ކާބުލް (މާޗް 17) : އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ޢަސްކަރީ ހެލިކޮޕްޓަރެއްވެއްޓި އެއިން ދަތުރުކުރި 12 މީހުންނާއި އަފްޣާން ކުޑަދެއަންހެންކުއްޖެ މަރުވެއްޖެވެ.

އިއްޔެ ހަވީރު ހިނގި މިޙާދިސާގައި ވެއްޓިފައިވަނީ ނޭޓޯގެ ބާރުތަކުގައި ހިމެނޭ ތުރުކީގެ ޢަސްކަރީ ހެލިކޮޕްޓަރެކެވެ. މިއީ އެމެރިކާގައި އުފައްދާފައިވާ ސީކޯސީ މަރުކާގެ ހެލިކޮޕްޓަރެއް ކަމަށް ތުރުކީ ސިފައިންގެ ކޮމާންޑުން ބުނެ އެވެ.
މި ހެލިކޮޕްޓަރުވެއްޓުނުކަން ނޭޓޯގެ ކޮމާންޑުންނާއި އަފްޣާން ދާޚިލީ ވުޒާރާއިންވެސްވަނީ ކަށަވަރުކޮށްދީފަ އެވެ. ނޭޓޯގެ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައިމަރުވި 12 މީހުންނަކީ ތުރުކީ ސިފައިންނެވެ.

މިހާދިސާގައި މަރުވި އަފްޣާން ކުޑަދެއަންހެން ކުދިންނަކީ ހެލިކޮޕްޓަރު ވެއްޓި ގޮވުމުގެ ސަބަބުން ލިބުނު ޒަޚަމްތަކުގައި މަރުވި ދެކުދިންނެވެ. ނޭޓޯގެ ހެލިކޮޕްޓަރު ވެއްޓިފައިވަނީ ކާބުލްގެ ކައިރީގައިވާ އަވަށެއްގެ ގެއެއްގެ މައްޗަށެވެ. މަރުވި ދެކުދިންނަކީ އެގޭ ދެކުދިންކަމަށް އަފްޣާން މީޑިޔާ ބުނެ އެވެ.

މިހެލިކޮޕްޓަރު ވެއްޓުނީ ތާލިބާނުންގެ ޙަމަލާއަކުންކަން ނުވަތަ ނޫންކަން އަދި ކަށަވަރު ވެފައެއްނުވެއެވެ. ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ހެލިކޮޕްޓަރު ވެއްޓުނީ ފަންނީ ކުއްލި މައްސަލައެއް ދިމާވުމުން ކަމުގަ އެވެ. (އަލްޖަޒީރާ)