭނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވަނިކޮށެވެ. ގިނަ އަދަދެއްގެ ޕީޕީއެމް/ޕީއެންސީ މެންބަރުން މި އެއްވުމުގައި ބައިވެރިވެފައިވާއިރު، އިދިކޮޅު ލީޑަރު ޔާމީން ބައިވެރިވެވަޑައިގެންފައި ނުވެއެވެ.
މިކަމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސްގެ އިސް ތަރުޖަމާނު ހީނާ ވަލީދު "ސަން" އަށް ވިދާޅުވީ ރައީސް ޔާމީން އެއްވުންތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ސެކިއުރިޓީގެ ހުއްދައާއެކުގައި ކަމަށާއި މިއަދުގެ އެއްވުމުގައި ބައިވެރިވެވަޑައިނުގަނެވުނީ ހުއްދަ ނުލިބުމުން ކަމަށެވެ.
މިއަދުގެ މުޒާހަރާ ފެށުމާއެކު، މުޒާހަރާގެ ބައިވެރިންނަށް ފުލުހުންނަށް ވަނީ ހުރަސް އަޅައިފައެވެ. އަދި އެއްވުމުގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. މިގޮތުން މެންބަރު މުޙައްމަދު ސައީދާއި މެންބަރު ޣައްސާން މައުމޫންގެ އިތުރުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލާއި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވެސް ހައްޔަރުކޮށްފައިވާއިރު، ބައެއް ކައުންސިލަރުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މުޒާހަރާއަށް ފުލުހުން ހުރަސް އަޅަން ފެށުމުން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ގާނޫނާ އެއްގޮތަށް ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށެވެ.
ހަމައެހެންމެ ސުލްހަވެރި އިހުތިޖާޖަށް ފުރުސަތު ދީ، އެއްވުމުގެ ތެރެއިން އާންމު މެންބަރުންނަށް އަނިޔާ ކުރުން ހުއްޓާލުމަށް ވެސް ގޮވައިލައިފައިވެއެވެ.