23 Mar 2022, 08:56
ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރެވޭނީ ރައްކާތެރި ދެމެހެއްޓެނިވި މުސްތަޤުބަލަކަށްޓަކައި އެ މުޖުތަމަޢުއެއްގެ ހުރިހާ ދާއިރާއެއްގައި މީންތީގެ ހަމަހަމަކަން އޮތުން ލާޒިމްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޭ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާގަކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ފަޒްނާ ވިދާޅުވީ މުޖުތަމަޢުގެ އެންމެން ގުޅިގެން އަންހެނުން ބާރުވެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭކަމަށެވެ.
ދެމެހެއްޓެނިވި ތަރައްޤީއަށް އަންހެނުން ކުރަމުންގެންދާ ބުރަ މަސައްކަތްތައް ފާހަގަކުރަންޖެހެކަމަށް ފަޒްނާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ އެފަދަ މަސައްކަތްތަކުގެ އަގު ވަޒަންކުރަންޖެހޭކަމަށެވެ.
ފަޒްނާ ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަކުރުމާއި އެ ދުވަހު ބޭނުންކުރާ ޝިޔާރުތަކަކީ ނަމަކަށް ބޭނުންކުރެވޭ އެއްޗަކަށް ހެދިގެންނުވާނެކަމަށެވެ.

މެޑަމް ފަޒްނާ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
"އަންހެނުންގެ ދުވަހު ފޮޓޯ ނަގައިލައި، އިންސްޓަގްރާމް ކޮށްލާ، ޖަހާލާ ހޭޝްޓެގަކަށް ހެދިގެންނުވާނެ. އެކަން ވާންޖެހޭނީ އަޅުގަނޑުމެން އެކަމާ ދޭތެރޭ ވިސްނާ ފިޔަވަޅު އަޅައި ނަތީޖާނެރޭކަމަކަށް،" ފަޒްނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ އަޅުގަނޑުމެންނަށް ލިބިފައިވާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އަންހެން ކަނބަލުންގެ ބުރަ މަސައްކަތާއި ހިއްސާ ވާނެކަމަށެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުމަށް ފައްސި ވިސްނުން ގެންގުޅޭ މީހުން އުޅޭކަމަށާއި އެމީހުންނަށް ހަމަހަމަ ފުރުސަތު ލިބެންޖެހޭކަމަށް ޤަބޫލުކުރާ މީހުންވެސް ތިބޭކަމަށް ފަޒުނާ ވިދާޅުވިއެވެ.
"ޚުދު އަޅުގަނޑުގެ ބައްޕައަކީ ވެސް ފިރިމީހާއަކީ ވެސް އަންހެނަކަށް ވީތީ އަޅުގަނޑަށް ކުރުމަށް ނުވަތަ ނުވަތަ ނުކުރުމަށް އެއްވެސް ކަމެއް މަޖުބޫރުކުރާ ބައެއްނޫން،" ފަޒްނާ ވިދާޅުވިއެވެ.
ފިރިމިހާ ގޭގެ ކަންކަމުގައި ބައިވެރިވެ އެހީތެރިވާނަމަ ހަމަހަމަކަމަށް ބާރުލިބި އަންހެން މީހާ އުފުލަންޖެހޭ ބުރަ އިންސާފުވެރިކަމާއެކު ކުޑަކުރެވޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަންހެނުން ބާރުވެރިކޮށް އެމީހުނަށް ކޮށްދޭންޖެހޭ ކަންކަން ކުރުމަކީ ގިނަ ދުވަސްތަކެއް ނަގަންޖެހޭކަމަކަށް ވެގެންނުވާނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ރޭ ބޭއްވި ޖަލްސާގައި މުޖުތަމައުގައި ފާހަގަކޮށްލެވޭ އަންހެނުންގެ ތެރެއިން އަށް ކަނބަލަކަށް ވަނީ ރެހެންދި އެވޯޑް އަރުވާފައެވެ.