19:00


ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އޭނާ އަށް ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ހޯއްދެވުމަށާއި އަބުރުގެ ދައުވާ މިސަރުކާރުގެ މައްޗަށް ކުރައްވާނެ ކަމަށް މުސްތޮފާ ވިދާޅުވެއްޖެ އެވެ.


އެ މައްސަލާގައި ޖިނާއީ ކޯޓުން މުސްތޮފާ މިނިވަންކުރެއްވުމާ ގުޅިގެން ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއެއްގައި މުސްތޮފާ ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާގެ ގެއަށް ތިރީހަކަށް ފުލުހުންނާއި ސިފައިން ވަދެ އޭނާގެ ގަޔަށް އަތްލައްވާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ދަންވަރުގެ ވަގުތެއްގައި އައިސް ނުވަދެވޭނެ ކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ.


މުސްތޮފާ އިތުރަށް ވިދާޅުވީ ޤައުމީ ދިފާއީ ބާރުތަކުގެ އެ އަމަލްގެ ސަބަބުން އެރޭ އޭނާއަށް ހަމަނިދި ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލާއި، އެހާ ދަންވަރުގެ ވަގުތެއްގައި ސިފައިންނާއި ފުލުހުން އެގޮތަށް ގޮސް އެގޭ ތެރެއަށް ވަދެގަތުމުގެ ސަބަބުން އޭނާގެ އާއިލާއަށް ލިބިފައިވާ ނަފްސާނީ ގެއްލުމުގެ ބަދަލުގެ އިތުރުން އޭނާ ހައްޔަރުކޮށްގެން އެގޮތަށް ގެންދިއުމުގެ ސަބަބުން އޭނާ ތަމްސީލްކުރައްވަމުން ގެންދަވާ ދާއިރާގެ މެންބަރުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ވެސް ހޯއްދަވާނެ ކަމަށެވެ.