17 Mar 2012, 09:03
ޣައްޒާ (މާޗް 17) : ފަލަސްތީނުގެ ވަކިވަކި ފަރުދުން މެރުމަށް އިސްރާއީލުން އެއްވެސް ޙަމަލާއެއް ދީފިނަމަ އިސްރާއީލުގެ ރަށްތަކުގެ އެންމެފުންމިނަށް އެތަށް ސަތޭކަ ރޮކެޓުން ޙަމަލާދޭނެ ކަމުގެ އިންޒާރު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އިސްލާމިކް ޖިހާދު ޖަމާއަތުން ދީފިއެވެ.
އެޖަމާއަތުންގެ ޢަސްކަރީ ގޮފީގެ ކޮމާންޑަރު އަބޫއިބްރާހީމް އިސްރާއީލަށް އިންޒާރު ދެއްވަމުން ވިދާޅުވީ އިސްރާއީލުގެ ބޮޑެތި ސިޓީތައްކަމަށްވާ ޓެލްއަވީވް އަދި ޙައިފާ އަދި ޔާފާ ފަދަ ރައްތަކުގެ ކޮންމެ ހިސާބަކަށްވެސް ފޯރާފަދަ މެދުރާސްތާގެ މިސައިލާއި ރޮކެޓް ފިދާއީ ޖަމާއަތްތަކަށް ލިބިގެންވާ ކަމުގައެވެ. އެހެންކަމުން ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލުންދޭ ކޮންމެ ޙަމަލާއެއްގެ ބަދަލުގައި އިސްރާއީލުގެ ކޮންމެ ތަނަކަށް ޙަމަލާދިނުމުގެ ޤާބިލްކަން ފިދާއީ ބައެއްޖަމާއަތްތަކަށް މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދާދިފަހުން އިސްރާއީލުންވަނީ ޣައްޒާއަށް ޙަމަލާދީ ފަލަސްތީނުގެ ފިދާއީ ލީޑަރަކު ޝަހީދުކޮށްލާފައެވެ. އަދި އެއަށްފަހު އިސްރާއީލުން ޙަމަލާތައް ހުއްޓާލީ ޣައްޒާގެ އެތަށްމިތަނަށް ޙަމަލާދީ ފަލަސްތީނުގެ އާންމުންނާއި ފިދާއީންގެ އިތުރު 25 މީހަކުވެސް ޝަހީދުކޮށްލުމަށްފަހުގައެވެ.
މިޢުދުވާނަށް ރައްދިނުމުގެ ގޮތުން ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލުގެ ރައްތަކަށް 70 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައިވާއިރު އެމެރިކާގެ ފަންނީ އެހީގައި އިސްރާއީލުން އެންމެފަހުން ތަރައްޤީކުރި މިސައިލް އައްޑަނައިގެ ނިޒާމު ބޭނުންކޮށްގެން ވައްޓާލެވިފައިވަނީ މިގެތެރެއިން އެންމެ ވިއްސަކަށް ރޮކެޓެވެ. އެހެން ހުރިހާ ރޮކެޓްތަކެއް އިސްރާއީލުގެ ރައްތަކަށް އެރިކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ފަލަސްތީނުގެ ރޮކެޓްތަކަކީ އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާ ރޮކެޓްތަކަކަށްވާތީ އޭގެ އަމާޒު އެހާ ސީދާނުވިނަމަވެސް މިރޮކެތްތަކުގެ ސަބަބުން އިސްރާއީލުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. ފަލަސްތީނުގެ ރޮކެޓް ޙަމަލާތަކުން އިސްރާއީލުގެ ގިނަބަޔަކު މަރުނުވިނަމަވެސް މިފަދަރޮކެޓްތަކުން އިސްރާއީލުގެ ޢިމާރާތްތައް ހަލާކުވެ މަދުންނަމަވެސް މީހުންމަރުވެ ގިނަބަޔަކު ޒަޚަމްވަމުން ދެއެވެ.
އެހެންކަމުން ފަލަސްތީނުގެ ބިންތަކުގައި ފައިހަރުކޮށްލައިގެން އުޅޭ ޔަހޫދީންނަށް މިރޮކެޓްތައްވަނީ ވަރަށް ބިރުވެރިއެއްޗަކަށް ވެފައެވެ. އިސްލާމިކް ޖިހާދު ޖަމާއަތުގެ ސްޓޮކްގައި އިސްރާއީލުގެ ބޮޑެތި ސިޓީތަކަށް ޙަމަލާދެވޭވަރުގެ 11 ހާސް ރޮކެޓް އެބަހުރި ކަމަށް އެޖަމާއަތުން ބުނެއެވެ. -- އަލްޖަޒީރާ