ރޭގަނޑު ބާރަގަޑިބަޔަށް ވުރެ ބޮޑުވެއްޖެއެވެ. މިންހާއަށް ހޭލެވުމާއެކު އޭނާ ވަށައިގެން ބަލައިލިއެވެ. އެޑްމިޓް ކުރެވުނީ ވޯޑުގައި ނަމަވެސް، މިހާރު އޭނާއަށް އޮވެވުނީ ތަނަވަސް ކޮޓަރިއެއްގައެވެ. އެތަނުގައި އިތުރު މީހަކު ނެތެވެ. ވަށައިގެން ބަލަމުން ދަނިކޮށް ދޮރު ހުޅުވައިލުމާއެކު މިންހާއަށް އެ ދިމާލަށް ބަލައިލެވުނެވެ.

އެތެރެއަށް ވަދެގެން އައި ޝިޒާން ފެނި މިންހާއަށް އެދިމާލަށް ބަލަހައްޓައިގެން އޮވެވުނީ ހައިރާންކަމާއެކުގައެވެ. އޭނާ ހީކުރީ ޝިޒާން ފުރީ ކަމަށެވެ. އަބަދުގެ އަބަދަށް އޭނާއާ ވަކިވީ ކަމުގައެވެ. ދެން ދުވަހަކުވެސް ޝިޒާން އޭނާއަށް ނުފްނާނެ ކަމުގައެވެ. އެހެންނަމަވެސް އެގޮތަށް ޝިޒާން ފެނުމުން މިންހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިގެން ދިޔައެވެ. ޝިޒާންއަށްޓަކައި އެ ހިތުގައި ޖަހަމުންދިޔަ ވިންދުގެ އަޑުވެސް ބާރުވެލި ފަދައެވެ. މިންހާގެ ހިތުގެ ތެޅުން ބާރުވެލިއެވެ. އޭނާއަށް މެއާ ދިމާލުގައި އަތް ޖައްސައިލެވުނެވެ. ބޭނުންވަނީ ޝިޒާންގެ އަތުގެ ހިމާޔަތް ލިބިގަތުމަށެވެ. އެމޭގައި މޫނު ފޮރުވައިލުމަށެވެ. ހިތް ފުރޭންދެން ރޯލުމަށެވެ. މާފަށް އެދުމަށެވެ. އުމުރު ދުވަހު އޭނާއާއެކު ވުމަށް ބުނަން ބޭނުންވިއެވެ. އެ ހިތުގައިވި ލޯބި ފާޅުކުރުމަށްޓަކައި މިންހާ ވަނީ ކެތްމަދުވެފައެވެ.

ޝިޒާން ލަސް ހިނގުމެއްގައި އައިސް މިންހާގެ އެނދުގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. އެއަށްފަހު ވަރަށް ފުން ނަޒަރަކުން މިންހާއަށް ބަލައިލިއެވެ. މިންހާގެ މޫނުމަތީގައިވީ އަސަރުތައް ޝިޒާންއަށް ފަހުމްވިއެވެ.

"ކިހިނެއް؟" މިންހާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު، ޝިޒާން އެ ނަޒަރު ނިކަން އަވަހަށް ދުރުކޮށްލިއެވެ. ޝިޒާންގެ އެ ދުރުކަމުން މިންހާއަށް އުނދަގޫވިއެވެ.

"ރަނގަޅު..." މިންހާއަށް އެހެން ބުނެވުނުއިރު އޭނާގެ އަޑު ކުރެހުނެވެ. ތުންފަތުގައި ދަތް އަޅައިލުމާއެކު، އޭނާ އިސްޖަހައިލިއެވެ. މިންހާއަށް އައި ކުއްލި ބަދަލު ޝިޒާންއަށް ދެނެގަނެވުނެވެ.

"މިންހާ!" ޝިޒާން މިންހާއަށް ގޮވައިލުމުންވެސް މިންހާ އިސްއުފުލައިނުލިއެވެ. ޝިޒާން އެނދާ ކުޑަކޮށް ކައިރިވެލިއެވެ. އެއާއެކު މިންހާ ތެދުވެލުމަށްފަހު، ޝިޒާންގެ އުނަގަނޑުގައި އޭނާގެ އަތް ވަށައިލިއެވެ. މިންހާއަށް އޭނާގެ ކަރުނަތައް ކޮންޓްރޯލްއެއް ނުކުރެވުނެވެ. އޭނާއަށް ރޮވެން ފެށުނެވެ. ޝިޒާންއަށް ވެސް ހަދާނެ ގޮތެއް ނޭނގުނެވެ. އޭނާ ހުރީ މިންހާގެ ގައިގައި އިނގިލި ކުރި ޖައްސައިލަން ވެސް ނުކެރިފައެވެ. މިންހާ އޭނާގެ އަތުން ޝިޒާންގެ އުނަގަނޑުގައި ބާރަށް ބައްދައިލިއެވެ. ޝިޒާން ވެސް އިރުކޮޅަކު އެހެން ހުރުމަށްފަހު، މިންހާގެ ގައިގައި އަތް ވަށައިލިއެވެ.

"އައި ލަވް ޔޫ..." މިންހާ މަޑުމަޑުން ބުނެލިއެވެ. އެހެން ބުނެލިލެއް މަޑުކަމުން ޝިޒާންއަށް ވެސް އެ ބުނި އެއްޗެއް ފަހުމެއް ނުވިއެވެ.

"ކީކޭ މިންހާ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"އައި ލަވް ޔޫ..." މިންހާ ކުޑަކޮށް އޭނާގެ ބޯ އުފުއްލައިލުމަށްފަހު، ޝިޒާންއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވީއިރު، ޝިޒާންގެ އެ ޓާކިޝް ގްރީން ކުލައިގެ ދެލޯ މިންހާއަށް ފެނުނީ ކަރުނައިގެ ސަބަބުން ފުސްކޮށެވެ. ކުއްލިއަކަށް މިންހާ އެހެން ބުނުމުން ޝިޒާންގެ ތުންފަތް މައްޗަށް ލުއި ނަމަވެސް ހިނިތުންވުމެއް ވެރިވާން އުޅުނުހެން ހީވިއެވެ. ޝިޒާން އެއްޗެއް ނުބުނުމުން މިންހާ އަނެއްކާވެސް އޭނާ ބުނެލި ޖުމްލަ ތަކުރާރުކޮށްލިއެވެ.

"އަހަރެން ދޫކޮށްލާފައި ނުދައްޗޭ..." މިންހާ ބުނެލިއެވެ. ޝިޒާން މިފަހަރުވެސް އެއްޗެއް ނުބުނެއެވެ.

"ޝިޒާން. ކީއްވެތަ ވާހަކަ ނުދައްކަނީ؟ ކީއްވެތަ އަހަންނަށް ހަޤީގަތް ކިޔައިނުދިނީ؟" މިންހާ ސުވާލުކޮށްލިއެވެ.

"އަހަންނަށް ހުރިހާ ހަޤީގަތެއް އެނގިއްޖެ. ޝިޒާންގެ ޑައިރީ... ޝިޒާންގެ ޑައިރީ އަހަރެން ކިޔައިފިން." މިންހާ ބުނެލިއެވެ.

ވީގޮތް ޝިޒާންއަށް ނަގައިގަނެވުނެވެ. އޭނާ މިންހާގެ ކަރުނަތައް ފުހެލީ ލޯތްބާއެކުގައެވެ.

"އަހަންނަށް މިހާރު އިޙްސާސްވެއްޖެ އަހަރެން ހަޤީގަތުގައި ލޯބިވަނީ ޝިޒާން ދެކެކަން. އާހިލް ފަހަތުން އުޅުނީ އަހަރެންގެ މޮޔަކަމުން. އަހަރެން ބޭނުމެއް ނޫން ޝިޒާންއާ ދުރުވާކަށެއް." މިންހާ ބުނެލިއެވެ.

"ތިހެން ބުނަން ތިހާ ގިނައިރުވީ ކީއްވެތަ؟ އަހަރެން ވަރަށް ލޯބިވޭ މިންހާދެކެ." ޝިޒާން ބުނެލިއެވެ. އޭނާ މިންހާ ގާތު ނުރުއިމަށް ބުނެލިއެވެ. މިންހާ އެގޮތަށް ރޯތަން ބަލަން އޭނާއަށް ކެތްނުވާނެކަމުގައި ޝިޒާން ބުނެލިއެވެ. މިންހާގެ ކަރުނަތައް ފުހެލަދިނުމަށްފަހު، ޝިޒާން މިންހާގެ ކޯތާފަތުގައި ފިރުމައިލިއެވެ. މިންހާ އޭނާގެ ދެލޯ މަރައިލިއެވެ. ލިބުނު ދައުވަތު ގަބޫލުކުރުމަށްފަހު، ޝިޒާން ވެސް މިންހާގެ މޫނާ ދިމާލަށް ގުދުވެލިއެވެ. ޝިޒާންގެ ހޫނުނޭވާތައް އޭނާގެ މޫނަށް އެޅެން ފެށުމުން މިންހާގެ ހިތުގެ ވިންދު އަވަސްވިއެވެ. އޭނާއަށް ޝިޒާންގެ ގިރުވާނުގައި ހިފައްޓައިލެވުނެވެ. އެ ވަގުތުކޮޅު މެދުކެނޑުނީ ކޮޓަރީގެ ދޮރުގައި ކޮންމެވެސް މީހަކު ޓަކި ޖަހައިލުމާއެކުގައެވެ.

އެތެރެއަށް ވަތް ޑޮކްޓަރާ ނަރުސް ކުއްޖާ ފެނުމާއެކު ދެމީހުުންވެސް ދުރުވެލިއެވެ. ޑޮކްޓަރު އެމީހުން ނެގި އެކްސްރޭ އާއެއްޗެހި ހިފައިގެން އައިސް ކުޑަކޮށް ފައިގެ ކަށިމައްޗަށް އަނިޔާވެފައިވާކަމުގައި ބުންޏެވެ. ކާން އަދި އުނގުޅަން ބޭސް ދިނުމަށްފަހު، މިންހާ ދޫކޮށްލިއެވެ. ޝިޒާން މިންހާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ލަދުވެތިކަމާއެކު މިންހާ ވެސް އިސްދަށަށް ޖަހައިލިއެވެ.

ޑޮކްޓަރު ނުކުމެގެން ދިޔުމާއެކު މިންހާ ޝިޒާންއަށް ބަލައިލުމަށްފަހު، ސުވާލުކޮށްލިއެވެ.

"ޝިޒާން ނުދަނީތަ؟"

"މިންހާ ދޫކޮށްލާފައި ކިހިނެއްތަ ދާނީ؟" ލާނެއް ގޮތަކަށް ޝިޒާން ބުނެލިއެވެ.

** * * * *

މިންހާ ކޮޓަރީގައި ބެހެއްޓުމަށްފަހު ޝިޒާން ދިޔައީ ރާއްޖެ ދޫކޮށް ދިޔުމުގެ ބޭނުމުގައެވެ. އެއްފަރާތުގައި ހުރި ފޮށި ނަގައިގެން އޭނާ ދިޔައިރުވެސް މިންހާ ހުރީ ފުރަގަސްދީގެންކަމުން އެކަމެއް މިންހާއަކަށް ނޭނގެއެވެ. ޝިޒާން ނުކުމެގެން ދިޔުމުގެ ކުރިން ރާމިޒާއަތަށް ފައިލް ދިނުމަށްފަހު މިންހާއާ ހަވާލުކުރުމަށް އެދުނެވެ. ރާމިޒާމެންނާ ވަދާޢީ ސަލާން ކުރުމަށްފަހު ޝިޒާން ޑްރައިވަރާއެކު، އެއާރޕޯޓަށް ދިޔުމަށް ކާރުގައި ނައްޓައިލިއެވެ.

ވަކި ހިސާބަކުން އޭނާގެ ވިސްނުން ބަދަލުވިއެވެ. މިންހާގެ މޫނުމަތިން އޭނާއަށް އާދަޔާ ޚިލާފް އަސަރުތަކެއް ފާހަގަކުރެވުނެވެ. ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބުނުނަމަވެސް، އެކަން އެގޮތަށް ގަބޫލުކުރާކަށް ޝިޒާން ބޭނުމެއް ނުވިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. މިންހާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ސިކުނޑި އޭނާއަށް ވިސްނައިދެމުން ދިޔަނަމަވެސް، ހިތް ދިޔައީ ކެނޑިނޭޅި އެކަމާ ދެކޮޅު ހަދަމުންނެވެ. އެހެންކަމުން އެންމެފަހުން އެހިތުގެ އަޑު އަހާ ޝިޒާން ރާއްޖޭން ބޭރަށް ނުދާން ނިންމިއެވެ. އެހެންނަމަވެސް ގެއަށް ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ޝިޒާން ދާން ނިންމީ އޮފީހަށެވެ. އޭނާ އެ ދުވަހު އެކީ އޮފީހުގައި ހޭދަކުރުމަށްފަހު، ގެއަށް ގޮސް ވަތްއިރު، ރާމިޒާއާ ނީނާއާ ދެމީހުން ބޮޑުކޮޓަރީގައި ހާސްކަމާއެކު ތިބީ މިންހާ ވީތަނެއް ނޭނގިފައެވެ.

"ކިހިނެއްވީ ރާމިޒައްތާ؟" ރާމިޒާގެ މޫނުމަތީގައިވީ އަސަރުތަކުން ޝިޒާންއަށް ސުވާލުކޮށްލެވުނެވެ.

"މިންހާއެއް ނެތް. އެއްވެސް ތަނަކު ނެތް." ރާމިޒާ ހާސްކަމާއެކު ބުނެލިއެވެ. ޝިޒާން އޭނާގެ ފޯނު ނަގައި ބަލައިލިއެވެ. މިންހާ އޭނާއަށް ގުޅުމުންވެސް އޭނާއަށް ފޯނު ނުނެގުނީތީ ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ.

އޭނާ މިންހާގެ ނަންބަރަށް ގުޅައިލިއެވެ. އެއާއެކު ފޯނު ނެގީ މިންހާ ނޫންކަން އޭނާއަށް އެނގުނެވެ. މިންހާ އޮތީ ހޮސްޕިޓަލުގައި ކަން އެނގުމާއެކު ޝިޒާން އަވަސް އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. އަދި މިންހާ ޕްރައިވެޓް ރޫމަކަށް ބަދަލުކުރިއެވެ.

** * * * * *

ހޮސްޕިޓަލުގައި ނިންމަން ޖެހޭ ކަންތައް ނިންމައިލުމަށްފަހު، އެ ދެމީހުންނަށް ގެއަށް ދެވުނުއިރު، ގަޑިން ދެއެއް ޖަހާ ބޮޑުވެއްޖެއެވެ. މިންހާއަށް ނުހިގޭނެތީ ޝިޒާން މިންހާ ގޮވައިގެން އައިސް ގެއަށް ވަނީ އޭނާގެ އަތްދަނޑި މައްޗަށް މިންހާ އުފުލައިލައިގެންނެވެ. އެތެރެއަށް ވަތްއިރު އެކަކުވެސް ފެންނާކަށް ނެތެވެ.

ޝިޒާން މިންހާއާއެކު ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެއާއެކު އޭނާއަށް ހައިރާންކަމާއެކު މިންހާއަށް ބަލައިލެވުނެވެ. އެ ކޮޓަރި ތެރެއަށް ހީވަނީ ތޫފާނެއް އަރާފައިވާހެންނެވެ. މިންހާ ތުންފަތުގައި ދަތް އަޅައިލިއެވެ.

"އައި އެމް ސޮރީ..." މިންހާ މަޑުމަޑުން ބުނެލިއެވެ.

"ދެން މިރޭ އަހަރެން ނިދަން ޖެހޭނީ މިންހާގެ ކޮޓަރީގައެއްނު." ޝިޒާން ބުނެލިއެވެ. އެއާއެކު މިންހާގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ. މިންހާ އެހެން އޮވެފައި ޝިޒާންގެ މޭގައި މޫނު ފޮރުވައިލިއެވެ. ޝިޒާން މިންހާ ގޮވައިގެން ގޮސް މިންހާގެ ކޮޓަރިއަށް ވަނެވެ. އެއަށްފަހު، އޭނާ މިންހާ އެނދުގައި ބާއްވައިލިއެވެ. ކަމެއް ބޭނުންވެއްޖެނަމަ އޭނާއަށް ގޮވައިލަން ބުނުމަށްފަހު، ޝިޒާން ހިނގައިގަންނަން އުޅުނެވެ. އެއާއެކު މިންހާ ޝިޒާންގެ އަތުގައި ހިފައްޓައިލިއެވެ. އެއަށްފަހު އެނދުގެ އަނެއް ފަރާތަށް ލޮލުން އިޝާރާތް ކޮށްލިއެވެ.

ޝިޒާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އުޅުނީ ކޮންމެެހެން ދާކަށް ވެސް ނޫނެވެ. އެކަމަކު މިންހާ ކަންތައް ކުރާ ގޮތެއް ބަަލައިލަން ބޭނުންވީއެވެ. ގުދުވެލުމަށްފަހު މިންހާގެ ނިތަށް ބޮސްދީފައި ޝިޒާންވެސް ގޮސް އަނެއްފަރާތުގައި އޮށޯވެލިއެވެ. ލައިޓްގެ އަލި ފަނޑުކޮށްލުމާއެކު، ޝިޒާން މިންހާގެ ގައިގައި ބައްދައިލިއެވެ. މިންހާވެސް މިރޭ ބޭނުންވަނީ ޝިޒާންގެ އެ އަތުގެ އޯގާތެރިކަމެވެ. އެހެންކަމުން އޭނާވެސް ޝިޒާންގެ އަތުގެ ހިމާޔަތް އެންމެ ފުރިހަމަ ގޮތުގައި ލިބިގަތެވެ.

*****

ތިން މަސް ފަސް

ލޯންޗް އައިސް ރަށުގެ ފަޅުތެރެއަށް ވަނުމާއެކު، މިންހާއަށް ޝިޒާންގެ އަތަށް ބާރުކޮށްލިއެވެ. އެ ތުންފަތް މަތީގައި ހިނިތުންވުމެއް ވެއެވެ. މިންހާއާ ޝިޒާންގެ އިތުރުން ޔޫލިންއާއި އައިހަމްގެ އިތުރުން ރައިހާންއާއި ނުހާވެސް އެ ދަތުރުގައި ބައިވެރިވެއެވެ. ރައިހާންވެސް މިހާރު މަސައްކަތްކުރަމުންދަނީ މާލޭގައެވެ. އޭނާ ފުލުހުންގެ އިދާރާއާ ގުޅުނުތާ މާގިނަ ދުވަހެއް އަދި ނުވާއިރު، އެއްމަސްފަހުން ޓްރެއިނިންގްއަށް ދާން ވަނީ ހަމަޖެހިފައެވެ. ރައިހާން ނުހާއަށް ބަލައިލުމަށްފަހު، ދޫ ނެރިލިއެވެ. ނުހާވެސް އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. ރައިހާންއާއި ނުހާއާ ދެމީހުން އެކަކު އަނެކަކާ އެންމެ ފުރަތަމަ ދިމާވީ ޔޫލިންގެ ކައިވެނީގެ ހަފްލާ ތެރެއިންނެވެ. އޭގެ ފަހުން ޔޫލިންމެން ގެއިންވެސް އެތަކެއްފަހަރަކު އެދެމީހުން ދިމާވެފައިވެއެވެ. އެހެންނަމަވެސް އެ ދެމެދުގައި އަބަދުވަސް ވަނީ ދެބަސްވުމާ އަރައިރުންވުމެވެ. އެކަމާ ގުޅުވައިގެން މިންހާމެން އެ ދެމީހުންނާ ދިމާކޮށްވެސް ހަދައެވެ. ނަފްރަތަކީ ލޯބީގެ ފެށުންކަމަށް ބުނެއެވެ. މިހާރު އެމީހުން އެންމެންގެ އުންމީދަކީވެސް ނުހާއާ ރައިހާންއާ ގުޅުމެވެ. ޚާއްސަކޮށް ޔޫލިންއެވެ. މިންހާ މަތިން ހަނދާން ނައްތައިލުމަށްފަހު، ރައިހާން އެހެން ކުއްޖަކާ ގުޅުމަކީ ޔޫލިންގެ ހިތުގެ އެދުމެވެ.

ލޯންޗުން ފޭބިއިރު، މިންހާގެ ބޮޑުދައިތަ ޒުބައިދާއާއި ސަކީނާގެ އިތުރުން ރަތީބްވެސް ތިއްބެވެ. އެމީހުން އެންމެން ފައިބައިގެން އެންމެ ފުރަތަމަ ދިޔައީ ސަކީނާމެން ގެއަށެވެ. އެގޭގައި އެންމެންނަށް ސައި ހަދާފައިވާއިރު، ތަފާތު ބާވަތްތަކުން ސުފުރާ މަތި ވަނީ ފަޅުފިލުވާލާފައެވެ.

"ކޮން އިރަކުން ޝިޒާން މާމަމެން މިކޮޅަށް އަންނަނީ؟" ޒުބައިދާ އޭނާއަށް މިންހާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި ސުވާލުކޮށްލިއެވެ.

"މާމަމެން ވެސް އެބަ އުޅޭ މާލޭގައި. މިއަދު އަހަރެމެން އެންމެންނާއެކީ އަންނަން އުޅެފަ އެކޮޅުގަ ނާދެވިފަ ހުރި ނަވާ މާދަން އަންނާތީ އޭނައާއެކީ އަންނަންވެގެން މަޑުކުރީ..." ޝިޒާން ބުނެލިއެވެ.

"އެއީ ކީއްވެގެން އެންމެން އައިއިރު ނާދެވުނީ؟" ސަކީނާ ސުވާލުކޮށްލިއެވެ.

"އެއި ކިޔެވުމުގެ ކޮންމެވެސް ކަމެއް އޮވެގެން." ޝިޒާން ޖަވާބުދިނެވެ.

"އެކަނިތަ އޭނަ އަންނަނީ އެހާ ދުރުން؟" ޒުބައިދާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ނޫނޭ... ލީވާން އާއެކީ." ޝިޒާން އޭނާގެ އާއިލާއާ ބެހޭ ބައެއް ވާހަކަތައް ކިޔައިދިނެވެ.

"ރައިހާންވެސް ދެން މީހަކާ އިންނަން ވިއްޔޭ ދޯ ރަތީބް. އަހަރެމެން އެންމެ އިންތިޒާރުކުރާ ދުވަހަކީ އެއީ..." ސަކީނާ ބުނެލިއެވެ. ޔޫލިންއަށް ބަލައިލެވުނީ ނުހާއާ ދިމާލަށެވެ. އޭރު ނުހާ ވެސް އިނީ ފާޑަކަށް ރައިހާންއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ޔޫލިން މިންހާގެ ފައިގައި އޭނާގެ ފައިން ޖަހައިލިއެވެ. މިންހާ ބަލައިލުމާއެކު އޭނާ އެ ދެމީހުންނަށް އިޝާރާތް ކޮށްލިއެވެ. ޝިޒާންއާއި އައިހަމްވެސް އެ ނަޒަރު ނަގައިގަނެވުނެވެ.

"އާނ. އަސްލުވެސް. އިންނަން އުޅޭ ދެން ރައިހާން. މީނީ ނުހާވެސް ހުސްކޮށް. ދޯ ނުހާ..." އައިހަމް ބުނެލިއެވެ. އެއާއެކު ޖޫސްތަށި ތުމުގައި ޖެހި ނުހާ ކޮށި އަރާގޮތްވިއެވެ.

"އައްޗީޑި... އޭނައާ..." ރައިހާން ބުނެލިއެވެ.

"އައްޗީޑިއޭ. ބަލަ މަމީ ހަޑި މީހެކޭތަ ތިބުނީ؟" ނުހާވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ވެސް ރައިހާންއަށް ޖެއްސުން ކުރަން ފެށިއެވެ.

"މިފަހަރު ޖެހޭނެ ދެމީހުން ތަތްކުރުވަން." ޔޫލިން މިންހާގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ.

"އިނީމައޭ ލޯބިވެސް ވެވޭނީ ދޯ. ނަފްރަތަކީ ލޯބީގެ ފެށުމޭ މީހުން ބުނެއެއްނު." މިންހާ ވެސް ދިމާކުރަން ފެށިއެވެ.

"އެތެދެކޭ... މީހަކާ އިނީމަތާ މާމަކުދިން ވެސް ލިބޭނީ ދެން." ސަކީނާ ބުނެލިއެވެ.

"އެހެރީ މަންމަގެ އަންހެން ދަރިފުޅު މީހަކާ އިދެގެން. އޭނަ ކަންނޭގެ އެންމެ އަވަހަށް މާމަ ކުއްޖަކު ދޭނީ... އޯހް. ސޮރީ މިންނު ދޯ..." ރައިހާން ބުނެލިއެވެ. މިންހާ ލަދުގަންނަ ގޮތްވިއެވެ. އެތަނުގައި ތިބި އެންމެންނަށް އޭނާ ބަނޑުބޮޑުކަން އެނގުނުނަމަވެސް، އެންމެންގެ ނަޒަރު ކުއްލިއަކަށް އޭނާއަށް އަމާޒުވުމުން ލަދުގަތީއެވެ. އެފަދަ ވާހަކަތަކެއްގައި ތިބެ ކެއުންވެސް ނިމިއްޖެއެވެ. ޔޫލިންމެން އެމީހުން ގޭގައި މަޑުކުރިއިރު، މިންހާއާއި ނުހާގެ އިތުރުން ޝިޒާން ދިޔައީ މިންހާމެން ގެއަށެވެ.

ޖެހިގެން އައި ދުވަހު، ނޫރުލް ހުދާމެން އެންމެންވެސް އެ ރަށަށް އަތުވެއްޖެއެވެ. އެ ހަފްތާ ފާއިތުވެގެން ދިޔައީ މަޖާކުރުމުގައެވެ. ދަތުރުދިޔުމާ މަސް ދަތުރު ގޮސް ތަފާތު ކުޅިވަރުތައް ކުޅުމުގައެވެ. މެހެރީން ޝިޒާންއާ މަދުމަދުން ވާހަކަ ދެއްކި ނަމަވެސް، ލީވާންގެ ހިތުގައި އަދިވެސް ޝިޒާންއާ މެދު ވަނީ ނަފްރަތެވެ. ރުޅިވެރިކަމެވެ. މެހެރީންއަށް އައި އެ ކުޑަކުޑަ ބަދަލުންވެސް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ނުހައިލް އަށެވެ. އޭނާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން މެހެރީން ޝިޒާންއަކީ އޭނާގެ ވެސް ދަރިއެއްކަމަށް ޤަބޫލުކުރުމެވެ. ލީވާންގެ ފަރާތުން ޝިޒާންއަށް ކުރާ ނަފްރަތަށް އިތުރު ބަދަލެއް ނައި ކަމުގައިވީނަމަވެސް، ނުހައިލްގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން ޝިޒާންއާ ލީވާންއާ ދެމީހުންވެސް އެކަކު އަނެކަކާ ގުޅިގެން އުޅުމެވެ. ނަވާއަށް ވެސް ހީވަނީ އެފަދަ ރަށަކަށް އާދެވުމުން ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ.

ރޭގަނޑުގެ ވަގުތެވެ. ޖެހެމުން ދަނީ ތެތްފިނި ލުއިލުއި ވައިޅޯޅިތަކެކެވެ. ފަލަކުގައި އިން ހަނދުވެސް ތަރިތަކުގެ ދަރުބާރުގައި ރަސްކަން ކުރަމުން ދިޔައީ ހަނދުވެރުގެ ރިހި އަލި ދުނިޔެއަށް ފަތުރަމުންނެވެ. ރޭގަނޑުގެ އެ އަނދިރި ކަމުގެ ތެރެއިން މިންހާމެންގޭ ގޯތިތެރެއަށް އިތުރު ފުރިހަމަކަމެއް ގެނެސްެދެނީ ރޯކޮށްފައިވާ އަލިފާންގަނޑުގެ ސަބަބުންނެވެ. އެންމެންވެސް އަވަދިނެތި އުޅުނީ ބާބެކިޔުއަށް އެއްޗެހި ތައްޔާރުކުރުމުގައެވެ. މުޅި ގޯތިތެރޭގައިވެސް ވަނީ އެންމެންގެ ހުނުމާ ސަކަރާތުގެ އަޑު ގުގުމާލާފައެވެ. ރައިހާންއާ ނުހާ އާ އެކަކު އަނެކަކަށް ޖެއްސުން ކުރަމުން ދިޔައެވެ. ކުކުޅު ފައިތަކުގައި ލޮނުމިރުސް ލާން ހުރި ނުހާގެ ކައިރިއަށް ޖެހިލުމަށްފަހު، ރައިހާން ކުއްލިއަކަށް ހަޅޭއްލަވައިގަތުމާއެކު، ނުހާދިޔައީ ސިއްސައިގެންނެވެ. ހަދައިލެވުނު ގޮތަކުން ފައި އަރި އަޅައިލުމަށްފަހު ނުހާ ވެއްޓެން ދިޔައެވެ. އެއާއެކު އޭނާގެ އަނގައިން ތޫލި ހަޅޭކެއްގެ އަޑު ނުކުތެވެ. ނުހާ ވެއްޓުމުގެ ކުރިން ރައިހާން ހުޝިއާރުކަމާއެކު ނުހާ ހިފެއްޓިއެވެ. ވެއްޓިދާނެ ކަމުގެ ބިރު ހީވެ ލޯމަރައިލި ނުހާ ލޯ ހުޅުވައިލިއިރު، އޭނާއަށް ދާދިގާތުން ފެނުނު ރައިހާންގެ ސޫރައާއެކު ކުޑަކޮށް ސިހުން ލިބުނެވެ. އެހިތަށް ކޮންމެވެސް ކަހަލަ އަސަރުތަކެއް ރައިހާންގެ ތޫނު ނަޒަރުން މިފަހަރު ކުރުވިއެވެ. ޚުދު ރައިހާންއަށްވެސް ހިނދުކޮޅަކު ނުހާގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ހުރެވުނެވެ. އެންމެންގެ މަލާމާތާއި ހުނުމުގެ އަޑާއެކު ދެމީހުންނަށް ވެސް ހަމަބިމަށް އާދެވުނެވެ. ރައިހާން ނުހާއާ ދުރުވެލިއެވެ. އެއަށްފަހު އޭނާއަށް ބޯ ކަހައިލެވުނެވެ.

"ނަފްރަތު ރޮމޭންސްއަށް ބަދަލުވަނީތާ ދޯ! މާގިނަ ދުވަހެއް ނުނެގިއެއްނު." މިންހާ ދިމާކޮށްލިއެވެ. އޭނާއާ އެއްބައިވެގެން ދެން ތިބި މީހުންވެސް އެ ދެމީހުންނާ ވާހަކަ ދައްކަން ފެށިއެވެ.

ބާބެކިޔު ނިންމައިލުމަށްފަހު، އެއްޗެހިތައް ނަގާ ސާފުކޮށްފައި ގެއަށް ވަދެވުނުއިރު، މެންދަމުން އަލިވެ ދެއެއް ޖަހަނީއެވެ. މިންހާއާ ޝިޒާންއާ ދެމީހުންވެސް ވެފައިހުރި ވަރުބައްޔާއެކު ގޮސް ކޮޓަރިއަށް ވަނެވެ. ކުއްލިއަކަށް ޝިޒާން ޖެހި ލުއްކާއެކު މިންހާ އައިސް ތަތްވީ ޝިޒާންގެ މޭމަތީއެވެ.

"އައި ލަވް ޔޫ..." މިންހާގެ ކަންފަތް ދޮށުގައި ޝިޒާން އެހެން ބުނެލުމާއެކު، މިންހާގެ މުޅި ގައިންވެސް ހީބިހި ނަގައިގެން ދިޔައެވެ.

"އައި ލަވް ޔޫ ޓޫ..." އިސްޖަހައިލަމުން މިންހާ ބުނެލިއެވެ.

"އަހަންނާ ދިމާލަށް ބަލައިލާފަ ބުނެބަލަ!" ޝިޒާން މިންހާގެ ދަތްދޮޅީގައި ހިފާ އިސްއުފުލުވައިލިއެވެ. ޝިޒާން އެ ދެމެދުގައިވާ ދާއިރާ އިތުރަށް ހަނިކޮށްލަމުން މިންހާއާ ކައިރިވެލިއެވެ. އެއަށްފަހު ލޯބިވެތި ހަދިޔާއެއް އޭނާ މިންހާއަށް ދިނެވެ. އިރުކޮޅެއް ފަހުން ޝިޒާން ދުރުވެލިއިރު، މިންހާގެ ތުންފަތްމައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިވިއެވެ. މިންހާގެ ބަނޑުގައި އަތް ޖައްސައިލުމަށްފަހު، މިހާރު އޭނާއަށް އެންމެ އިންތިޒާރުކުރެވެނީ އެމީހުންގެ ކުޑަކުޑަ ދަރިފުޅު މިދުނިޔެއަށް އަންނާނެ ވަގުތަކަށްކަމުގައި ޝިޒާން ބުނެލިއެވެ. ޝިޒާން އަނެއްކާވެސް އޭނާ މިންހާ ދެކެ އިންތިހާ ލޯބިވާކަމުގައި ބުންޏެވެ. އެއަށްފަހު އޭނާ މިންހާގެ ނިތުގައި ބޮސް ދިނެވެ. އޭނާގެ އުންމީދަކީ އުމުރު ދުވަހުވެސް ދެމީހުން އެކުގައި ވުމެވެ. މިއަދު މިންހާ އަކީ އޭނާގެ މީހެކެވެ. އޭނާ އެ ލޯތްބަކަށް އެދިއެދި ހުރި ލޯބިމިއަދު އެވަނީ އޭނާއަށް ލިބިފައެވެ.

(ނިމުނީ)

ٱلْحَمْدُ لِلَّٰهِ. ވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީޤް ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަން. ވާހަކަ ފެށިގެން ނިމެންދެން ވިދާޅުވި ހުރިހާ ކިޔުންތެރިންނަށްވެސް ވަރަށް ބޮޑަށް ޝުކުރުދަންވަން. ވާހަކަ ކުރިއަށް ގެންދެވުނީ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ދެއްވި ތަރުހީބާއި އެއްބާރުލުމުގެ ސަބަބުންކަން އުފަލާއިއެކު ފާހަގަކޮށްލަން. ހަމައެއާއެކު ވާހަކަ ފެށިގެން ނިމެންދެން ކޮމެންޓްކޮށްލި ހުރިހާ ކިޔުންތެރިންނަށްވެސް ހިތުގެ އިޚްލާސްތެރި ޝުކުރުރައްދުކުރަން. މި ވާހަކައަކީވެސް އިބްރަތްތެރި ތިޔަކިޔުންތެރިންނަށް ކަމުދިޔަ ވާހަކައަކަށް ވީކަމަށް އުންމީދުކުރަން.

ޝުކުރިއްޔާ!