ޕާކު ކުރުމަށް ދަތިވާ ގޮތަށް މާލޭގެ މަގުމަތީގައި ޕެލެޓް ބަހައްޓާ މައްސަލަ، ކުރިއަށް އޮތް ރަމަޟާން މަސް އައުމުގެ ކުރީން ހައްލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން އަމާޒު ހިފައިފިއެވެ.

މާލޭގެ މަތުމަތީގައި ޕެލެޓް ބެހެއްޓުމަކީ މަނާ ކަމަކަށް ވިޔަސް، ޕާކިން ޒޯން ތަކުގައްޔާއި ގުދަން ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދިފައެއް ނުވެއެވެ.

މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވީ މާލެ ތެރޭގައި ގަވައިދާ ޚިލާފަށް ބަހައްޓާފައިހުރި ޕެލެޓްތަކުގެ ތެރެއިން މިއަދާ ހަމައަށް 1،400އަށް ވުރެ ގިނަ ޕެލެޓު ނަގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ރޯދަމަސް އައުމުގެ ކުރިން މައްސަލައަށް ހައްލެއް ގެނައުން،" މުއިއްޒު ވިދާޅުވިއެވެ.

މި މައްސަލަ ހައްލު ކުރުމަށް، ސިޓީ ކައުންސިލުން ނިންމާފައިވަނީ ވޯކް ޝޮޕާއި ގުދަނާއި ގަރާޖު ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކު ކުރާ ސަރަހައްދު ބްލޮކްވާ ގޮތަށް މަސައްކަތް ކުރާންޖެހޭ ފަރާތްތަކުން އެކަން ހުށަހެޅުން ޕާކު ކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" އެ ތަންތަނުގައި ކުރަހައިދޭ ގޮތަށެވެ.