ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ރަޝިއާ ބަލިނުވާނެކަމަށާއި އެހަނގުރާމައިގާ ރަޝިއާއަށް ސަލާމަތަށް ނުރައްކާ ވެއްޖެނަމަ ރައީސް ވްލްޑިމީރު ޕޫޓިން ހުންނެވީ ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަންވެސް ފަސްޖެހިވަޑައިނުގަންނަވާ ގޮތަށްކަމަށް ބުނެ ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން އިއްޔެވަނީ ނުސީދާ އިންޒާރެއް ދީފައެވެ.

ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި ޔުކްރޭނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންގައި ރަޝިއާ އޮތީ ބަލިވާގޮތަކަށް ނޫނެވެ. އަދި ބަލި ގަބޫލުކުރާ ގޮތަކަށްވެސް ނޫނެވެ. މިއީ އޭނާ ހުޅަނގަށް ދެއްވި ވަރަށް ނުރައްކާތެރި އަދި ވަރަށް ބިރުވެރި ސްޓްރެޓީޖިކް އިންޒާރެއް ކަމަށް މުހައްލިލުން ވަނީ ސިފަކޮށްފައެވެ.

ކޮންމެ ގޮތެއް ހަދާފައިވެސް ރަޝިއާ އޮތީ މަޤްޞަދު ހާސިލްކުރާ ގޮތަށް

ޔުކްރޭނާ ދެކޮޅަށް ރަޝިއާ ކުރިޔަށް ގެންދާ އަސްކަރީ އޮޕަރޭޝަނަކީ ނޭޓޯ ފުޅާކޮށް ރަޝިއާ ވަށާލުމަށް އެމެރިކާ އަޑީގައި އޮވެގެން ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ހިންގާ އަސްކަރީ އޮޕަރޭޝަނެއްކަން ބަޔާން ކުރައްވަމުން ޕެސްކޯވް ވިދާޅުވީ މި މަޤްޞަދު ޙާޞިލްކޮށްފައި ނޫނީ ރަޝިއާ ފަހަތަށް ނުޖެހޭނެކަމުގައެވެ.

ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯ

ރަޝިއާއިން ޔުކްރޭން ހަނގުރާމަ ސިފަކުރަނީ ރަޝިއާގެ އަމަނާއި ސަލާމަތް ނޭޓޯގެ ނުރައްކަލުން ސަލާމަތް ކުރުމަށް ހިންގާ އަސްކަރީ އޮޕަރޭޝަނެއްގެ ގޮތުގައެވެ.

ޕެސްކޯވް ވިދާޅުވިގޮތުގައި އަސްކަރީ އޮޕަރޭޝަން ދިގުލައިގެން ދަނީ އެމެރިކާއާއި ނޭޓޯގެ އެހެންގައުމުތަކުން ޔުކްރޭނަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތާއި ފައިސާއާއި ހަނގުރާމަވެރިން ފޯރުކޮށްދޭތީއެވެ. ނަމަވެސް އޮޕަރޭޝަން ދިގުލައިގެން ދިޔުމުން ޙަޤީޤީ ގެއްލުން ލިބޭނީ ޔުކްރޭނަށް ކަމަށާއި ރަޝިއާގެ މުޅި ޒައާމަތު އޮތީ ކޮންމެ ގޮތެއް ހަދާފައިވެސް އެގައުމުގެ މަޤްޞަދު ޙާޞިލްކޮށްފައިނޫނީ އަސްކަރީ އޮޕަރޭޝަން ހުއްޓާނުލާ ގޮތަށްކަން އޭނާ ހާމަކުރެއްވިއެވެ.

ޕޫޓިން ހުންނެވީ ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާގޮތަށް

ރަޝިއާއަށް ސަލާމަތަށް ނުރައްކާވެއްޖެނަމަ ރައީސް ވްލްޑިމީރު ޕޫޓިން ހުންނެވީ ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަންވެސް ފަސްޖެހިވަޑައިނުގަންނަވާ ގޮތަށް ކަމަށް ޕެސްކޯވް ވިދާޅުވިއެވެ. ނަމަވެސް މިކަމާބެހޭ އިތުރު ތަފްސީލު، އޭނާ ނުދެއްވައެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ސާގީ ރިޔަބްކޯވް

އަނެއްކޮޅުން ރަޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ސާގީ ރިޔަބްކޯވް ވެސް ވަނީ މިފަދަ މޭރުމަކުން ހުޅަނގަށް އިންޒާރު ކުރައްވާފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިއްޔެ އޭނާ ވިދާޅުވީ ހުޅަނގުގެ ކުރިމަތީގައި ރަޝިއާ ކުޑަކަކޫ ޖަހާނެކަމުގައެވެ.

ޔުކްރޭނަށް ހަތިޔާރު ދީގެންނާ އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އެމެރިކާއާއި އެމެރިކާގެ ބައިވެރިން ދެކޭނަމަ އެދެކެނީ ހުވަފެނެއް ކަމަށާއި އެ ހުވަފެން ނިމިގެންދާނީ ވަރަށް ހިތިގޮތަކަށް ކަމުގައެވެ. ރިޔަބްކޯވް ވިދާޅުވީ ހުޅަނގުން އަދިވެސް ގެންދަނީ ރަޝިއާގެ އަމަނާއި ސަލާމަތާބެހޭ ހުށަހެޅުންތަކަށް ދެކޮޅުހަދައި އެކަން ދޫކޮށްލަން މަޖްބޫރު ކުރުމަށްޓަކައި ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދެމުން ކަމުގައެވެ.

ނަމަވެސް ރަޝިއާގެ ސަލާމަތަށްޓަކައި ޔުކްރޭނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަން ހުއްޓާލާނީ އޭގެ މަޤްޞަދު ޙާޞިލްކޮށްފައިކަން އެމެރިކާއާއި ހުޅަނގުގެ އެހެން ގައުމުތައް ދަންނަންޖެހޭނެކަމަށާއި ރަޝިއާގައި ހަނގުރާމައިގެ ހުރިހާ ވަސީލަތްތަކެއް އެބަހުރިކަމާއި އެއާއެކު ރަޝިއާ ފަހަތަށް ނުޖެހޭނެކަން ހުޅަނގުން ގަބޫލުނުކޮށްފިނަމަ ހިތާމަވެރި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ރަޝިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ނިއުކްލިޔާ ހަތިޔާރާއި ފަނާކުރަނިވި އެހެން ހަތިޔާރުވެސް ހުރި ގައުމެވެ. ޔުކްރޭންގެ ހަނގުރާމައަށް މަސްދުވަސް ވާން ގާތްވެފައިވާއިރު ޔުކްރޭންގެ ވެރިރަށް ކިޔޭވް ހިފުމުގައި ރަޝިއާ އަދިވަނީ ނާކާމިޔާބުވެފައެވެ. ނަމަވެސް ރަޝިއާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި ހަނގުރާމައިގެ ހުރިހާ ވަސީލަތްތަކެއް އެންމެ ބޮޑަށް ލިބިފައިވާ ދެގައުމުގެ ތެރެއިން އެއްގައުމެވެ.

ރަޝިއާ ސިފައިންނަށް ކިޔޭވް ހިފަން ދަތިވެފައިވާ ސަބަބުތައް

ރަޝިއާ ސިފައިންނަށް ކިޔޭވް ހިފަން ދަތިވެފައިވާ ސަބަބުތައް ވަރަށް ގިނައެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކިޔޭވްއަށް ވަދެގަތުމަށް މަސައްކަތްކުރާ ރަޝިޔާ ސިފައިންގެ ޓޭންކުތަކާއި އާމަޑް ވެހިކަލްތަކާ ދެކޮޅަށް ޔޫކްރޭން ސިފައިން ބޭނުންކުރާ ހުޅަނގުގެ ބާރުގަދަ ނަމަވެސް ކުރުރާސްތާގެ ގިނަ އަދަދެއްގެ ހަތިޔާރު ބޮޑު ދައުރެއް އަދާކުރެއެވެ.

ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ

ކޮނޑުމަތިން ފޮނުވާލާ މިބާވަތުގެ އެތައް ސަތޭކަ ރޮކެޓެއް ސަރަހައްދީ ރޮނގު ހުރަސްކޮށް ކޮންމެ ދުވަހަކު އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ޔުކްރޭނަށް އެތެރެކުރެއެވެ. ޚާއްޞަކޮށް ޕޮލެންޑްގެ ސަރައްދީ ރޮނގުންނެވެ.

ޔުކްރޭނަށް ވަދެގަތުމަށް މަސައްކަތްކުރާ ރަޝިއާ ސިފައިންގެ ބޮޑު ގާފިލާއަށް މިދެންނެވި ކުރުރާސްތާގެ ރޮކެޓްތަކުންނާއި ޑްރޯން ބޭނުންކޮށްގެން ކާމިޔާބު ހަމަލާތަކެއް ޔުކްރޭން ސިފައިން ދެމެން ގެންދެއެވެ.

މީގެއިތުރުން ޔުކްރޭންއަކީ ބިމުގެ ގޮތުން ބޮޑު ގައުމަކަށް ވެފައި ވެރިރަށް ކިޔޭވްއަކީވެސް އެތައް ސަތޭކަ އަކަކިލޯމީޓަރުގެ ބޮޑު ސިޓީއަކަށް ވާއިރު މިވަރުގެ ބޮޑު ސަރަހައްދެއް ބިމުން ކޮންޓްރޯލް ކުރެވޭވަރުގެ ގިނަ އަދަދެއްގެ ސިފައިން ރަޝިއާގެ ލަޝްކަރުގައި ނެތުމަކީ މިކަމުގެ އެންމެ ބޮޑު ސަބަބެވެ.

ކިޔޭވް ކޮންޓްރޯލް ކުރަން ފަސްލައްކަ ސިފައިން ބޭނުންވޭ

ކިޔޭވްއަށް ވަދެގަނެ އެސިޓީ ކޮންޓްރޯލް ކުރުމަށް މަދުވެގެން ފަސް ލައްކަ ސިފައިން ބޭނުންވާނެކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް ޔުކްރޭނަށް ވަދެގެން އުޅެނީ ރަޝިއާގެ ދޮޅު ލައްކައަށްވުރެ މަދު އަދަދެއްގެ ސިފައިންނެވެ.

ރަޝިއާ ސިފައިންގެ ޖުމްލަ އަދަދު 1.5 މިލިޔަނަށް އަރައެވެ. އެއީ ރިޒާވް ފޯސްވެސް ހިމަނައިގެންނެވެ. ރަޝިއާގެ އެތެރޭގެ ސަލާމަތަށްޓަކައި އެގައުމުގެ ފަސް ސަރަހައްދެއްގައި ގިނަ އަދަދަކަށް ސިފައިން ބައިތިއްބަން އަބަދުވެސް ޖެހޭއިރު އަދި ހަނގުރާމަ ދިގުލައިގެން ހިނގައިދާނެތީ އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ސިފައިން ޔުކްރޭން ހަނގުރާމައަށް ރަޝިއާއިން ނެރެފައެއް ނުވެއެވެ.

އަނެއްކޮޅުން ޔުކްރޭނަށް ވަދެގެން އުޅޭ ރަޝިއާގެ ދޮޅު ލައްކައެއްހާ ސިފައިންގެ ތެރެއިން އެއްބަޔަކު ގެންދަނީ ޔުކްރޭންގެ އިރުމައްޗާއި ދެކުނުގެ ސިޓީތައް ހިފަންވެސް އެއްވަގުތަކު މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ރަޝިއާގައި ބާރުގަދަ ހަތިޔާރު ހުރިނަމަވެސް އެއްފަހަރާ އެތައް ސިޓީއެއް ހިފޭނީ ސިފައިންގެ އަދަދު ގިނަވެގެންކަމަށްވާތީ ރަޝިއާއަށްވަނީ މިކަން އަދި ކުރެވޭގޮތް ނުވެފައެވެ.

ނޭޓޯގެ ހަތިޔާރުގެ ޝިޕްމެންޓްތަކަށް ހަމަލާދިނުން

ނަމަވެސް ރަޝިއާ ސިފައިންނަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެގައުމު މިހާރު ގެންދަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ޔުކްރޭނަށް އެތެރެކުރާ ހަތިޔާރުގެ ޝިޕްމަންޓްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތައް ގިނަވެ ނޭޓޯގެ ހަތިޔާރު ޔުކްރޭން ސިފައިންނަށް ލިބުން ހުއްޓުވިއްޖެނަމަ ލަސްތަކެއް ނުވެ ރަޝިއާ ކުރިމަތީގައި ޔުކްރޭން ސިފައިން އިނދަޖެހޭނެކަމަށް އަސްކަރީ ތަޖްރިބާކާރުން ލަފާކުރައްވައެވެ.

ޔުކްރޭންގެ ސިޓީތައްދަނީ ފުނޑުފުނޑުވެ ވީރާނާވަމުން

ނަމަވެސް ވަކި އުސޫލެއްނެތި ރަޝިއާ ސިފައިންނާ ދެކޮޅަށް ގެރިއްލާ ހަނގުރާމަ ކުރިޔަށް ގެންދިޔުމަކީ ޔުކްރޭންގެ ހަތިޔާރުއެޅި އާންމުންނަށް އޭރުންވެސް ކުރެވިދާނެ ކަމެކެވެ. ރަޝިއާއަށް ކިޔޭވް ނުހިފުނު ނަމަވެސް ރަޝިއާ ކިޔޭވްއަށާއި ޔުކްރޭންގެ ސިޓީތަކަށް ދޭ ބޮމުގެ ހަމަލާތަކާއި ކުރޫޒް މިސައިލާއި ބަލިސްޓިކް މިސައިލް އަދި ހައިޕާސޮނިކް މިސައިލުން ދޭ ހަމަލާތައް ހުއްޓުވުމުގައި ޔުކްރޭން ވަނީ ނާކާމިޔާބުވެފައެވެ.

ޔުކްރޭންގެ ސިޓީތަކާއި އިންފްރާސްޓްރަކްޗާ ފުނޑުފުނޑުވަނީ

ނަތީޖާއެއްގެ ގޮތުން ރަޝިއާގެ ވައިގެ ހަމަލާތަކުގައި ޔުކްރޭންގެ ސިޓީތަކާއި އެގައުމުގެ އިންފްރާސްޓްރަކްޗާ ފުނޑުފުނޑުވެ ބިމާ ހަމަވަމުންދަނީ ވަރަށް ބާރު ސްޕީޑެއްގައެވެ. އަދި ޔުކްރޭންގެ ރައްޔިތުން ހާލުގައިޖެހި ރެފިއުޖީންނަށް ވަމުންދަނީވެސް ވަރަށް ގިނައިންނެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ބައި މިލިޔަން ޔުކްރޭން ރައްޔިތުންދަނީ ހާލުގައި ޖެހި ރެފިއުޖީންނަށް ވަމުންނެވެ.

މިހާތަނަށް ޔުކްރޭންގެ 12 މިލިޔަން މީހުންގެ ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައިވާއިރު މީގެތެރެއިން ހަ މިލިޔަން މީހުންވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ޔޫރަޕްގެ ގައުމުތަކަށް ގޮސްފައެވެ. އަނެއް ހަ މިލިޔަން މީހުންގެ ތެރެއިން މަދުބަޔަކު ރަޝިއާއަށް ގޮސްފައިވާއިރު ޔުކްރޭންގެ ރައްކާތެރި ހިސާބުތަކަށް ހަ މިލިޔަން މުޅިން ހަމަނުވާ އަދަދެއްގެ ރެފިއުޖީން ގޮސްފައިވާ ކަމަށް އދ.އިން ބުނެއެވެ.