ގދ. އަތޮޅު ކައުންސިލް އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި ތިނަދޫ ޕޮލިސް ސްޓޭޝަންގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތަށް މިހާތަނަށް 33 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ތިނަދޫގެ ތަންތާގައި ހުޅުޖެހި މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން މިހާރު ޖުމްލަ 33 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހުން މިހާރު ތިބީ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން 24 ގަޑި އިރު ހަމަވި މީހުންނަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްދީފަ އެވެ.

ތިނަދޫން ހައްޔަރުކުރި މީހުންގެ ތެރޭގައި އެރަށު ފިއުލް ސަޕްލައި އާއި އެސްޓީއޯގެ ބައެއް މުވައްޒަފުން ވެސް ހިމެނެއެވެ. އަދި ތިނަދޫ ޔުޓިލިޓީސް ގޭސް މެނޭޖަރާއި އަޕަ ސައުތު ޔުޓިލިޓީޒް ލިމިޓެޑްގެ ބައެއް މުވައްޒަފުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 ގައި ތައުލީމް ހާސިލުކުރާ ދަރިވަރެއް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ޝިޔާމް ވިދާޅުވީ ތިނަދޫގެ ތަންތަން ރޯކުރި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރަން ޖެހޭ ފަރާތްތައް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ސުވާލު ކުރަން ޖެހޭ ފަރާތްތަކާއި ފުލުހުން އަދިވެސް ސުވާލުކުރަމުން ގެންދާނެ ކަމަށެވެ.

ތިނަދޫގެ ތަންތާގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި މާލެ އިން ވެސް ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. މާލެ އިން ފުލުހުން ހައްޔަރު ކުރީ އެ ރަށު ރިހިވެލި، އަހުމަދު ރިޝާމް ޝަރީފް އެވެ. ގިނަ ދުވަސްތަކަކަށް ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ބުދަ ދުވަހު ވަނީ އޭނާ 10 ދުވަހަށް ގޭބަންދަށް ބަދަލުކޮށްފަ އެވެ.

ފުލުހުން ބުނީ ރިޝާމްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.