25 Mar 2022, 16:43
ޔޫރަޕުގެ އެންމެފަހުގެ ޗެމްޕިއަނުންކަމަށްވާ އިޓަލީ މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕަށް ކޮލިފައިނުވެ ކަޓައިފިއެވެ.
އިޓަލީ ކެޓީ ފީފާ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ސެމީގައި ނޯތު މެސެޑޯނިއާ އަތުން 1-0އިން ބަލިވުމުންނެވެ.
މިއީ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހަތަރުފަހަރު ހޯދައިފައިވާ އިޓަލީއަށް މި މުބާރާތް ޖެހިޖެހިގެން ގެއްލުނު ދެވަނަ ފަހަރެވެ. 2018ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑްކަޕަށް އެ ގައުމު ކޮލިފައި ނުވީ ޕްލޭއޮފްގައި ސްވިޑަންގެ އަތްދަށުވެގެންނެވެ.
މެޗުގައި ފެނުނު ހަމައެކަނި ގޯލު މެޗުގެ ފުރިހަމަ ވަގުތު ވެސް ހަމަވީފަހުން 92ވަނަ މިނެޓުގައި ޖަހައިދިނީ އެލެކްސަންޑާ ޓްރަޖްކޯސްކީއެވެ. އޭނާގެ އެ ލަނޑު ޖެހި ވަގުތުކޮޅަކީ އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީގެ ފުޓުބޯޅަ ކެރިއަރުގައި އައި އެންމެ ހިތްދަތި ވަގުތުކޮޅުކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.
"މި ވަގުތު އެއްޗެއް ބުނަން ވަރަށް އުނދަގޫ. ބުނާނެ އެއްޗެއް ވެސް ނޭނގޭ،" މެޗަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން މަންޗިނީ ބުންޏެވެ.
"ކޯޗަކީ އަހަރެން. މި ބަލީގެ ޒިންމާ ނަގަން ޖެހޭނީ ފުރަތަމަ އަހަރެން. ކުޅުންތެރިންނެއް ނޫން ޒިންމާ ނަގަން ޖެހޭނީ. އެ ކުޅުންތެރިންގެ މުސްތަގުބަލެއް އެބައޮތް. އެއީ ހިތްވަރުގަދަ ކުޅުންތެރިންތަކެއް. ގައުމީ ޓީމުގެ ކުރިމަގަކީ އެއީ. މި ބައްޔަކީ އަހަރެމެންނަށް ހައްގު ބައްޔެއް ނޫން،" މަންޗިނީ ބުންޏެވެ.
އިޓަލީން މެޗުގައި 32 ޝޮޓު ގޯލާ އަމާޒުކޮށް ފޮނުވާލިއިރު މެސެޑޯނިއާއަށް ފޮނުވާލެވުނީ ފަސް ޝޮޓެވެ.
ޕްލޭއޮފްގެ ސެމީފައިނަލުގައި ރޭ ތުރުކީގެ މައްޗަށް ޕޯޗުގަލްއިން ވަނީ ކުރިހޯދައިފައެވެ. ޕްލޭ އޮފް ފައިނަލުގައި މެސެޑޯނިއާއިން ވާދަކުރާނީ ޕޯޗުގަލްއާއެވެ. އެ މެޗު ނިމޭ ގޮތަކުން ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވޯލްޑްކަޕުން ފެންނާނެކަމާމެދު ގޮތެއް ނިމޭނެއެވެ.
މިދިޔަ އަހަރު އޮތް ޔޫރޯ މުބާރާތުގައި އިންގްލެންޑް ބަލިކޮށް ތަށި ހޯދި އިޓަލީ މި އަހަރު ވެސް ވޯލްޑްކަޕަށް ކޮލިފައިނުވުމަކީ ގިނަ ބަޔަކަށް ޝޮކެއް ލިބުނު ކަމެކެވެ. އެ ޓީމަށް ވޯލްޑްކަޕެއް ކުޅުމަށް އަނެއްކާ ވެސް ޖެހޭނީ 2026ވަނަ އަަހަރަށް ދުވަސްތައް ގުނާށެވެ.