އެއްވެ އުޅުމުގެ ގާނޫނުން ލިބިދޭ ޙައްޤުތައް ހަނިކޮށް، ކުރީ ސަރުކާރުން 2016 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލު އުވާލުން އަވަސް ކުރުމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ގޮވައިލައިފިއެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށް ގާނޫނުގައި ލިޔުނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ޕީޕީއެމްގެ މެޖޯރިޓީގައެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ތިބި އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތުން ވެސް ވަރަށް ބޮޑަށް ފާޑުކިޔެވެ.

އެ އިސްލާހު އުވާލާނެ ކަމަށް ސަރުކާރުން ވައުދުވެ، އެ އިސްލާހު އުވައިލަން މަޖިލީހަށް ބިލެއް ހުށަހެޅި ނަމަވެސް، އެ ބިލުގެ މަސައްކަތް ކުރިއަށް ގޮސްފައި ނުވެއެވެ.

މާދަމާ އިދިކޮޅުން "ނޭވާ ހޮޅިއަށް" ނަމުގައި ބާއްވާ އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގައިފައިވާ ދަނޑިވަޅެއްގައި، އެމްއާރްއެމުން ބުނީ މުޖުތަމަޢުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ، އާންމު މަސްލަހަތު ގެއްލޭ ގޮތަށް އެއްވެސް ސިޔާސީ ހަރަކާތެއް ބޭއްވުމަކީ އެމްއާރްއެމުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ހަމައެހެންމެ އެއްވެ އުޅުމުގެ ގާނޫނުން ލިބިދޭ ޙައްޤުތައް ހަނިކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުން އަވަސް ކުރުމަށް ވެސް އެމްއާރްއެމުން ގޮވާލައިފައިވެއެވެ.

"އެއްވެ އުޅުމުގެ ގާނޫނުން ލިބިދޭ ޙައްޤުތައް ހަނިކޮށް، ކުރީ ސަރުކާރުން 2016 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލު އުވާލުމަކީ މި ސަރުކާރު ކޯލިޝަނުން އެއްބަސްވެ، ރައްޔިތުންނަށް ވެފައިވާ ވައުދަކަށް ވާއިރު، އެކަން އަވަސް ކުރުމަށް މި ޕާޓީން ރައްޔިތުންގެ މަޖިލީހަށް ގޮވާލަން،" އެމްއާރްއެމުން ބުނެފައިވެއެވެ.

"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން ބާއްވާ އެއްވުމަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ އެއްވުމެކެވެ.

މި އެއްވުމާ ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ މި އެއްވުން ނުބޭއްވޭނެ ކަމުގެ އިންޒާރުދީފައެވެ. މުޒާހަރާ ނުބާއްވާން އެންގީ އެ އެއްވުމަކީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެއްވުން ރޫޅައިލައި، އެއްވުމުގެ ބައިވެރިވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، އިދިކޮޅުން ވަނީ ފުލުހުންނަށް ގޮންޖަހައި، އެއްވުން ކުރިއަށް ދާނެ ކަމަށް ބުނެފައެވެ.