ނ. މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ މާފަރު ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓުލާންފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މާފަރު ސްކޫލުގައި ބަހައްޓާފާއި ހުރި ވޯޓުފޮށްޓަށް ހެނދުނު 8:00 އިން ފެށިގެން ވޯޓުލަމުން އަންނަ އިރު އެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އިސްކަންދަރު ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓުފޮއްޓަށް ހެނދުނު 8:30 އިން ފެށިގެން ވޯޓުލަމުން އަންނަ ކަމަށެވެ.

މިއަދު ކުރިއަށްދާ ބައި އިލެކްޝަނުގައި ޕީޕީއެމާއި އެމްޑީޕީން އަދި އަމިއްލަ ގޮތުން ދެ ކެންޑިޑޭޓުން ވާދަކުރެ އެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ، 721 މީހުން ތިބި އިރު އޭގެތެރެ އިން މާލޭގައި ވޯޓްލުމަށް 82 މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

މިއަދުގެ އިންތިހާބުގެ ވޯޓުލުން ހަވީރު 4:00 ހަމައަށް ކުރިއަށްދާ އިރު، މިރޭ 7:00ގައި އެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

މާފަރު ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަނީ، އެ ކައުންސިލަށް ކުރިން އިންތިހާބު ކުރި، މއ. އަބާ އިބްރާހީމް މަނިކުގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވުމުންނެވެ.