ހެލްސިންކީ (22 މާޗް 2022): ޔޫރަޕްގެ ބިމުގައި ޔުކްރޭންގެ ހަނގުރާމަ ހިނގަމުންދާއިރު އެ ހަނގުރާމަ އިތުރަށް ފުޅާވެ ޔޫރަޕްގެ އެހެން ގައުމުތަކަށްވެސް ފެތުރިދާނެކަމުގެ ބިރުހީވުމުން ޔޫރަޕްގެ އިއްތިޙާދުން "ރެޕިޑް ރިއެކްޝަން ފޯސް" ގެ ނަމުގައި އަސްކަރީ ޚާއްސަ ބާރެއް އެކުލަވާލަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ފިންލެންޑްގެ ވެރިރަށް ހެލްސިންކީގައި އިއްޔެ ބޭއްވި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުންނާއި ދިފާއީ ވަޒީރުންގެ ބައްދަލުވުމުގައެވެ. ހެލްސިންކީ ގެ ބައްދަލުވުމުން ނިންމާފައިވަނީ "ރެޕިޑް ރިއެކްޝަން ފޯސް" ގެ އަދަދަކީ 5 ހާސް ކަމުގައެވެ. މި ބާރުގެ އަސްކަރީ އަގީދާ (ޑޮކްޓްރިން) އަކީ ޔޫރަޕްގެ އިއްތިހާދުގެ އެއްވެސް ގައުމަކަށް ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ވަގުތުން އެގައުމަކަށް ގޮސް އެކަމުގައި އެހީތެރިވެދިނުމެވެ. ދިފާއީ ގޮތުން ހަނގުރާމަ ކުރުމެއް ނޫނެވެ.

މިއީ 2030 ވަނައަހަރުގައި އިއުލާން ކުރުމަށް ހަމަޖެހިފައިވާ ޔޫރަޕްގެ ދިފާއާއި ސަލާމަތީ ކަންކަމާބެހޭ ޑޮކިއުމެންޓްގައި ހިމެނުމަށް ހަމަޖެހިފައިވާ ބާރެކެވެ. މި ޑޮކިއުމެންޓަކީ ނޭޓޯއާ ވަކިން ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަށް ޚާއްސަ ދިފާއީ ބާރެއް ބިނާކުރުމަށް އެކުލަވާލުމަށް ހަމަޖެހިފައިވާ ޑޮކިއުމެންޓެކެވެ.

ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ ދިފާއާއި ސަލާމަތީ ކަންކަމާބެހޭ ސްޓްރެޓެޖީ އެންމެ ފުރަތަމަ އެކުލަވާލީ 2020 ގައެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން އެހީތެރިކަން ބޭނުންވާ އެއިއްތިހާދުގެ ގައުމުތަކަށް އެކި ކަންކަމުގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.

އެއަށްފަހު ތާލިބާނުންނާ ދެކޮޅަށް އެމެރިކާއާއި ނޭޓޯ ކުރި ދިގުލީ ހަނގުރާމަ ނާކާމިޔާބުވެ ވަރަށް ހިތްދަތިގޮތަކަށް އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ފައިބަން ޖެހުނުއިރު އަފްޣާނިސްތާނުގައި ތިބި ޔޫރަޕްގެ ރައްޔިތުންނާއި ނޭޓޯއަށް އެހީތެރިވެދިން އަފްޣާން މީހުން އެގައުމުން ބޭލުމުގައި ކުރިމަތިވި ނާކާމިޔާބީއަކީ މިފަދަ ބާރެއް ޔޫރަޕްގެ އިއްތިޙާދުގައި އޮތުމުގެ މުހިއްމުކަން އެއިއްތިޙާދުގެ ގައުމުތަކަށް ކަށަވަރުވެގެން ދިޔަ ކަމެކެވެ.

އެންމެ ފަހުން މިބާރު އުފައްދަން މިނިންމީ ޔޫރަޕްގެ އިރުމަތީ ފަޅީގައި ޔުކްރޭންގެ ހަނގުރާމަ ފެށިގެން ދިޔުމާއެކު އެހަނގުރާމަ ފުޅާވެދާނެކަމުގެ ބިރު ހީވުމާއި އެހަނގުރާމައިގެ ސަބަބުން އުފެދޭ ރެފިއުޖީންނަށް އެހީތެރިވުމުގެ މައްސަލަ ޔޫރަޕަށް ބޮޑުވެގެން ދިޔުމާ ގުޅިގެންނެވެ.

ޔޫރަޕްގެ އިއްތިޙާދުން އެކުލަވާލާ "ރެޕިޑް ރިއެކްޝަން ފޯސް" އަކީ ހަނގުރާމަކުރާ ބާރެއްނޫނެވެ. އެއީ ޔޫރަޕްގެ އިއްތިހާދުގެ އެއްވެސް ގައުމަކަށް ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ވަގުތުން އެގައުމަކަށް ގޮސް އެކަމުގައި އެހީތެރިވެދިނުމަށް ޚާއްސަ ބާރެކެވެ. ކުއްލި ހާލަތަކީ ގުދުރަތީ ކާރިސާއަކަށް ނޫނީ ހަނގުރާމައިގެ ސަބަބުން އުފެދޭ ރެފިއުޖީންނަށް އެހީތެރިވުން ފަދަ ކަންކަމެވެ.

ޔޫރަޕްގެ އިއްތިހާދަށް ޚާއްސަ "ރެޕިޑް ރިއެކްޝަން ފޯސް" ގެ ނަމުގައި އަސްކަރީ ޚާއްސަ ބާރެއް އުފެއްދުމަށް އެ އިއްތިޙާދުން އިއްޔެ ފާސްކުރި ގަރާރުގައި މިބާރަކީ ޔޫރަޕްގައި ނޭޓޯ ހިންގާ އޮޕަރޭޝަންތަކަށް އެހީތެރިވުމާއި ޔޫރަޕްގައި ނޭޓޯ ނުވަންނަ މަދަނީ ދިފާއާބެހޭ ޚާއްސަ ކަންކަމުގައި ހަރަކާތްތެރިވާނެ ބާރެއްކަން ބަޔާންކޮށްފައިވެއެވެ.