25 Mar 2022, 09:59
ފުނަދޫގައި ހުންނަ ޢަބްދުﷲ ޢަބްދުލްކަރީމް (އާކް) ޕްރީސްކޫލާއި، ކޮއްކޮމެން ޕްރީސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ކޮއްކޮމެން ޕްރީސްކޫލުގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލް ޞާބިރާ އަޙްމަދެވެ. އަދި އާކް ޕްރީސްކޫލުގެ ފަރާތުން ސޮއިކުރެއްވީ ފުނަދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އަޒުމާ އަޙްމަދެވެ.
ފުނަދޫ ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހީމްފުޅު "ސަން"އަށް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އާކް ޕްރީސްކޫލުގެ މުދައްރިސުންނަށް ތަމްރީނު ޕްރޮގުރާމްތަކެއް ހިންގޭނެ ކަމަށެވެ.
މީގެ އިތުރުން ކިޔަވައިދިނުމުގައި ބޭނުންކުރާ ތަކެއްޗާއި، ސިލަބަސް އަދި އެހެނިހެން ވަސީލަތްތައް ހިއްސާކުރުމަށް ވެސް އެ އެއްބަސްވުމުގައިވެއެވެ.
ކޮއްކޮމެން ޕްރީސްކޫލުން ބުނީ މި އެއްބަސްވުމުގެ ދަށުން ގައުމީ، އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި، ދެ ސްކޫލުގެ ދެމެދުގައި ތަޖުރިބާ ހިއްސާ ކުރުމާއި އިންޓާންޝިޕް ފުރުސަތުތައް ވެސް ހުޅުވާލެވޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.
އާކް ޕްރީސްކޫލަކީ ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބެލުމުގެ ދަށުން ހިންގާ ސްކޫލެކެވެ. އެ ސްކޫލް ހުޅުވީ މިދިޔަ އަހަރެވެ.
ކޮއްކޮމެން ޕްރީސްކޫލަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ ސްކޫލެކެވެ. އޭނާ އެ ސްކޫލް ބައްލަވައިގަތީ މިދިޔަ އަހަރުގެ ތެރޭގައެވެ.