މަކަރާއި ހީލަތުގެ ތުހުމަތުތަކެއް ކުރެވިފައިވާ ކިންގްސް ކެޕިޓަލްސް ހޯލްޑިންސްގެ އެކައުންޓު އަންފްރީޒް ކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އެ ކުންފުނިން މިއަދު އާންމުކުރި ދަޢުވާ ފޯމުގައި އެދިފައިވަނީ އެކައުންޓު އަންފްރީޒް ކުރުމަށް ބޭންކަށް އަމުރުކޮށްދިނުމަށާއި، އެކައުންޓު ދޫކޮށްލުމާ ހަމައަށް އެ ކުންފުނީގެ ވިޔަފާރިއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅައިދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން ހިންގަވާ ކިންގްސް ކުންފުނީގެ އެކައުންޓު މިމަހުގެ 10ވަނަ ދުވަހު ބޭންކުން ހިފެހެއްޓީ ޕޮންޒީ ސްކީމެއް ހިންގަމުންދާތީ، ސަމާލުވުމަށް އެމްއެމްއޭއާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފައި ވަނިކޮށެވެ.

އެމްއެމްއޭގެ ބަޔާނުގައި ވަނީ މިފަދަ ސްކީމްތައް ހިނގަނީ އެއަށް އިތުރު ފަރާތްތައް ގުޅި ފައިސާ ލަމުން ދާތީ ކަމަށާއި އަދި އެ ފައިސާ ބޭނުން ކުރަނީ ސްކީމް ހިންގާ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމަށެވެ. އެހެންކަމުން، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އޭގެ ފަހުން، ފުލުހުން ވެސް ވަނީ އޮންލައިން ޓްރޭޑިންގެ ނަމުގައި މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.