24 Mar 2022, 13:17
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު، ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލަކާއި އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މާދަމާ ރައީސް ފައްޓަވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި ވަޑައިގަންނަވާނީ 28 ވަނަ ދުވަހު ކަމަށެވެ.
މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީ ގަން، ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ އަދި ހުޅުމީދޫއަށް ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމްކޮށްފައިވާ ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރައީސް ހުޅުވައިދެއްވާނެއެވެ.
ހަމައެހެންމެ އައްޑޫގެ ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމާއި އައްޑޫސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެއެވެ.
މީގެ އިތުރުން މީދޫއާއި މަރަދޫގެ ބަނދަރާއި ހިތަދޫ މަސްޖިދް އިބްރާހީމްގެ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ވެސް ހުޅުވައިދެއްވަވާނެއެވެ.
އައްޑޫގައި ޕޮލިސް އެކަޑެމީގެ މަސައްކަތް ފެށީ 2012 ވަނަ އަހަރު އެވެ. އެތަނަކީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ޓްރެއިން ކުރުމާއި ލޯ ސުކޫލެއް ގާއިމް ކުރާނެ ތަނެކެވެ.
ޕޮލިސް އެކަޑެމީގެ އަމަލީ މަސައްކަތް ފަށައިފައިވަނީ 2017 ވަނަ އަހަރުއެވެ. އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ހަރަދުކުރާ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.