ގދ. އަދި ގއ. އަތޮޅުގެ ބައެއް ރަށްރަށަށް އަދަލާތު ޕާޓީން މިހާރު ކުރަމުން ގެންދާ ދަތުރުގައި އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ގއ. އަތޮޅު މާމެންދު އަށް އަރައިވަޑައިގަތުމުން، އެ ރަށުގައި އެމްޑީޕީގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކެއްގައި މީހަކު ޝައިހް އިމްރާނަށް ހަމަލާދިން މައްސަލައަކާ ގުޅިގެން އެ ރަށުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަބް އިންޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މާމެންދޫން ޝައިހް އިމްރާން ގައިކޮޅުގައި ޖެހި މައްސަލައަކާ ގުޅިގެން އެ ރަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖޭހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

އަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އައްޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އަދާލަތު ޕާޓީން ގއ. އަދި ގދ.ގެ ބައެއް ރަށްރަށަށް ކުރަމުން ގެންދާ ދަތުރުގައި އިއްޔެ މެންދުރުގެ ވަގުތެއްގައި އޭނާގެ އަމިއްލަ އުފަން ރަށް ކަމުގައިވާ ގއ. މާމެންދު އަށް އަދާލަތު ޕާޓީގެ އިސް ބޭފުޅުންނާ އެކު އެ ރަށަށް ވަޑައިގެންނެވުމުން އެމްޑީޕީ އަށް ތާއީދުކުރާ މަދު ބަޔަކު އެ ރަށުގެ އަތިރިމައްޗަށް އެއްވެ، މުޒާހަރާކޮށްފައިވާ ކަމަށެވެ. އަދި އެރަށަށް ޝައިހް އިމްރާނަށް ނޭރޭނެ ކަމަށް ބުނެ އެމީހުން ތާޅަފިއްޔެއް ބޭނުންކޮށްގެން އަޑުގަދަކުރަމުން ދިޔައިރު ގިނަ އަދަދެއްގެ ބަޔަކު އެބޭފުޅުންގެ އިސްތިގުބާލުގައި އެ ރަށު އަތިރިމައްޗަށް އެއްވެ ތިބި ކަމަށެވެ.

ޝަހީމް ވިދާޅުވީ އިމްރާނަށް ނޭރޭނެ ކަމަށް ބުނެ އަޑުގަދަ ކުރަމުން ދިޔަ ބައެއް މީހުން އެބޭފުޅުން އެރަށަށް ދިޔަ ލޯންޗާ ދިމާލަށް ބޮޑެތި ގާ އުކައި ހެދި ކަމަށާއި އިމްރާނަށް ނޭރެނެ ކަމަށް ގޮވަމުން ދިޔަ މީހުން ކައިރީގައި އެބޭފުޅުންނާ އެކު އިމްރާނަށް ވެސް އެރަށަށް ފޭބޭނެ ކަމަށް ޝަހީމް ވިދާޅުވުމުން، އެރަށުގެ ގިނަ ބައެއްގެ ހިމާޔަތުގައި އެބޭފުޅުން އެރަށަށް ފައިބައިވަޑައިގެންނެވީ ކަމަށެވެ. އަދި އެވަގުތު އެތަނުން މީހަކު ފުންމައިގެން އަރާ އިމްރާންގެ ގައިކޮޅުގައި ޖެހުމަށް މަސައްކަތްކުރި ކަމަށާއި އިމްރާންގެ ގައިކޮޅުގައި ޖެހި ކަމަށް އެވަގުތު އެތަނުގައި ތިބި މަންޒަރުދުށް މީހުން ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިޔަ ލޯންޗަށް ބޮޑެތި ގާ އުކި އިދިކޮޅު ބައެއް މީހުން. ޝައިހް އިމްރާންގެ ގައިކޮޅުގައި ޖެހުމަށް މީހަކު ފުންމައިގެން އަރައި މަސައްކަތް ކުރި. މަންޒަރު ދުށްމީހަކު ބުނި ޖެހި ކަމަށް. އަޅުގަނޑުމެން ރަށަށް އެރީ ރަށުގެ ގިނަ ބައެއްގެ ހިމާޔަތާ އެކު. އަޅުގަނޑު ހަމަ ފާހަގަކޮށްލަން އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލުގެ އިތުރުން ޑީއާރުޕީ އަދި ޕީޕީއެމްގެ މެންބަރުން ވަރަށް ރަނގަޅަށް ކަންތައްތައް ކުރެއްވީ،" ޝަހީމް ވިދާޅުވި އެވެ.

މާމެންދޫން ޝައިހް އިމްރާނަށް މީހަކު ދިން ހަމަލާއާ ގުޅިގެން އިމްރާނަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައިނުވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ މިދަތަރުގައި މިހާތަނަށް ވަނީ ވިލިނގިއްޔާއި ދާންދޫ އަށް ގޮސް އެ ރަށްރަށުގެ ހާލަތު ބަލައި އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށްފަ އެވެ. އެގޮތުން އެޕާޓީން ވަނީ ދާންދޫގައި ޕާޓީގެ ބޮޑު ޖަލްސާއެއް ވެސް ބާއްވާފަ އެވެ.

ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ މިދަތުރުގައި މިހާރު ތިއްބެވީ ގެމަނަފުށީގައި ކަމަށާއި އެ ރަށުން އެޕާޓީ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި ކަނޑުހުޅުދޫއަށް ވަޑައިގެންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ދާންދޫގައި ޖަލްސާއެއް ނުބޭއްވުނޭ ކިޔައިގެން އެމްޑީޕީން ސުނާމީ ބިނާ ސަރަހައްދުގައި ދައްކަމުން ގެންދަނީ ހުސް ދޮގު ވާހަކަ. އަޅުގަނޑުމެން ދާ ކޮންމެ ރަށަކުން ވެސް ހަމަ ވަރަށް ބޮޑު ތަރުހީމެއް ލިބޭ. އަދި އެރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރަމުން މިގެންދަނީ،" ޝަހީމް ވިދާޅުވި އެވެ.