ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން މިނިވަންވީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޕީޕީއެމުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މާލޭގައި ބާއްވާ ބޮޑު އެއްވުން ހުއްޓުވުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަޙުމަދު ޝިޔާމް ވިދާޅުވީ "އިންޑިއާ ފަސްޓު" ޕޮލިސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ގެންގުޅުއްވި ޕޮލިސީއެއް ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރުން އިންޑިއާއާއެކު ހަދައިފައިވާ އެއްބަސްވުންތައް ސިއްރުކޮށްފައިވާތީ، އެ ކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރައްޔިތުންގެ އަމިއްލަ މިނިވަންކަން މި އެގްރީމެންޓުތަކުން ދާތީ، އެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ، އެހެންވީމާ އިންޑިއާ އައުޓް އަޅުގަނޑުމެން މި ގޮވަނީ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަ ނިންމަވާލުމުން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ 1947 ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބުނުއިރު، ރާއްޖެ ބަލަހައްޓަމުން އައީ ސިލޯނުގައި އޮތް ކޮލޯނިއަލް ސަރުކާރުގެ އެޑްމިނިސްޓްރޭޝަނުން ކަމަށެވެ.

ހަމައެހެންމެ އެ އަހަރު ރާއްޖެއަށް މިނިވަން ކަން ނުލިބި އިންޑިއާއާއި ޕާކިސްތާނަށް މިނިވަންކަން ލިބުނު ސިއްރެއް އޮންނާނެ ކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ ރާއްޖެ މިނިވަން ވެފައިވަނީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އިބްރާޙީމް ޝިހާބު، ޕްރައިމް މިނިސްޓަރު ނެހެރޫއާއި ބައްދަލުކުރެއްވި، އަދި ދިވެހިރާއްޖެއަކީ ވަކި މިނިވަން ދައުލަތެއްގައި ގޮތުގައި 1968 ގައި ފަހުން ކަނޑައެޅި ހަމަޖެހި މިއޮތީ އަޅުގަނޑަށް ދެންނެވޭނީ އިންޑިއާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެގެންނޭ،" ރާއްޖެ އިނގިރޭސިން އަތުން މިނިވަންވީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ މިނިވަންވީ 1968 ކަމަށް ނަޝީދު ވިދާޅުވިނަމަވެސް ހަގީގަތުގައި ރާއްޖެއަށް މިނިވަންކަން ލިބުނީ 1965ގައެވެ.

އިނގިރޭސީންގެ ހިމާޔަތުން ރާއްޖެ މިނިވަން ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވީ ކުރީގެ ބޮޑުވަޒީރު އިބްރާހީމް ނާސިރާއި އޭރުގެ ވެރިންނެވެ. އެގޮތުން މަޝްވަރާ ކުރެއްވުމަށް އިސްކޮށް އުޅުއްވީ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އަބްދުއްސައްތާރު މޫސާ ދީދީއެވެ. އެކަމުގައި އިންޑިއާގެ ދައުރެއް އޮތް ކަމަކަށް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅެއްނުވެއެވެ.