16 Mar 2012, 21:37
އެމްޑީޕީ އިން ލޮނުޒިޔާރަތްކޮޅުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް އުނދަގޫވާ ކަމަށް ބުނެ އަޑިޕާކަށް އެއްވެ ބަޔަކު މިއަދު ޝުއޫރު ފާޅުކޮށްފި އެވެ.
ސަތޭކަ ވަރަކަށް މީހުން މިއަދު ހަވީރު 4:00ގައި އަޑިޕާކަށް އެއްވެ، އަޑު އުފުލާފައި ވަނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދަށް ކޮންމެ ރެއަކު އެއްވެ، އެމްޑީޕީން އަޑުގަދަ ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ ކަމަށް ބުނެ އެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިން ރޭ ގަނޑުގެ ނިދިން މަހުރޫމް ވަމުން އަންނަ ކަމަށާއި ލޮނުޒިޔާރަތްކޮޅުގައި ސިލްސިލާކޮށް އެމްޑީޕީން ކުރަމުން އަންނަ މުޒާހަރާތައް ހުއްޓާލުމަށް ވެސް އެ މީހުން ވަނީ ގޮވާލައިފަ އެވެ.
އެ ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން ގިނައީ އަންހެނުންނެވެ.
މާލޭ ސިޓީ ކައުންސިލް ހިންގަމުން ދަނީ ވަކި ސަރުކާރެއް ގޮތަށް ކަމަށް ބުނެ ސިޓީ ކައުންސިލް އުވާލުމަށް އަންހެނުން ވަނީ ގޮވާލައިފަ އެވެ.
މީގެއިތުރުން އެމްޑީޕީން ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރި ކުރާކަމަށް ބުނެ އެކަން ނުކުރުމަށާއި ސްކޫލް ކުދިންގެ ކިޔެވުމަށް ހުރަސްއެޅޭ ފަދަ ކަންތައް ނުކުރުމަށް ވެސް އެއްވި މީހުން ވަނީ ގޮވާލައިފަ އެވެ.
އިރު އޮއްސި 6:00ގައި އެއްވުން ނިންމާލާފައިވާ އިރު އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ. އަދި އެމްޑީޕީ މީހުން ވެސް އެ އެއްވުމަށް ހުރަސް އެޅުމަށް އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.