މާލޭގެ މާފަންނުގައި ހުރި ގެއެއްގެ ތަޅުން ދަށުގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަސްތުވާތަކެތި ފެނުނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން އިއްޔެއިން ފަށައިގެން މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި ފެނިފައި ވަނީ ގާތްގަނޑަކަށް 42 ކިލޯގެ ހެރޮއިން ކަމަށާއި އެ މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށް، ތަހުގީގު ކުރިއަށްގެންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މިދިޔަ ހަފްތާފައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސޯސަން މަގުން ދުއްވާފައި ދިޔަ ޕިކަޕެއް ހުއްޓުވައި، އޭގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވެއެވެ.

މީގެއިތުރުން ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލޭގެ ދެ ފިޔަވަހީގައި މި މަހުގެ 14ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.