ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން މާލޭގައި ޢިމާރާތްކުރަން އިއުލާންކުރި ފްލެޓްތަކުގެ ތެރެއިން މިހާތަނަށް މަސައްކަތް ނުފެށޭ ފްލެޓްތައް ހުޅުމާލެ އަށް ބަދަލުކުރަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގައި ނޫސްވެރިނަން މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެއަކީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވާއިރު އިތުރު ފްލެޓްތަކެއް މާލޭގައި އެޅުމުގެ ސަބަބުން އިތުރަށް މާލެ ތޮއްޖެހި ވަރަށް ގިނަ ދަތިތަކެއް ދިމާވާނެތީ އެކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ ވިސްނުން ހުރީ މިހާތަނަށް މަސައްކަތް ނުފެށި ހުރި ހަތަރު ފްލެޓެއް ހުޅުމާލެއަށް ބަދަލުކުރުން ކަމަށެވެ.

"މާލޭގައި ތޮއްޖެހުން އިތުރުކުރާކަށް އަޅުގަނޑުމެން ބޭނުމެއްނުވޭ. މަޖީދީމަގުގެ ހާލަތު އޮތްގޮތް މިހާރު ވެސް އެނގިލައްވާނެ. ކުރީގެ އަރަބިއްޔާ ސްކޫލް ހުރިތަނުގައި އެހެރީ ފްލެޓް އިމާރާތްތަކެއް އަޅަން ފަށާފައި. އެތާގައި މީހުން ދިރިއުޅެން ފެށުމުން އިހުސާސްކުރެވޭނެ އެތާގެ ތޮއްޖެހުން. އެއްވެސް ވަރަކަށް ނެތް މާލޭގެ ޑެންސިޓީއަށް މާލޭގެ ސޯސަލް ހާލަތަށް ވިސްނާފައެއް. އަޅުގަޑުމެން ބޭނުމެއް ނެތް އެގޮތަށް އެކަން ކުރިއަށް ގެންދާކަށް،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގައި ފުލެޓް އަޅަން ބިން ސާފްކޮށްފައިވާ ތަންތަނާއި ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ސައިޓުތަކުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށާއި ހުޅުމާލެ އަށް ބަދަލުކުރާ ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ ގްރީންގެއާއި ބޮޑުގެ އަދި މާލޭގެ ކުނިކޮށި ހުރި ސަރަހައްދުގައި އަޅަން ހަމަޖައްސާފައިވާ ފްލެޓްތައް ކަމަށެވެ. ހުޅުމާލޭގައި ފުލެޓްތައް އެޅުމުގެ މަސައްކަތް ކުރުމަށް ބޭނުން ވަނީ މާސްޓާ ޕްލޭނެއްގެ ދަށުން ކަމަށް ވާތީ އެކަމަށް ބޭނުންވާ ތައްޔާރީތައް ފުރިހަމަކުރުމުގެ ގޮތުން ހުޅުމާލޭ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާ ވާހަކަ ދައްކަމުން ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގައި އަޅާ ފްލެޓްތައް ހުލުމާލެއަށް ބަދަލުކުރުމުގެ ބޭނުމަކީ ހާމަކަން ބޮޑުތަނެއްގެ ގޮތުގައި މާލޭގައި ޕާކްތަކެއް ހަދައި ކުޑަކުދިންނަށް ވެސް އިތުރު ޕާކްތައް ހަދައި ވީހާ ވެސް ބޮޑަށް ހުޅުވާލެވިފައިވާ މާހައުލެއް ގާއިމްކުރުން ކަމަށެވެ.