ބެއިޖިން (22 މާޗް 2022): އިއްޔެ ވެއްޓުނު ޗައިނާގެ ފަސިންޖަރު މަތިންދާބޯޓުން ދަތުރުކުރި އެކަކުވެސް ސަލާމަތް ނުވާކަމަށް ޗައިނާގެ ރަސްމީ މީޑިއާއިން ބުނެފިއެވެ.

ޗައިނާގެ ރަސްމީ މިޑިއާ ހަވާލާދީ ޖަރުމަނުގެ ނޫސްއެޖެންސީ "ޑީޕީއޭ" ބުނިގޮތުގައި އެބޯޓުން ދަތުރުކުރި 123 ފަސިންޖަރުންނާއި ނުވަ ފަޅުވެރިންވަނީ މަރުވެފައެވެ. ޗައިނާގެ ކަމާބެހޭފަރާތްތަކުން ގެންދަނީ އެ ބޯޓުގެ ކަޅުފޮށި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ މަޝްހޫރު ބޮއިންގް ކުންފުނިން އުފައްދާފައިވާ ބޮއިންގް 800-737 މަރުކާގެ އެބޯޓު ވެއްޓުނީ ޗައިނާގެ ކުންމިން ސިޓީން ފުރައިގެން އެގައުމުގެ ވޫޒުހޯ ސިޓީ އަށް ދަތުރުކުރަނިކޮށް މީޓަރު މަތީގައި އޮއްވައި ކުއްލި ގޮތަކަށެވެ. ވެއްޓިފައިވަނީ ވޫޒުހޯ ސިޓީ އާ ކައިރީގައިވާ ފަރުބަދަތަކެއްގެ މައްޗަށެވެ. މިއީ ފާއިތުވި 12 އަހަރުތެރޭގައި ޗައިނާއަށް ކުރިމަތިވި މިބާވަތުގެ އެންމެ ނުރައްކާތެރި އަދި ގެއްލުންބޮޑު ހާދިސާއެވެ.

ބޮއިންގް ކުންފުނިން އުފައްދާފައިވާ 737 މެކްސް މަރުކާގެ ބޯޓުތައް ވެއްޓުމުގެ އެތަށް ހާދިސާތަކެއް ދުނިޔޭގެ އެތައް ގައުމެއްގައި ފާއިތުވި އަހަރުތަކުގައި ހިނގާފައިވާއިރު އެ މަރުކާގެ ބޯޓުތަކުގައި ސަލާމަތީ މައްސަލަތަކެއް އުޅޭކަން ބޮއިންގް ކުންފުނިން ކުރި ތަހްގީގްތަކުންވަނީ ހާމަވެފައެވެ. އެކަމުގެ ސަބަބުން 737 މެކްސް ގެ މަތިންދާބޯޓުތައް ބޭނުންކުރުން ދުނިޔޭގެ ހުރިހާ ގައުމަކުންވަނީ މަނާކޮށްފައެވެ.

ނަމަވެސް 737 މެކްސް ގެ ބޯޓުތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަން ހައްލުކުރުމަށްފަހު ޗައިނާވަނީ ބޮއިންގެ ގެ ގެރެންޓީއާއެކު އެމަރުކާގެ ބޯޓުތަކަށް އުދުހުމުގެ ހުއްދަ އަލުން ދީފައެވެ. ޗައިނާގެ އިތުރުން އެނޫންބައެއް ގައުމުތަކުންވެސްވަނީ އެމަރުކާގެ ބޯޓުތަކަށް އަލުން ހުއްދަ ދީފައެވެ.

އިއްޔެ ވެއްޓުނު ޗައިނާގެ މަތިންދާބޯޓު ނިސްބަތްވަނީ ޗައިނާ ސަރުކާރުގެ އެންމެ ބޮޑު އެއް އެއާލައިންސްކަމަށްވާ ޗައިނާ އީސްޓަން އަށެވެ. ޗައިނާ އީސްޓަން އަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ ރަނގަނޅަށް ބޯޓުތައް މަރާމާތު ކުުރުމާއި ސަލާމަތީ ކަންކަން ބަލަހައްޓާ އެއްކުންފުންޏެވެ. އެކުންފުނީގެ ބޯޓުތައް 248 މަންޒިލަކަށް ދަތުރުކުރެއެވެ.

އިއްޔެ ވެއްޓުނު ޗައިނާ އީސްޓަންގެ ބޮއިންގް 800-737 މަރުކާގެ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ދެނެގަނެވޭނީ އެބޯޓުގެ ކަޅުފޮށި ހޯދައި އޭގެ ޑޭޓާ ތަހުލީލު ކޮށްގެންނެވެ. އެބޯޓުގެ ކަޅުފޮށި އަދި ފެނިފައެއް ނުވެއެވެ.

ޗައިނާއަކީ ވައިގެ ދަތުރު ފަތުރުގެ ހާދިސާތައް މަދުގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އިއްޔެ ހާދިސާގެ ކުރިން މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއެއް ޗައިނާއަށް ކުރިމަތިވެފައިވަނީ 2010 ވަނައަހަރުއެވެ. އެއަހަރު ޗައިނާގެ ހެނާން އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓި އޭގެން ދަތުރުކުރި 96 މީހުންގެ ތެރެއިން 44 މީހުންވަނީ މަރުވެފައެވެ.