17 Mar 2012, 10:00
ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ސިފައިންގެ ތަމްރީނު މަރުކަޒު، ކ. ގިރިފުއްޓަށް ދަތުރުގޮސްފި އެވެ. އެކުދިން ގިރިފުއްޓަށް ދަތުރު ގެންދިޔައީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ސިފައިންގެ އަންހެނުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުންނެވެ.
އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ ކުޑަކުދިންގެ ހިޔަލުގައި ހަރަކާތްތެރިވާ 53 ކުޑަކުދިންނއި އެކުދިންގެ އެހިތެރިންގެ ގޮތުގައި ހިޔަލުގައި ހަރަކާތްތެރިވާ 53 މީހަކު މިއަދު ހެނދުނު 6:30 އެހާކަންހާއިރު ގިރިފުއްޓަށް ގޮސްފައިވާ ކަމަށާއި އެމީހުން އެރަށުގައި މިއަދު ހަވީރު 4:00 ޖަހަންދެން ހޭދަކުރާނެ ކަމަށެވެ. ދަތުރުދިޔަ ކުދިންގެ ތެރޭގައި އުމުރުން އެއް އަހަރުނުވާ ތުއްތު ކުދިންވެސް ހިމެނެ އެވެ.
އަބްދުﷲ އަލީ ވިދާޅުވީ އެކުދިން އެރަށުގައި ތިބޭ އިރު ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ސިފައިން ރާވާ ހިންގާނެ ކަމަށެވެ. އަދި އެކުދިންނަށް އެހީތެރިވުމަށް ސިފައިންގެ ޑޮކްޓަރުންނާއި ނަރުހުން ގިރިފުށީގައި ހަރަކާތްތެރިވާނެ ކަމަށެވެ.
"ކުދިންގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ރާވާ ހިންގާނީ ސިފައިން. ވަރަށް ތުއްތު ކުދިން ވެސް މިދަތުރުގައި ބައިވެރިވޭ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
ބައިނަލް އަގުވާމީ ދުވަހާ ގުޅިގެން ސިފައިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން ސިފައިންގެ އަންހެނުން ވަނީ ކުޑަކުދިންގެ ހިޔަލަށް ކޮމްޕިއުޓާ ސިސްޓަމެއް ވެސް ހަދިޔާކޮށްފަ އެވެ.