ބިއުރުއްސަބަޢު (23 މާޗް 2022): އިސްރާއީލުގެ އެތެރޭގައި ފަލަސްތީނުގެ ދަރިކޮޅުގެ މީހަކު ހަމަލާތަކެއްދީ އިސްރާއީލުގެ ހަތަރު މީހަކު މަރާލައިފިއެވެ. މީގެތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ފިރިހެނެކެވެ.

މިހާދިސާ ހިނގާފައިވަނީ އިސްރާއީލުގެ ރަށެއްކަމަށްވާ ބިއުރުއްސަބްޢަ ގައެވެ. ބިއުރުއްސަބްޢަ އަކީ ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ އިސްރާއީލެވެކިޔާ ދައުލަތުގެ ތެރޭގައި ހިމެނޭ ސިޓީއެކެވެ. ފަލަސްތީނުގެ ބިމުގެ ތެރެއިން އިސްރާއީލު ހިފާފައިވާ ސަރަހައްދުތަކުގެ ގޮތުގައި ބައިނަލްއަޤްވާމީ ގޮތުން މިހާރު ބަލަނީ ހުޅަނގު އައްސޭރިއާއި ޣައްޒާއެވެ. އެހެން ސަރަހައްދުތަކާމެދު ދެކެނީ އެއީ އިސްރާއީލުގެ ތަންތަން ގޮތުގައެވެ.

އިސްރާއީލުގެ ސަރަަހައްދުގެ ގޮތުގައި އޮންނަނީ ފަލަސްތީނު ބިމުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިން ބައެވެ. އަނެއް 25 ޕަސެންޓަކީ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ބިންތަކެވެ.

އިސްރާއީލު ބުނާގޮތުން އެގައުމުގެ ހަތަރު މީހަކު މަރާލީ އިސްރާއީލުގެ ރައްޔިތެއްގެ ގޮތުގައި އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނު ދަރިކޮޅުގެ އަޙްމަދު ޣާލިބު ނަމަކަށްކިޔާ ޒުވާނެކެވެ. އޭނާ އިސްރާއީލުގެ ހަތަރު މީހުން މަރާލީ ދެ ސަރަހައްދެއްގައި އިސްރާއީލު މީހުންގެ ގަޔަށް ވަޅިޖަހައިގެންނާއި އޭނާ ދުއްވި ސައިކަލާ ކާރުން މީހުންގެ ގައިގައި ޖައްސައި އެމީހުން ބިންމައްޗަށް ވައްޓާލައިގެންނެވެ.

މި ހާދިސާގައި އިސްރާއީލުގެ އިތުރުބަޔަކު ޒަޚަމްވިއެވެ. އަޙްމަދު ޣާލިބު އިސްރާއީލު މީހުންގެ ގަޔަށް ވަޅިޖަހާފައިވަނީ އޭނާ ދުއްވި ސައިކަލާ ކާރުން އެމީހުންގެ ގައިގައި ޖައްސައި މަގުމައްޗަށް ވައްޓާލުމަށްފަހުގައި ކަމަށް އިސްރާއީލުގެ ފުލުހުން ބުނެއެވެ. އޭނާވަނީ އެއްފަހަރު ކާރެއް ދުއްވައި، އެއަށްފަހު ސައިކަލެއް ދުއްވާފައެވެ.

މި ހާދިސާ ހިނގަމުންދަނިކޮށް އިސްރާއީލުގެ އާންމުންގެ މީހަކު ވަނީ އަޙްމަދު ޣާލިބުގެ ބޮލަށް ބަޑިޖަހައި އޭނާ ޝަހީދުކޮށްލާފައެވެ. މިހާދިސާއަށްފަހު އިސްރާއީލުގެ ފުލުހުންނާއި ދާޚިލީ ވުޒާރާއާއި އަމަންއާންމާބެހޭ އިދާރާ "ޝާބާކް"ގެ އިސްވެރިން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އަދި ފުލުހުންނާއި "ޝާބާކް"ގެ އެޖެންޓުން ވަނީ ނަގަބް ސަރަހައްދުގައި ހުންނަ އަޙްމަދު ޣާލިބުގެ ގެއަށް ވަދެގަނެ އެގެ ބަލައި ފާސްކޮށް އޭނާގެ އާއިލާއަށް ބިރު ދައްކައި އޭނާއާ ގުޅުން އޮތް ކަމަށް ބެލެވޭ އެތައް ބަޔަކު ހައްޔަރުކޮށްފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވަނީ އަޙްމަދު ޣާލިބަކީ ޓެރަރިސްޓެއްކަމަށް ސިފަކުރައްވައި އޭނާ ހިންގާފައިވަނީ ޓެރަރިސްޓް އަމަލުތަކެއްކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުގެ ފަލަސްތީނު ދަރިކޮޅުގެ މީހުންނަކީ އެެމެރިކާއާއި ޔޫރަޕްގެ އެހީތެރިކަމާއެކު ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީނުގައި 1948 ވަނަ އަހަރު އިސްރާއީލެވެކިޔާ ޣައިރު ގާނޫނީ ދައުލަތް އުފެއްދިއިރު އިސްރާއީލުގެ ގޮތުގައި ކަނޑައެޅި ފަލަސްތީނުގެ ސަރަހައްދުތަކުގައި ދިރިއުޅެމުންދިޔަ ފަލަސްތީނު މީހުންނެވެ.

ފަހުން އެމީހުން ވަނީ އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި ހަމަޖައްސާފައެވެ. ނަމަވެސް އިސްރާއީލުގެ ސަރުކާރުތަކުން ގެންދަނީ މިފަދަ ފަލަސްތީނު ދަރިކޮޅުގެ މީހުންނާމެދު ތަފާތުކުރުމާއި އެކަހެރިކުރުން ވަރަށް ބޮޑަށް ގެންގުޅެމުންނެވެ. އަދި ފަލަސްތީނު ދަރިކޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާއި އަވަށްތަކަށް ތަރައްގީގެ ގޮތުންވެސް ވަރަށްބޮޑަށް އިހުމާލުވަމުންނެވެ.

މިކަމުގެ ސަބަބުންނާއި ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނު މީހުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި ލާއިންސާނީ އިސްތިއުމާރީ ޖަރީމާތަކުގެ ސަބަބުން ފަލަސްތީނު ދަރިކޮޅުގެ މީހުންވެސް އިސްރާއީލާމެދު ދެކެނީ އެމީހުންގެ ދުޝްމަނުން ކަމުގައެވެ.