24 Mar 2022, 10:26
ދެހާސް ސޯޅަ ވަނަ އަހަރު، އައްޑޫ ވިޔަފާރިވެރިއެއް ކަމަށްވާ ޢަލީ ޢަބްދުﷲ މަރާލި މައްސަލައިގައި ދަޢުވާ ކުރި މީހަކަށް އިއްޔެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރި ނަމަވެސް, އެ މުއްދަތަށްވާހާ ދުވަހު އޭނާ ޖަލުގައި ހުރުމުން މިނިވަންވެއްޖެއެވެ.
ޢަލީ ޢަބްދުﷲ މާރާލާފައި ވަނީީ މާޗް ދޭއް، 2016 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަރުގައި ވާފަށެއް އަޅައި، އޭނާގެ ކަރަށް ބާރުކޮށްގެން ކަމަށް ދައުލަތުން ބުނެފައިވެއެވެ.
އެ މައްސަލައިގައި ދަޢުވާ ކުރި، އޭނާއަށް ބޮޑުބޭބެ ކިޔާ ސ. ހިތަދޫ ހެޕީފިއުޗާ، އަޙުމަދު އިބްރާހީމް ދީދީއަށް ވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު އަށް ވަނަ ދުވަހު 12 އަހަރުގެ ޙުކުމެއް އިއްވައިފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދަޢުވާއެވެ.
އޭގެ އިތުރުން އޭނާއަށް އެހީތެރިވި ތިން މިީހަކަށް އެނގިހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވެއެވެ. އެއީ ސ. ހިތަދޫ، އަތަމާވިލާ، މައޫޒު މުޙައްމަދާއި، އެރަށު އައްޒާ، މުބާރިކް މުޙައްމަދުގެ އިތުރުން، ހަމަ އެރަށު ނަޝީދީގޭ މުޙައްމަދު ޝިފާޒުގެ މައްޗަށެވެ.
އެ ތިން މީހުންގެ ތެރެއިން މުޙައްމަދު ޝިފާޒަށް ކުށް ސާބިތުވާ ކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. ޝިފާޒްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ, އިބްރާހީމް ދީދީ ބުނެގެން ހިތަދޫ ސުކޫލް ކައިރިއަށް ޢަލީ ޢަބްދުالله ގެންގޮސްފައިވާތީއެވެ.
ޝިފާޒްގެ މައްޗަށް ކުރި ތުހުމަތަަށް އޭނާ ވަނީ އެންމެ ފުރަތަމަ އިއުތިރާފްވެ ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ. ނަމަވެސް ކޯޓު މަރުހަލާގައި އޭނާ ވަނީ ކުށަށް އިންކާރުކޮށްފައެވެ.
މައްސަލަ ދިގުލައިގެން ގޮސްފައިވަނީ އެއަށްފަހުއެވެ. އަދި އެންމެ ފުރަތަމަ މައްސަލަ ބެއްލެވި ގާޒީ ބަދަލުވުމުން ވެސް އެތައް ދުވަހެއް ވަންދެން ޝަރީއަތެއް ނުބޭއްވި ދިޔައެވެ. އެއަށްފަހު އެ މައްސަލަ ބައްލަވަން ފެއްޓެވީ ގާޒީ ސައްފަތު ހަބީބެވެ.
އިއްޔެ ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ ޝިފާޒްގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުވާ ކަމަށާއި އެހެންކަމުން އޭނާގެ މައްޗަށް ހަ އަހަރުގެ ޖަލު ޙުކުމެއް އިއްވާ ކަމަށެވެ. ނަމަވެސް އޭނާ ބަންދުގައި ހުރި މުއްދަތު ޙުކުމުން އުނިކުރުމުން އިތުރަށް ތަންފީޒުކުރަންޖެހޭ މުއްދަތެއް ނެތް ކަމަށް ކަނޑައަޅުއްވައި، ގާޒީ ވަނީ އޭނާ މިނިވަންކުރަން އަމުރުކުރައްވާފައެވެ.
ޢަލީ ޢަބްދުﷲ މަރާލާފައި އޮއްވާ ފެނުނީ، މާޗް މަހުގެ ދެވަނަ ދުވަހު އޭނާ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދަމުން ދަނިކޮށެވެ. އޭނާގެ ހަށިގަނޑު ފެނުނީ ހިތަދޫ ސްކޫލުގެ އިރުއުތުރު ކަންމަތީގައި އޮންނަ ޗަކަބިމަކަށް މޫނު ވަތަށް އެއްލާލާފައި އޮއްވައެވެ. އޭނާގެ މޭކަށިގަނޑުން މަތި އޮތީ ޗަަކައިގެ ތެރޭގައެވެ. އޭނާގެ ސައިކަލުވެސް އެތާ ކައިރީގައި އެއްލާލާފައި އޮތެވެ.