24 Mar 2022, 09:14
ދުޅަހެޔޮ މުޖުތަމައަކަށްޓަކައި ރައްކާތެރި އަދި ދެމެހެއްޓެނިވި ނަރުދަމާ ނިޒާމެއް އޮތުމަކީ ވަރަށް މުހިންމުކަމެކެވެ. މިފަދަ ނިޒާމެއް ނެތްނަމަ އިޖްތިމާޢީ، ޢިގްތިސާދީ އަދި ވަކިން ޚާއްސަކޮށް ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ. މިގޮތުން ރާއްޖޭގައި ފެތުރިގެންދިޔަ ނުރައްކާތެރި 2 ބަލިމަޑުކަމަށްވާ ސިގެއްލާއާއި ކޮލެރާގެ ރޯގާވެސް ސީދާގޮތުން ގުޅެނީ ނަރުދަމާއާއި ބޯފެނުގެ ނިޒާމާއޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. 1980ގެ އަހަރުތަކުގެ ފަހުކޮޅުގައި ސަރުކާރުން ޒަމާނީ ފެންވަރުގެ ރައްކާތެރި ނަރުދަމާގެ ނިޒާމެއް މާލޭގައި ޤާއިމްކުރެވި ޙިދުމަތް ފެށިގެން ދިޔައެވެ. އަދި މި ނިޒާމް އޮޕަރޭޓްކޮށް ބެލެހެއްޓުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކުރެވުނެވެ. އިތުރުވަމުންދާ މާލޭގެ އާބާދީއާއި އުސްކޮށް ހަދަމުން އަންނަ ބޮޑެތި ޢިމާރާތްތަކުގެ ސަބަބުން ދިމާވާ އެތަކެއް ގޮންޖެހުންތަކާއި އެކުވެސް، އެމް.ޑަބްލިޔު.އެސް.ސީއިން ދަނީ މި ނިޒާމަށް ބުރުލެއް އެރިޔަނުދީ ރައްޔިތުންނަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
މެދުކެނޑުމެއް ނެތި މިޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެމް.ޑަބްލިޔު.އެސް.ސީގެ މުއައްޒަފުންދަނީ ފަރުދާގެ ފުރަގަހުގައި އެތަކެއް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ނަރުދަމާ ނިޒާމް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށްޓަކައި މިކަމަށް ވަކި ޑިވިޝަނެއް އުފައްދައި، މިކަމަށް ޚާއްސަ މުވައްޒަފުންތަކެއް ވަނީ ކަނޑައަޅައިފައެވެ. ނަރުދަމާ ނިޒާމުގެ ޚިދުމަތައް ބުރުލެއް އެރިޔަ ނުދިނުމަށްޓަކައި، 24 ގަނޑި އިރު މުވައްޒަފުން ޑިއުޓީގައި ބައިތިއްބައިގެން މި ނިޒާމް މޮނިޓަރ ކުރަމުންގެންދެއެވެ. މިގޮތުން، ނެޓްވޯރކާއި، ޕަމްޕްސުޓޭޝަންތައް ޗެކްކުރުމާއި އަދި ނަރުދަމާ ނިޒާމައް ދިމާވާ އެކިއެކި އިމަރޖެންސީ މައްސަލަތައް ހައްލުކުރުން ހިމެނެއެވެ.

އެމްޑަބްލިޔުއެސްސީއިން މާލޭގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރުމުގެ ތެރެއިން-- ފޮޓޯ: އެމްޑަބްލިޔުއެސްސީ
މީގެ އިތުރުންވެސް، ނަރުދަމާ ނިޒާމައް ގެންނަންޖެހޭ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާއި އަދި މަރާމާތުގެ މަސައްކަތްތައް އަބަދުވެސް ދަނީ ކުރަމުންނެވެ. މީގެތެރޭގައި މުޅި މައި ނެޓްވޯރކް ސާފުކުރުމާއި، ޖަންކްޝަންތައް މަރާމާތުކުރުމާއި، ޕަމްޕްތަކާއި ޕަމްޕްސްޓޭޝަންތަކުގެ މަރާމާތާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
" ހުކުރު ދުވަހު ހުކުރު ވަގުތުގައާއި އެހެނިހެން ދުވަސްތަކުގައި ސުކޫލާއި އޮފީހައްދާ ގަޑިތަކުގައި އެންމެން އެއްފަހަރާ ފާޚާނާ ބޭނުންކުރާ ވަރު އިތުރުވުމުން އަޅުގަނޑުމެން ސަމާލުވާން ޖެހޭ ވަރުވެސް އިތުރުވާނެ. އެކަަމަކު ވަރަށް މަދު ފަހަރެއްގައި ނޫނީ ޚިދުމަތް މެދުކެނޑޭ ފަދަ ބޮޑުކަމެއް ދިމައެއް ނުވޭ" ވޭސްޓް ވޯޓަރ އެންޑް ނެޓްވޯރކް ޑިވިޝަންގެ ހެޑް، ފައިސަލް ވިދާޅުވިއެވެ.
މިހާރު އަޅާފައި އޮތް ނަރުދަމާއަށް ވީ ދުވަހާއި އަދި އެޅިއިރު ބޭނުންކުރި ހޮޅީގެ ސައިޒަށް ބެލި ނަމަވެސް، މިހާރުގެ އާބާދީއަށް ކަތާވަރެެއް ނޫނެވެ. ޚިދުމަތް މެދުކެނޑޭފަދަ ބޮޑުކަމެއް ދިމާނުވިޔަސް، ބުރުލެއް އެރިޔަނުދީ އިތުރުވަމުންދާ އާބާދީއަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިހާރުގެ ނަރުދަމާ ނިޒާމައް ގެންނަންޖެހޭ އަޕްގްރޭޑިންގްތަކާއި ބަދަލުތައް ގެނައުމަށް އެމް.ޑަބްލިޔު.އެސް.ސީގެ ވެރިން އަބަދުވެސް ވިސްނުން ގެންގުޅެއެވެ. ފައިސަލް ވިދާޅުވީ އޭގެ ބައެއް މަސައްކަތްތައް މިހާރު ވެސް ކުރިއަށް ދާކަމަށެވެ. މާލޭ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު އަޅާފައިވާ ހޮޅިތައް، ފަލަ ހޮޅިތަކަށް ބަދަލުކޮށް އަދި އިތުރު ޕަމްޕިން ސްޓޭޝަންތައް ވެސް ގާއިމްކުރުމަށް ވަނީ ރާވާފައެވެ. މީގެއިތުރުން ޕަމްޕް ސްޓޭޝަންތަކުގެ ޕަމްޕިންގ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެމްޑަބްލިޔުއެސްސީއިން ނަރުދަމާ ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދަނީ-- ފޮޓޯ: އެމްޑަބްލިޔުއެސްސީ
އާންމުން، ވިސްނާލުމެއް ނެތި ނަރުދަމާގެ ނިޒާމް ބޭނުންކުރުމަކީ ވެސް ކުންފުންޏަށް އޮތް ގޮންޖެހުމެކެވެ. ބައެއް ގޭގޭގެ ދިޔަދޮވިތައް ފާޚާނާ ޖަންކްޝަންއާ ގުޅާފައި ހުރުމުންނާއި، ފާޚާނާ ތައްޓަށް އަޅަން ނުޖެހޭ އެތައް ބާވަތެއްގެ އެއްޗިހި ތައްޓަށް އެޅުމުން ދިމާވާ މައްސަލަތައް ގިނައެވެ.
"ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އަނެއް ކަމަކީ ވިޔަފާރީގެ އުސޫލުން ހިންގާ ބަދިގެތަކާއި ބޭރުމީހުންނައް ކައްކާ ކާންދީ ހަދާ ތަންތަނުން ދޫކުރާ ތެޔޮތައް އޮއިލް ޓްރެޕް އެއް ނުބަހައްޓައި ނަރުދަމާގެ ނިޒާމުގެ ތެރެއަށް ދޫކުރާކަން، މީގެ ސަބަބުން ނަރުދަމާ ނިޒާމުގެ ހޮޅިތައް ބެދުމަަށް މަގުފަހިވޭ، އަދި މިކަމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލު ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި" ފައިސަލް ވިދާޅުވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު ވިދާޅުވީ، ނަރުދަމާ ނިޒާމުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި އަބަދުވެސް ގެންނަންޖެހޭ އަޕްގްރޭޑްތައް ގެނެސް ރައްޔިތުންނާއި ވީހާވެސް ކައިރިން ޚިދުމަތް ފޯރުކޮށްދެމުންދާނެ ކަމުގައެވެ. އަދި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް މެދުކެނޑުމެއްނެތި ރައްޔިތުންނައް ފޯރުކޮށް ދިނުމަށްޓަކައި އެމް.ޑަބްލިޔު.އެސް.ސީގެ މުއައްޒަފުން 24 ގަނޑިއިރު ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ޝާޙުވަނީ އެ މުއައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.