24 Mar 2022, 20:44
ވަގުން ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުންގެ އަތުން މި މަހުގެ ތެރޭގައި އަތުލާފައިވާ ބައެއް ތަކެތީ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން، ވެރިފަރާތެއް ހޯދުމަށް ބޭނުންވާ ތަކެތީގެ ތެރޭގައި ހިމެނެނީ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ.
މި ތަކެތީގެ ތެރޭގައި ހިމެނެނީ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ، ކަރަންޓް ދެ ބުރުމާ އާއި ޖީޕަސް ބްރޭންޑްގެ ސްޕީކަރަކާއި، ސައުންޑް ބާ ލެޑް ލައިޓަކާއި ހެދުން ކޮތަޅަކާއި ދެ ޕްރޮޕް ޖެކާއި ކަރަންޓް ރޮންދާއަކާއި ޕިކަޕް ދެ ބެޓެރީގެ އިތުރަށް ދަގަނޑު ފަތިތަކެކެވެ.
"އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" ފުލުހުން ބުންޏެވެ.
މީގެ ތެރޭގައި މި މަހުގެ 21 ވަނަ ދުވަހު އިސްލާމިކް ބެންކު ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 500 ރުފިޔާ ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެދެނީ މި ތަކެތީގެ ވެރިފަރާތުން، 9660183އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު، ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމެވެ.