ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލަކާއި އައްޑޫ ސިޓީއަށް ފުރާވަޑައިގެންފިއެވެ.

ހަތަރު ދުވަހުގެ އެ ދަތުރުފުޅުގައި ރައީސް، ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީ ގަން، ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ އަދި ހުޅުމީދޫއަށް ވަޑައިގަންނަވާނެއެވެ. އަދި އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމްކޮށްފައިވާ ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރައީސް ހުޅުވައިދެއްވާނެއެވެ.

ހަމައެހެންމެ އައްޑޫގެ ބިން އިތުރު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރައްވައި، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވާނެއެވެ.

މީގެ އިތުރުން މީދޫއާއި މަރަދޫގެ ބަނދަރާއި ހުޅުދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ވެސް ހުޅުވައިދެއްވަވާނެއެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ އެ ދެސިޓީގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުން ކަމަށެވެ.

ނައިބު ރައީސް، ފައިސަލް ނަސީމް ވެސް މިއަދު ވަނީ ފުވައްމުލައް ސިޓީއަށް ފުރާވަޑައިގެންފިއެވެ. އެ ދަތުރުފުޅަށް ފަހު ނައިބު ރައީސް މާދަމާ މާލެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އައްޑޫގައި ޕޮލިސް އެކަޑެމީގެ މަސައްކަތް ފެށީ 2012 ވަނަ އަހަރެވެ. އެތަނަކީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ޓްރެއިން ކުރުމާއި ލޯ ސުކޫލެއް ގާއިމް ކުރާނެ ތަނެކެވެ.

ޕޮލިސް އެކަޑެމީގެ އަމަލީ މަސައްކަތް ފަށައިފައިވަނީ 2017 ވަނަ އަހަރުއެވެ. އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ހަރަދުކުރާ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.