ޕާކިސްތާން ހައި ކޮމިޝަނުން އެގައުމުގެ 82 ވަނަ ގައުމީ ދުވަސް، އިއްޔެ މާލޭގައި ފާހަގަކޮށްފިއެވެ.

ޕާކިސްތާން ހައި ކޮމިޝަނުގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުޚުތާރު ވަނީ އެގައުމުގެ ދިދަ ނަންގަވައިދެއްވާފައެވެ.

އެ ރަސްމިއްޔާތުގައި، ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ގިނަ އަދަދެއްގެ މީހުންނާއި ދިވެހިން ވެސް ބައިވެރިވިއެވެ.

ޕާކިސްތާން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުޚުތާރު، އެގައުމުގެ ދިދަ ނަންގަވައިދެއްވަނީ -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

އެ ރަސްމިއްޔާތަށް ހާޒިރުވި މީހުންނަށް މަރުހަބާ ވިދާޅުވަމުން، ޑެޕިއުޓީ ހައި ކޮމިޝަނަރު ޒުލްގަރުނައިން އަޙުމަދު ވަނީ ޕާކިސްތާން ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައްޔިތުންނަށާއި ދިވެހިންނަށް ވެސް ވިދާޅުވެފައެވެ. އަދި އެ ރަސްމިއްޔާތުގައި ބައިވެރިވި ދިވެހިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ހަމައެއާއެކު، ޒުލްގަރުނައިން ވަނީ ޕާކިސްތާން ދުވަހުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ.

ކޮންމެ އަހަރެއްގެ މާޗު މަހުގެ 23ގައި އެ ދުވަސް ފާހަގަ ކުރަނީ، 1956ގައި ޕާކިސްތާން އިސްލާމީ ޖުމްހޫރިއްޔާއަކަށް ބަދަލުވެ، އެގައުމުގެ ފުރަތަމަ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ދުވަސް ހަނދާންއާކުރުމުގެ ގޮތުންނެވެ.

ޒުލްގަރުނައިން ވަނީ މިއަހަރު ޕާކިސްތާން ދުވަސް ފާހަގަކުރަނީ އެގައުމުގެ 75 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވާފައެވެ.

ޕާކިސްތާން ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ޒުލްގަރުނައިން އަޙުމަދު -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

އޭނާ ވިދާޅުވީ ޕާކިސްތާނުން މިނިވަންކަން ފާހަގަކުރާއިރު، ކަޝްމީރުގެ ރައްޔިތުންގެ ހާލަތު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އެގޮތުން ކަޝްމީރުގެ ރައްޔިތުން، އެ ސަރަހައްދާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ޙައްޤު ހޯދަން މަސައްކަތް ކުރާތާ މިހާރު 73 އަހަރަށް ވުރެ ދިގު މުއްދަތެއްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތަށް އަދި ޔޫއެންއެސްސީގެ ގަރާރުތަކުގައިވާ ގޮތުގެ މަތިން ކަޝްމީރުގެ އަޚުންނާއި އުޚްތުންނަށް އަމިއްލައަށް ގޮތް ނިންމުމުގެ ޙައްޤު ލިބެންދެން އަޅުގަނޑުމެން އެމީހުންނާއެކު ސާބިތުވެ ތިބޭނަން،" ޒުލްގަރުނައިން ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ހައި ކޮމިޝަނަރު މުޚުތާރު ވަނީ، މިނިވަން މުސްލިމް ދައުލަތެއް އުފެއްދުމަށް، ބްރިޓިޝް އިންޑިއާގެ މުސްލިމުން އެއްބައިވަންތަކުރުވި ހަރަކާތުގައި އިސްކޮށް ތިއްބެވި ލީޑަރުންނާއި ޕާކިސްތާނުގެ ބައްޕަގެ ލަގަބު ދީފައިވާ މުޙައްމަދު ޢަލީ ޖިނާހުގެ ހަނދާން އައު ކުރައްވާފައެވެ.

ޕާކިސްތާން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުޚުތާރު ވާހަކަދައްކަވަނީ -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

"އެ ހަރަކާތުގެ ސަބަބުން އޮގަސްޓު 14، 1947ގައި ދުނިޔޭގެ ޗާޓަށް ޕާކިސްތާން އިތުރުވި. އެހެންކަމުން މިއަދަކީ ޕާކިސްތާނުގެ ބާނީ މުޙައްމަދު އަލީ ޖިނާހު މި ގައުމު ބިނާ ކުރެއްވި ބިންގަލުގެ އުސޫލުތަކުގައި އިތުރަށް ސާބިތުވާންވީ ދުވަހެއް،" މުޚުތާރު ވިދާޅުވިއެވެ.

މީގެ އިތުރުން މުޚުތާރު ވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް މިވަގުތު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި އެ ސެޝަން ޕާކިސްތާނުގައި ބޭއްވުމަކީ އެގައުމަށް ލިބުނު ޝަރަފެއް ކަމަށާއި އިސްލާމީ ގައުމުތަކުގެ ފޮރިން މިނިސްޓަރުން، ޕާކިސްތާނުގެ މިނިވަން ދުވަހާ ދިމާކޮށް އެގައުމުގައި ބައްދަލުކުރުމަކީ އެގައުމުތަކުން ޕާކިސްތާނާއެކު އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު، އޯއައިސީއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިންޓަގަވަމެންޓަލް ޖަމުޢިއްޔާ ކަމާއި އެއީ އިސްލާމީ ދުނިޔެ ތަމްސީލުކޮށްދޭ ޖަމުޢިއްޔާއެއްކަން ފާހަގަކުރައްވައި، މުޚުތާރު ވަނީ އޯއައިސީން ފަލަސްތީނާއި ކަޝްމީރުގެ ރައްޔިތުން މިނިވަން ކަމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެމުންދާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޕާކިސްތާނުން މިހާރު ކުރިއަށްގެންދާ ބައެއް ހަރަކާތްތަކާ ބެހޭ ގޮތުން ވެސް މުޚުތާރު ވާހަކަދެއްކެވިއެވެ. އެގޮތުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރިއަށްގެންދާ ޓެން ބިލިއަން ޓްރީ ސުނާމީ ޕްރޮޖެކްޓާއި ބިލިއަން ޓްރީ ހަނީ ޕްރޮޖެކްޓް އޭނާ ފާހަގަކުރެއްވިއެވެ. އަދި ހެލްތު އިންޝޫރެންސް ކާޑާއި އަހުސާސާއި ކާމިޔާބު ޕާކިސްތާން ޕްރޮގްރާމް ފަދަ، ޕާކިސްތާނުގެ ސްޓާޓްއަޕް ކުންފުނިތަކަށް ފަންނީ އަދި މާލީ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްތައްވެސް ފާހަގަކުރެއްވިއެވެ.

ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުޚުތާރު އަދި ޑެޕިއުޓީ ހައި ކޮމިޝަނަރު ޒުލްގަރުނައިން އަޙުމަދު -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

މީގެ އިތުރުން މުޚުތާރު ވަނީ ރާއްޖެއާއި ޕާކިސްތާނުގެ ޒަމާންވީ ގުޅުމަށްވެސް އަލިއަޅުއްވާލައްވައިފައެވެ. އަދި ދެ ގައުމު ގުޅިފައި ވަނީ ދެ ގައުމުން ހިއްސާ ކުރާ އަގީދާ އާއި ސަގާފަތާއި ތާރީޚީ ގުޅުންތަކުން ކަމަށާއި އެއް ގައުމުން އަނެއް ގައުމަށް އިޚުތިރާމްކޮށް، އިތުބާރު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ދެ ގައުމުން ދަނީ ތަޢުލީމާއި ސިއްހަތާއި ކުޅިވަރާއި މީހުން ތަމްރީނު ކުރުމާއި އިޖުތިމާއީ ދާއިރާއިން ވެސް ގުޅިގެން މަސައްކަތް ކުރަމުންކަން ހައި ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާ ޝެއިޚް ޢަބްދުލް އަޒީޒު ޙުސެއިން ވެސް ވާހަކަދެއްކެވިއެވެ. އަދި ރާއްޖެ އާއި ޕާކިސްތާނުގެ ރައްޔިތުންގެ ގާތް ގުޅުން ފާހަގަކުރައްވައި، ޕާކިސްތާން ދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ.