23 Mar 2022, 23:24
ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް އަޅާފައިވާ ފޮށިގަނޑެެއް ހިފައިގެން ފިލަން މަސައްކަތްކުރި މީހާގެ ފަހަތުން ދުވެގެން އެމީހާ ހައްޔަރުކުރި ފުލުހުން މީހާއަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ތައުރީފު ކުރައްވައިފިއެވެ.
ފިލަން ދުވުނު މީހާ ހިފެހެއްޓުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސާޖެންޓް މުއްސަދު އަސްލަމް އެވެ. އޭނާ މަސައްކަތް ކުރަމުން އަންނަނީ މާފަންނު ޕޮލިހުގައެވެ.
ސާޖެންޓް މުއްސަދު އަސްލަމް އާއިއެކު މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު ސީޕީ ހަމީދު ކުރެއްވި ޓްވީޓްގައި ވަނީ ފަހަތުން ދުވެފައި ގޮސް ވަގު ކަލޭގެ އަތުލައިގަތުމަށްފަހު، އެމީހާ ވަގަށް ނަގާފައިވާ ތަކެތި ހޯދައިދިނީ މާފަންނު ޕޮލިހުގެ ރެސްޕޮންސް އޮފިސަރު މުއްސަދު އަސްލަމް ކަމަށެވެ.
ސީޕީ ވަނީ ފުލުހުސް މިހާގެ ޑިއުޓީގައި ދެއްކި ހިތްވަރާއި ސާބިތުކަމުގެ އަގު ވަޒަން ކުރެއްވުމުގެ އިތުރަށް އެކަމުގައި ފަޚުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.

ސީޕީ ހަމީދު އާއި އިތުރު ސޮފިސަރުން، ސާޖެންޓް މުއްސަދު އަސްލަމްއާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ޕޮލިސް
އިތުރަށް ސީޕީ ވިދާޅުވެފައިވަނީ ފުލުހުންގެ އޮފިސަރުންގެ ތެރޭގައި ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި މުއްސަދު ފަދައިން މަސައްކަތް ކުރަމުން އަންނަ އޮފިސަރުން އެބަތިބި ކަން ފާހަގަ ކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުން ވަގެއް ކަމަށް ޝައްކުކުރެވޭ މީހާ ފަހަތުން ޓްރެފިކް ޕޮލިސް މީހާ ބާރަށް ދުވެފައި ދިޔައިރު، އެ ވަގުކަލޭގެ ވަންނަނީ ގެއަކަށެވެ.
ގެއިން އެތެރެއަށް ވަނުމަށްފަހު ސިޑިން އަރަން ފެށުމުގެ ކުރިން ސިޑީގެ އަރިމަތިން އެމީހާ އަތުލައިގަނެވޭތޯ ފުލުސް މީހާ މަސައްކަތް ކުރި ނަމަވެސް އަތުނުޖެހި ސިޑިން އަރައިގެން މައްޗަށް ދެއެވެ. އަދި އެމީހާގެ ފަހަތުން ފުލުސް މީހާ ވެސް ބާރަށް ދުވެފައިދެއެވެ.
ދުވަމުން ގޮސް ހަތަރުވަނަ ފަންގިފިލާއާ ހަމައަށް އެރޭތަނުން އެ ވަގު ކަލޭގެ ވަރުބަލިވެގެން މަޑުކުރަން މަޖުބޫރުވެއެވެ. ފުލުސް މީހާ ވެސް ސިޑީގެ އަތްގަނޑުގައި ހިފައިގެން ހިނގާފައި ކަހަލަ ގޮތަކަށް މައްޗަށް އަރައެވެ.
ފުލުސް މީހާއަށް ވަގު ކަލޭގެ އަތުލައިގަނެވިފައިވަނީ ފަސް ވަނަ ފަންގިފިލާއިންނެވެ. އެއީ ވަރުބަލިވެ އިތުރަށް މައްޗަށް ނޭރިގެން އެމީހާ މަޑުކުރުމުންނެވެ.