25 Mar 2022, 15:51
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބާއްވަން ނިންމައިފައި އޮތް މުޒާހަރާ ނުފަށަނީސް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ހައްޔަރުކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މަގުމަތިން ދާދިދެންމެއަކު ނަރީޝް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަރީޝްގެ އިތުރުން ވެސް ބައެއް އާންމު މީހުން ވެސް ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބޭއިރު ހައްޔަރުކުރީ ކިތައް މީހުންކަމެއް އަދި އެނގިފައެއް ނުވެއެވެ.
"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން ބާއްވާ އެއްވުމަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ އެއްވުމެކެވެ.
މި އެއްވުމާ ގުޅިގެން ފުލުހުން ބުދަދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ވަނީ މި އެއްވުން ނުބޭއްވޭނެ ކަމުގެ އިންޒާރުދީފައެވެ. މުޒާހަރާ ނުބާއްވާން އެންގީ އެ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިއަދުގެ މެންދުރުފަހު 2:00 ޖެހީއްސުރެ، ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ.