23 Mar 2022, 17:14
އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާދެކޮޅަށް ހުކުރު ދުވަހު ޕީޕީއެމް އިން ބާއްވަން ނިންމާފައިވާ މުޒާހަރާ ނުބާއްވަން ފުލުހުން އަންގައިފިއެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ "އިންޑިއާ އައުޓް" މުޒާހަރާ ނުބާއްވާން އެންގީ އެ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރުމުން ކަމަށެވެ. އަދި އެ އެއްވުމަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރުއެރުމުގެ ފުރުސަތު ބޮޑު އެއްވުމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި ބުނީ ޕީޕީއެމްއިން ބާއްވަން ހަމަޖެހިފައިވާ މުޒާހަރާއަށް ރަށްރަށުން މީހުން ގެނައުމަށް ހަމަޖެހިފައިވާކަމަށް ފުލުހުންގެ ޚިދުމަތަށް މައުލޫމާތުލިބިފައިވާކަމަށެވެ.
"އަދި ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުންކޮށްގެން މާލޭގެ މަގުތައް ބްލޮކްކޮށް ރައްޔިތުންނާއި އާންމު ދަތުރު ފަތުރާއި ޚިދުމަތްތަކަށް ހުރަސް އެޅޭގޮތަށް ކަންކަން ކުރުމަށް ރޭވުމާއި، މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތަށް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަހައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކުން ދަނީ ރާވަމުންނެވެ." އެ ބަޔާނުގައި ވެއެވެ.
އެ އެއްވުމަކީ ޤާނޫނާއި ޚިލާފަށް ބާއްވާ އެއްވުމަކަށް ވުމުން އެ އެއްވުމުގައި ބައިވެރިވާ އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތައް ފުލުހުން ބަލާ ފާސްކުރާނެކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"...އަދި މިފަދަ އެއްވުމެއް ބާއްވައިފި ނަމަ އެއްވުން ރޫޅާލާ، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަދަންނަވަމެވެ." އެ ބަޔާނުގައި ވެއެވެ.