25 Mar 2022, 13:00
ކިތަންމެ ބަލި ބޮޑުވިނަމަވެސް، ބަލި މީހާއަށް ވެސް ނަމާދު އެޅުމެއް ނެތްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާގެ މައުޟޫއުއަކީ "ނަމާދަކީ ދީނުގެ ތަނބެވެ" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ، ބަލިބޮޑުވިޔަސް ނަމާދު އެޅުމެއް ނެތްކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ މިއާ ޚިލާފު މަންޒަަރެއްކަމަށް ޚުތުބާގައި ބުނެފައިވެެއެވެ.
މިހާރު ފެންނަނީ މީހަކު ހަމަ ބައްޔެއް ވެލާއިރަށް ނަމާދު ނުކޮށް ދޫކޮށްލާ މަންޒަރުކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެފަދަ މީހުންނަށް ނަމާދުކުރުން ވެފައިވަނީ އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
"ބައެއް މީހުން ނަމާދު ނުކޮށް ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދުތައް ގަޟާކުރާނަމޭ ބުނަމުން. ހަމައެއާއެކު، އެ ބަލީގައި މަރުވެއްޖެނަމަ، އެއީ އޭނާއަށް ލިބޭ އުޒުރެއްކަމުގައި ދެކިގެން،" ޚުތުބާގައި ބުނެފައިވެއެވެ.
އެޔާ ވިދިގެން ޚުތުބާގައި ބުނެފައިވަނީ އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ. އެގޮތަށް ގަޟާކުރުމަށް ނިޔަތްގަނެގެން ވެސް ނަމާދު އެޅުމަކީ ހުއްދަވެގެންވާނޭ ކަމެއް ނޫންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނެފައިވަނީ ނަމާދަކީ އަދާކުރަން ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށެވެ. މާތްﷲގެ އަޅާގެ ތެދުވެރިކަމާއި، ވަފާތެރިކަމާއި، އިޚްލާސްތެރިކަން ފާޅުވާ އަޅުކަމެއް ކަމަށެވެ. ހަމައެފަދައިން، ނަމާދަކީ އޭނާގެ ހިތުގައިވާ އީމާންކަމުގެ ސާފުކަމާއި އޭނާ މާތްﷲދެކެ ލޯބިވާ މިންވަރު މިނެދޭ ތަރާދެއްކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް، ނަމާދުގެ މުހިންމުކަމާއި ނަމާދު އެޅުމުން ލިބޭ އަޒާބުގެ މައްޗަށްޚުތުބާގައިވަނީ އަލިއަޅުވައިލައިފައެވެ.