17 Mar 2012, 10:21
ސިޔާސީގޮތުން ތަފާތު ވިސްނުމެއް ގެންގުޅޭ ރަށެއްކަމަށް ފާހަގަކޮށް ކުރީގެ ސަރުކާރުން ގއ. ގެމަނަފުއްޓާ މެދު ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ގެމަނަފުށީގައި ބޭއްވި އަދާލާތު ޕާޓީގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ސިޔާސީ ގޮތުން ތަފާތު ވިސްނުމެއް ގެންގުޅޭ ރަށެއް ކަމަށް ފާހަގަކޮށް ރައީސް ނަޝީދުގެ ސަރުކާރުން ގެމަނަފުއްޓަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދީފައި ނުވާ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގިގެން ދިޔައީ މިރަށުގެ ކަންކަމަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަން. ސިޔާސީ ގޮތުން ތަފާތު ވިސްނުމެއް ގެންގުޅޭ ރަށެއްކަމަށް ފާހަގަކޮށް. އެ ސަބަބަށްޓަކައި އެކަނި މިރަށުގެ ކަންތައް ނުކޮށްދީ އޮތީ. އެއީ އެއްގޮތަކަށް ވެސް އަޅުގަޑުމެން ބަލައިގަންނަކަމެއް ނޫން. ރައްޔިތުންނަކީ ހަމަހަމަ ބައެއް. ގާނޫނު އަސާސީން ވަނީ އެކަން ކަށަވަރުކޮށް ދީފަ. އެއްވެސް ކުލައަކަށް ބެލިގެން ވާނެ ކަމެއް ނޫން. ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކަންކަން ކުރުމުގައި ބަލަންޖެހޭނީ އެކަމެއް އެންމެ ބޮޑަށް ބޭނުންވެފައި އޮންނަ ރަށަކަށް ކަންތައް ކޮށްދިނުން ކަމަށާއި ބަނދަރެއްގެ ބޭނުން ގެމަނަފުއްޓަށް ވުރެ ބޮޑަށް ބޭނުންވެފައި އޮތް އެހެން ރަށެއް އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ގެމަނަފުށީ ބަނދަރު ހެދުމާއި ނަރުދަމާގެ ނިޒާމް ގާއިމުކުރަން ބޭނުންވާ ފައިސާ ހިމެނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.
"އެގޮތުން ބަނަދަރެއްގެ ބޭނުން މިރަށަށް ވުރެ ބޮޑަށް އޮތް ރަށެއް އޮތް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީން ކަން ދެން. އަޅުގަނޑު ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށް، މި އަންނަ އަހަރުގެ ބަޖެޓްގައި މިރަށަށް ބަނދަރު ހެދުމުގެ ފައިސާ ހިމަނާނަން. އެކަންތައް އަޅުގަނޑު ހަމަޖައްސައި ދޭނަން. އަދި ހަމައެޔާއި އެކު މިރަށުގެ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށްޓަކައި ވެސް މިއަންނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިމެނުމަށް އަޅުގަނޑަށް ކުރެވެން އޮތް މަސައްކަތެއް ކޮށްދޭނެ ކަމުގެ ޔަގީން ކަން އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.
އަދާލަތު ޕާޓީން ގއ. އަތޮޅުގެ ރަށްތަކަށް ކުރަމުންގެންދާ ދަތުރުގައި ބައިވެރިވަޑައިގެން މިނިސްޓަރު މުއިއްޒު ވަނީ ގއ. މާމެންދޫ އާއި ދާންދޫއަށް ވަޑައިގެންފަ އެވެ. އަދި މިއަދު ވެސް ގއ. އަތޮޅުގެ ރަށްތަކަށް އަދާލަތު ޕާޓީން ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުގައި އިސްލާމިކް މިނިސްޓާ މުހައްމަދު ޝަހީމް އަލީ ސައީދު އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައި ގަންނަވައެވެ.