23 Mar 2022, 12:31
ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައިދޭ ރޯދަ އެލަވަންސް އަންނަ ހޯމަ ދުވަހު ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވަނީ މި އަހަރު ވެސް ރޯދަ އެލަވަންސްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ މުސްލިމަކަށް ވެސް 3،000 ރުފިޔާ ދިނުމަށެވެ. އަދި އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ ނަމަ އެ މުވައްޒަފަކަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާކުރާ ތަނުން އެކަނި ކަމަށް ވެސް ސާކިއުލާގައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރޯދަމަހު ޕޭ, އަދި ނޯޕޭ ލީވްގައި ތިބި ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ޗުއްޓީ ނިންމުމަށްފަހު ރޯދަ މަސް ތެރޭގައި އެމީހާ ވަޒީފާއަށް ނުކުމެއްޖެ ނަމަ އެ ނުކުތް ދުވަހުން ފަށައިގެން ރޯދަ އިނާޔަތް ދޭން ޖެހޭނެ ކަމަށެވެ.
އެ ސާކިއުލާގައި ވަނީ ރޯދަމަސް ތެރޭގައި މުވައްޒަފަކު ވަޒީފާއިން ވަކިވާނަމަ އެ މުވައްޒަފެއް ވަކިވާ ތާރީޚުން ފަށައިގެން ރަމަޟާން މަސް ނިމުމާ ހަމައަށް ޖެހޭ އަދަދު ބެލުމަށްފަހު، އެ ފައިސާ އަނބުރާ ހޯދުމަށް އަންގައިފައެވެ.
ފިނޭންސުން ބުނީ ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކުރާ އޮފީސްތަކުން މާދަމާ ރޯދަ އިނާޔަތުގެ ވައުޗަރު ޕޯސްޓު ކުރަން ޖެހޭނެ ކަމަށެވެ.