25 Mar 2022, 16:02
ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އިން މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް ޔުނިވާސިޓީއާއެކު އެއްބަސްވުމެއް ހަދައިފިއެވެ.
މެލޭޝިއާގެ ޔުނިވާސިޓިއާ ގުޅިފައިވާ، އިސްރާ އިންޓަނޭޝަނަލް ކޮންސަލްޓިން އެސް.ޑީ.އެން ބީ.އެޗް.ޑީ ހިމެނޭ ގޮތަށް ހަދާފައިވާ އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުން ކަމަށް އައިޔޫއެމްއިން ބުންޏެވެ.
އެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ފައިނޭންސް ދާއިރާގެ ކޯސްތައް ހިންގާ، އެ ކޯސްތަކުން ލިބޭ ނަފާ ތިން މުއައްސަސާގެ މައްޗަށް އެއް އުސޫލެއްގެ ދަށުން ބަހާނެ ކަމަށް އައިޔޫއެމްއިން ބުންނެވެ.
އެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. އަދި އިސްރާ އިންޓަނޭޝަނަލް ކޮންސަލްޓިން އެސް.ޑީ.އެން ބީ.އެޗް.ޑީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮންސަލްޓެންސީގެ ރައީސް އަދި ސީއީއޯ، ޕްރޮފެސަރު ޑާޓޯ ޑރ. އާޒްމީ އުމަރެވެ.