ފުލުހަކު, ވަގެއް ފަހާ ދުވެ ވަރުބަލިކޮށްލުމަށްފަހު އަތުލި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު, އެ ފުލުސް މީހާއަށް ގިނަބައެއް ތައުރީފްކޮށްފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު 12:30 ހާއިރު ޗާންދަނީ މަގުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް އަޅާފައިވާ ފޮށިގަނޑެެއް ހިފައިގެން ދިޔަ ދިވެހި ފިރިހެނެއް މަޑުކުރަން ބުނުމުން ދުވެ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ވަގު ކަލޭގެ ފަހާ ފުލުހަކު ދުވާ ވީޑިއޯގެ ސްނެޕް ޝޮޓެއް ----

ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން އޭނާ ކައިރީގައި މަޑުކުރުމަށް ބުނުމުން ފޮށިގަނޑު އެއްލާލުމަށްފަހު ފިލަން މަސައްކަތް ކުރި ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުން ވަގެއް ކަމަށް ޝައްކުކުރެވޭ މީހާ ފަހަތުން ޓްރެފިކް ޕޮލިސް މީހާ ބާރު ދުވެލީގައި ދުވެފައި ދެއެވެ. ވަގުކަލޭގެ ވަދެފައިވަނީ ގެ އަކަށެވެ. ސިޑިން އަރަން ފެށުމުގެ ކުރިން އަރިމަތިން ފުލުސް މީހާ އަތުލައިގަނެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަތުނުޖެހި ސިޑިން އަރަން ފެށިއެވެ.

ނަމަވެސް ދިހަ ވަރަކަށް އޮޅިލާފައި ހުރި ސިޑިން ވަގު ކަލޭގެ އަރަން ފެށުމާ އެކު ފުލުސް މީހާ ވެސް ފަހަތުން ދިޔައެވެ. ހަތަރުވަނަ ބުރިއާ ހަމައަށް ބާރު ސްޕީޑްގައި ދިޔަ ނަމަވެސް ވަގު ކަލޭގެ ވަރުބަލިވެ ސްޕީޑް ވެސް މަޑުވެއްޖެއެވެ. ފުލުސް މީހާ ވެސް ސިޑީގެ އަތްގަނޑުގައި ހިފައިގެން ހިނގާފަ ކަހަލަ ގޮތަކަށް އެރިއެވެ.

ބެލެވޭ ގޮތުގައި ފުލުސް މީހާއަށް ވަގު ކަލޭގެ އަތުލައިގަނެވިފައިވަނީ ފަސް ވަނަ ފަންގިފިލާއިންނެވެ. އެއީ ވަރުބަލިވެ އިތުރަށް މައްޗަށް ނާރައި އޭނާ މަޑުކުރުމުންނެވެ.

އެއަށްފަހު ފަހަތުން ޓީޝާޓުގެ ކަރުގައި ހިފައިގެން ވަގު ކަލޭގެ ގޮވައިގެން ފުލުސް މީހާ ތިރިއަށް ފައިބައި އެ ގެއިން ނުކުންނަ މަންޒަރު ފެނެއެވެ.

ސޯޝަލް މީޑިއާގައި އާންކޮށްފައިވާ ވީޑިއޯއަށް ސަމާލުކަނަ ލިބިފައިވާއިރު ގިނަބަޔަކު ވަނީ ފުލުސް މީހާގެ ހިތްވަރަށް ތައުރީފްކޮށްފައެވެ. އަދި ވީޑިއޯ އިން ފެނިގެން ގޮސްފައިވަނީ ދިވެހިން ބޭނުންވާ ކަހަލަ ރައްކާތެރިކަން ކަމަށް މީހަކު ވަނީ ބުނެފައެވެ.

ވަގު ކަލޭގެ ފަހާ ދުވެ އަތުލި ވީޑިއޯއަށް އާންމުން ވަނީ ތައުރީފް ކޮށްފައި ----

ބައެއް މީހުނަށް އެ ވީޑިއޯ މަޖާ ވެސް ވިއެވެ. އެގޮތުން ބޮލީވުޑްގެ ފިލްމެއްގެ ތަންކޮޅަކާ ވައްތަރުކަމެއް ހުރި ކަމަށް ވެސް ބުނެފައިވެއެވެ. އަދި ދެ މީހުން ދުވަމުން ގޮސް ދުވެލި މަޑުވީ އެއް ހިސާބަކުން ކަން ވެސް ބައެއް މީހުނަށް ވަނީ ފާހަގަވެފައެވެ. އެކަމުން ފެނުނީ ފުލުހުންނާއި އާންމުންނާ އެއް މިންވަރަކަށް ފިޓްނަސް ލެވަލް ހުރި މިނަވަރު ކަމަށް އިތުރު މީހަކު ބުނެފައިވެއެވެ.

ވަގު ކަލޭގެ ފަހާ ދުވެ އަތުލި ވީޑިއޯއަށް އާންމުން ވަނީ ތައުރީފް ކޮށްފައި ----