ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށް އިންޑިއާ ފަދަ ބޮޑެތި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

މަވޯޓާ މިފަދައިން ވިދާޅުވީ އިދިކޮޅު ޕީޕީއެމުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މާލޭގައި ބާއްވާ ބޮޑު އެއްވުން ހުއްޓުވުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވައިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން މަވޯޓާ ވިދާޅުވީ އިންޑިއާއަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ރާއްޖެއާ ގުޅި ލާމެހިފައިވާ ގައުމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ގިނަ ބަޔަކީ ކޮންމެވެސް އެއް ޒަމާނެއްގައި މައިގަނޑު ގޮތެއްގައި އިންޑިއާއިންނާއި ސްރީލަންކާއިން ހިޖުރަކޮށްފައި ތިބި ބައެއް، މި ޙަޤީޤަތް އެބަ ޖެހޭ އަޅުގަނޑުމެން ގަބޫލުކުރަން،" މަވޯޓާ ވިދާޅުވިއެވެ.

ހަމައެހެންމެ އާއިލާއެއްގެ ތެރޭގައި ކުދިކުދި މައްސަލަތައް މެދުވެރިވާ ފަދައިން އިންޑިއާއާ ރާއްޖެއާ ދެމެދު ވެސް ކުދިކުދި މައްސަލަތައް ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއްގައި، މުސީބާތެއްގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ބޭނުންވާ ކޮންމެ ކަމެއްގައި އިންޑިއާ އަބަދު ވެސް އޮންނަނީ ތައްޔާރަށް، ރާއްޖޭގެ ހިންގޭ އެކި ތަފާތު މަޝްރޫއުތަކުގައި ވެސް އިންޑިއާގެ ރައްޔިތުންގެ، ސަރުކާރުގެ އެހީތެރިކަން ލިބޭ، ހަމައެހެންމެ ޗައިނާއަކީ ވެސް އެފަދަ ގައުމެއް،" މަވޯޓާ ވިދާޅުވިއެވެ.

ޗައިނާ އާއި އިންޑިއާއާ ދެމެދު ޖެހިފައިވާ މައްސަލައިގައި އެ ގައުމުތަކުގެ ރައްޔިތުންނާ މެދު ކުޑައިމީސްވާ ގޮތަށް ދިވެހިން ބަސް ބުނަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މަވޯޓާ އިތުރަށް ވިދާޅުވީ ދުނިޔޭގެ ބާރުގަދަ ހުރިހާ ގައުމަކާ ވެސް ދިވެހިން ގާތް ގުޅުމެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިފަދަ ގައުމުތަކާ ގާތް ގުޅުމެއް ބޭއްވުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއް ކަމަށް މަވޯޓާ ވިދާޅުވިއެވެ.

"ދުނިޔޭގެ މި ބާރުގަދަ ގައުމުތަކުގެ އެހީތެރިކަމާ ނުލާ އުޅެވެން އޮތް ގައުމެއް ނޫން ކަން [ރާއްޖެއަކީ] މި ޢިއްޒަތްތެރި މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ގަބޫލުފުޅު ކުރައްވާނެ،" މަވޯޓާ ވިދާޅުވިއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވަނީ އިންޑިއާ އައުޓް ހަރަކާތަކީ، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޓަކައި ފަތުރަމުންދާ "ސިޔާސީ ފިތުނަ"އެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

މައްސަލައަށް ބަހުސް ކުރެއްވި ސަރުކާރަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުން ވަނީ ކުއްލި މައްސަލައަށް ތާއީދުކުރައްވައި، އިންޑިއާއަކީ ރާއްޖެއަށް މުހިންމު ގައުމެއް ކަން ފާހަގަކުރައްވައިފައެވެ.