ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން ރަސްމީ އިދާރާތަކުގެ އެންގުންތަކަށް ބޯ ލަނބައި ކިޔަމަންތެރިވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

އެ ކޮމިޝަނުން މިކަމަކަށް އިލްތިމާސްކުރީ އިންޑިއާގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް "ނޭވާ ހޮޅިއަށް" މި ނަމުގައި މާދަމާ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނަ ދަނޑިވަޅަކާ ދިމާކޮށެވެ.

މިކަމާބެހޭ ގޮތުން އީސީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކާއި ސިޔާސީ ހަރަކާތްތައް، ޤާނޫނާއި ޤަވާއިދު ތަކުގެ ހުދޫދުގެ ތެރޭގައި ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ދައުލަތުގެ ޚާރިޖީ ސިޔާސަތުތަކާއި ހާރިޖީ ގުޅުންތަކަށް އިހުތިރާމް ކުރުމާއެކު ކުރިއަށް ގެންދިޔުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އިލްތިމާސް ކޮށްފައެވެ.

ޤާނޫނާއި ޤަވައިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އެ ކޮމިޝަންގެ ފަރާތުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައިވެއެވެ.

"ނޭވާ ހޮޅިއަށް" ނަމުގައި މާލޭގައި މާދަމާ ބާއްވަން ތައްޔާރުވަމުން އަންނަ ބޮޑު އެއްވުން ނުބޭއްވުމަށް ފުލުހުން ވަނީ ޕީޕީއެމަށް އަންގާފައެވެ. އެ އެންގުމަށް ގޮންޖެހުމަށްފަހު ޕީޕީއެމް، ޕީއެންސީން ބުނަމުން އަންނަނީ މުޒާހަރާ ނުބޭއްވޭނެ ކަމަށް ފުލުހުން އަންގައިފައިވީ ނަމަވެސް، އެއްވުން ކުރިއަށް ގެންދާނެ ކަމަށެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ "އިންޑިއާ އައުޓް" މުޒާހަރާ ނުބާއްވަން އެންގީ އެ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭނޭ ތަފާތު ސަބަބުތައް ފެންނާން ހުރުމުން ކަމަށެވެ. އަދި އެ އެއްވުމަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއެރުމުގެ ފުރުސަތު ބޮޑު އެއްވުމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"މިފަދަ އެއްވުމެއް ބާއްވައިފި ނަމަ އެ އެއްވުން ރޫޅާލާ، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަދަންނަވަމެވެ." އެ ބަޔާނުގައިވެއެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްނެންގެވުމަށް އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް އެންމެ ފުރަތަމަ ބާއްވަން ފެށީ މާލޭގައެވެ. ނަމަވެސް ހަރަކާތް ދުވަހެއް ދުވަހަކަށް ފުޅާ ކުރަމުން ގޮސް މިހާރު މި ހަރަކާތް ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ބާއްވަން ފަށާފައެވެ.