24 Mar 2022, 09:38
ވޮޝިންޓަން (24 މާޗް 2022): އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރެއްކަމަށްވާ މެޑެލިން އޯލްބްރައިޓް އިއްޔެ އަވަހާރަވެއްޖެއެވެ.
ކެންސަރުގެ އާލާސްކަންފުޅެއްގައި ވަރަށް ދިގުމުއްދަތެއްގައި ވަރަށް ހާލުގައި އުޅުއްވުމަށްފަހު އޯލްބްރައިޓް އަވަހާރަވީ އުމުރުން 84 އަހަރުގައެވެ. އޯލްބްރައިޓް އަކީ އެމެރިކާގެ ތާރީޚުގައި ޚާރިޖީ ވަޒީރުކަން އެންމެފުރަތަމަ ކުރެއްވި އަންހެން ޝަޚްސިއްޔަތެވެ.

އޯލްބްރައިޓް ތަންކޮޅެއް ޒުވާން ދުވަސްވަރު
އޭނާ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވަނީ ބިލް ކްލިންޓަންގެ ރިޔާސީ ދެވަނަ ދައުރުގައި 1997ން 2001 އަށެވެ. އޭގެ ކުރިން ބިލް ކްލިންޓަންގެ ރިޔާސީ ފުރަތަމަ ދައުރުގައި އޯލްބްރައިޓް ހުންނެވީ އދ.އަށް ކަނޑައަޅާފައިވާ އެމެރިކާގެ ދާއިމީ މަންދޫބުގެ މަގާމުގައެވެ.
މެޑަލިން އޯލްބްރައިޓްއަކީ 1948 ވަނަ އަހަރު ކުރީގެ ޗެކޮސްލެވޭކިޔާއިން އެމެރިކާއަށް ހިޖްރަކުރެއްވި ބޭކަނބަލެކެވެ. އެކަމަނާ އެދުވަސްވަރު އެމެރިކާއަށް ހިޖްރަކުރެއްވީ ވަރަށް ތުއްޕުޅު ބޭފުޅެއްގެ ގޮތުގައި (އުމުރުން 11 އަހަރު) މަންމައާއި ބައްޕައާއެކުގައެވެ.
ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާއެކު އިރުމަތީ ޔޫރަޕަށް އައި ޖިއޮޕޮލިޓިކަލް ހެލުންގަނޑުގައި ޗެކޮސްލެވޭކިޔާ ވެސް ވަނީ ރޫޅި ދެ ގައުމަށް ބަދަލުވެފައެވެ. އެއީ ސޮލޮވޭކިއާއާއި ޗެކް ރިޕަބްލިކެވެ. އެކަމަނާ ޖޯސެފް އޮލްބްރައިޓް ނަމަކަށް ކިޔާ ބޭފުޅަކާ ކައިވެނި ބައްލަވައިގަތީ 1959 ވަނަ އަހަރެވެ. މިކައިވެނީގެ ތެރެއިން އޯލްބްރައިޓްއަށް ތިން ދަރިން ލިބިވަޑައިގެންނެވިއެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުންނެވެ.

އޯލްބްރައިޓް، ބިލް ކްލިންޓަންގެ އަރިހުގައި 1997 ގައި
އޯލްބްރައިޓްގެ އާއިލާއިން ނެރުނު ބަޔާނެއް ބުނާގޮތުން އެކަމަނާ އަވަހާރަވީ އާއިލާގެ މެންބަރުންނާއި އެންމެ ގާތް ރަހުމަތްތެރިން އެކަމަނާގެ ހާލުކޮޅު ބެލުމަށްޓަކައި އެކަމަނާގެ އަރިހުގައި ކައިރީގައި ތިއްބަވަނިކޮށެވެ. އެބަޔާން ބުނާގޮތުން އޯލްބްރައިޓް އަކީ މަންމައެކެވެ. އަންބެކެވެ. ދައްތައެކެވެ. މާމައެކެވެ. އަދި މުނިމާމައެއްވެސްމެއެވެ.
މެޑަލިން އޯލްބްރައިޓް އަކީ އަންހެނުންގެ ތަރައްގީއަށާއި މަތީފެންވަރުގެ މަގާމުތަކަށް އަންހެނުން ގެނައުމަށް ގަދައަޅުއްވައި މަސައްކަތް ކުރެއްވި ބޭކަނބަލެކެވެ. އެމެރިކާގެ މިޑިއާއިން އޯލްބްރައިޓް ސިފަކޮށްފައިވަަނީ ކުރީގެ އިނގިރޭސިވިލާތުގައި ބޮޑުވަޒީރުކަން ކުރެއްވި ހަރުކަށި އަންހެން ބޭކަނބަލެއް ކަމަށްވާ މާގްރެޓް ތެޗާއާ އެއްކަހަލަ ވަރުގަދަ އަންހެން ޝަޚްސިއްޔަތެއްގެ ގޮތުގައެވެ. މާގްރެޓް ތެޗާ މަޝްހޫރުވެފައިވަނީ ދަގަނޑު އަންހެންމީހާ ނުވަތަ އަޔަން ލޭޑީގެ ގޮތުގައެވެ. އެއީ އެކަމަނާގެ ހަރުކަށިކަމާއި ގޮތްދޫނުކުރުމާއި ޝަޚްސިއްޔަތު ވަރުގަދަ ކަމުގެ ސަބަބުންނެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އާއި ރައީސް ޖޯ ބައިޑެންވަނީ އޯލްބްރައިޓްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ މެސެޖް ފޮނުއްވާފައެވެ.