24 Mar 2022, 11:45
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަށާ، މި ސަރުކާރުން ހަވާލު ކުރި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނުނަގާ މުއްދަތު މި މަހަށް ހަމަވާނެއެވެ.
ހިޔާ ފްލެޓްތައް ހަވާލުކުރީ ފިނިޝިންގެ މަސައްކަތް ނުނިންމާ ކަމަށްވާތީ، އެ މަސައްކަތް ނިންމުމަށްޓަކައި ކުލި ނުގަނާ ތިންމަސް ދުވަސް ދިނުމަށް އެޗްޑީސީން ފުރަތަމަ ނިންމިއެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން ފިނިޝިންގެ މަސައްކަތް ނިންމުމަށް ދީފައިވާ ގްރޭސް ޕީރިއަޑް އިތުރުކޮށް، އެ މުއްދަތު ހަތަރު މަހަށް ހަދާދީފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ މެދުތެރޭގައެވެ.
އޭގެ ފަހުން، ޑިސެމްބަރު މަހުގެ ތެރޭގައި، ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން، ޑިސެމްބަރު 26 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި، ފިނިޝިން ނިންމުމަށް އިތުރު ތިން މަސް ދޭން ނިންމާފައި ވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ޢިއުލާނު ކުރެއްވިއެވެ.
އެހެންކަމުން ތަފާތު އެކި ސަބަބުތަކާ ހެދި ފިނިޝިން ނިންމުމަށް ޖުމުލަ ހަތް މަސް ދުވަހުގެ މުއްދަތެއް ވަނީ ލިބިފައެވެ.
ނަމަވެސް އެ މުއްދަތު ހަމަވެ، އަންނަ މަހުން ފެށިގެން ކުލި ނަގަން ފަށާއިރު، އަދިވެސް ގިނަ ފްލެޓްތަކެއް ނުނިމި އެބަހުއްޓެވެ.
ނުނިމި ހުރި ފްލެޓްތަކުގެ މައުލޫމާތު ހޯދަން އެޗްޑީސީން ސާވޭއެއް ފަށާފައި ވީ ނަމަވެސް، އެ ސާވޭ ނިމޭނީ އަންނަ މަހުގެ 13 ވަނަ ދުވަހު ކަމަށް އެޗްޑީސީން ބުންޏެވެ.
ސަން ގެ ނޫސްވެރިން ހިޔާ ފްލެޓްތަކަށް ޒިޔާރަތް ކުރުމުގެ ތެރެއިން، އެއްވެސް ވަރަކަށް ނަހަދާ ހުރި ފްލެޓްތަކާއި، އެއްބައި ނިމިފައި ހުރި ފްލެޓްތައް ވެސް ފެނުނެވެ. ބައެއް މީހުން ބުނި ގޮތުގައި، އަދި އެއްކޮށް ހަދާ ނުނިމެނީ، ލޯނެއް ނުނަގައި، ލިބޭ ފައިސާއިން އެކި މަހު އެކި ބައި ހަދާތީއެވެ.

ހިޔާ ފްލެޓް ސަރަހައްދު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން ފޮޓޯ: އެޗްޑީސީ
ފްލެޓްތައް ނުނިމޭ މައްސަލައިގައި 'އާއްމު އެކުވެރި ގުޅުން' ޖަމިއްޔާގެ ފައުންޑާ މިދުއަމް ސައުދު "ސަން" އަށް ބުނީ، އެކި ކުންފުނިތަކަށް ފްލެޓް ނިންމަން ހަވާލުކޮށް، އެ ކުންފުނިތަކުން މަސައްކަތް ނުނިންމުމުގެ ސަބަބުން، 500 ވަރަކަށް ފްލެޓް އަދިވެސް ނުނިމޭ ކަމަށެވެ.
ހިޔާ ފްލެޓްގެ މަސައްކަތްތަކާ ހަވާލުވެ، އެޑްވާންސް ފައިސާ ނަގައި، މިހާތަނަށް މަސައްކަތް ނުނިންމާ ކުންފުނި ތަކުގެ ލިސްޓު އެންމެ މަތީގައިވާ ހަތް ކުންފުންޏެއްގެ ނަން އެ ޖަމިއްޔާއިން ވަނީ އާއްމުކޮށްފައެވެ.
މިދުއަމް ބުނީ ތަން ހެދުމުގެ ގާބިލުކަން ހުރެ، އަދި ހަދާ ނުނިންމާ މީހުންވެސް އުޅޭނެ ކަމަށާއި ނަމަވެސް ފިނިޝިން ނިންމަން ކުންފުނިތަކާ ހަވާލުކޮށްގެން ނުނިމި ހުރި ތަންތަން ވެސް އެބަހުރި ކަމަށެވެ.
ހިޔާ ފްލެޓްގައި ދިރިއުޅޭ، މާލޭ ސްކޫލެއްގެ ޓީޗަރަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، "ސަން" އަށް ބުނީ، ފްލެޓުގެ ސަބަބުން ކުރީގައި ގިނަ ބަޔަކު އެއްކޮށް ކުޑަ ތަންކޮޅެއްގައި އުޅުނު އުޅުމަށް ނިމުމެއް ގެނެވިއްޖެ ކަމަށެވެ. ނަމަވެސް ފްލެޓްގެ ހުރިހާ ކަމެއް ނިންމަން އަދި އިތުރު ދެ މަސް، ކުލި ނުނަގާ ގޮތަށް ހަމަޖައްސައިފި ނަމަ ވަރަށް ލުއިވާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ، ދެ ދަރިންނާއެކު ދެމަފިރިން ފްލެޓްގައި އުޅޭއިރު ކުލީގެ ގޮތުގައި ނަގަން ހަމަޖައްސާފައިވާ އަދަދު ބޮޑު ކަމަށާއި، ކުލި ކުޑަކޮށްދީފި ނަމަ ނުވަތަ ފިނިޝިންއަށް އަދި ދެމަސް ދީފިނަމަ ފްލެޓްގެ ކަންކަން ނިންމަން ފަސޭހަވާނެ ކަމަށެވެ.
އޯގަސްޓް މެދުތެރެއިން ފްލެޓް ލިބުނު ކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު، ފްލެޓަށް ކަރަންޓު ލުމާއެކު ފްލެޓްގެ ފިނިޝިންގެ މަސައްކަތް ކުރަން ފެށި ކަމަށާއި، ނަމަވެސް ލިބޭ އާމްދަނީ ރައްކާ ކުރަމުން، އެކި މަހު އެކި މަސައްކަތް ނިންމަމުން ދާތީ، އަދި އެއްކޮށް ނުނިމެނީ ކަމަށް އޭނާ ބުންޏެވެ.
"އެއްކޮށް ނިމެން ގާތްގަނޑަކަށް 2، 3 މަސް ވަރު ވާނެ ކަންނޭނގެ. އެއަށްވުރެ ވެސް ގިނަ ދުވަސް ވާނެ. އެއީ، އަހަރެމެން ލޯނެއް ނުނަގަން، ސްކީމަކަށް ނުނަގަން،" އޭނާ ބުންޏެވެ.
ލިބޭ އާމްދަނީއިން ޒަރޫރީ ބޭނުންތަކާއި ދަރިންގެ ޚަރަދުތައް ކުރުމަށްފަހު ރައްކާކުރާ ފައިސާއިން މަޑުމަޑުން މަސައްކަތް ނިންމަނީ ކަމަށް އޭނާ ބުންޏެވެ. އަދި ފަރުނީޗަރު ފަދަ ތަކެތީގެ ގޮތުގައި، އެހެންމީހުން ބޭނުންކޮށްފައި ހުރި އެއްޗެހި ވެސް ބޭނުން ކުރަމުން ދާކަމަށް އޭނާ ބުންޏެވެ.
ފްލެޓްގެ އެކި މަސައްކަތް އެކި މީހުންނާ ހަވާލު ކުރާއިރު، ބައެއް މީހުން ލަނޑުދޭ ކަމަށާއި ނިންމަން ބުނާ ދުވަހަށް މަސައްކަތްތައް ނުނިންމާ ކަމަށް އޭނާ ބުންޏެވެ.
'އާއްމު އެކުވެރިންގެ ގުޅުން' ޖަމިއްޔާއިން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، އެއް ކުންފުންޏަކުން 36 މީހެއްގެ އަތުން އެޑްވާސްސް ފައިސާ ނަގައި، މިހާތަނަށް މަސައްކަތް ނިންމާފައެއް ނުވެއެވެ. ފައިސާގެ އަދަދު ތިން މިލިއަން އަރައެވެ.
އޭގެ އިތުރުން، ކުންފުނިތަކުން މީހުންގެ އަތުން ނަގާފައިވާ ފައިސާގެ ޖުމުލަ އަދަދު ލައްކައިގައި އުޅޭއިރު، އެ ތަންތަނުގެ ފިނިޝިން ވެސް ނިމިފައެއް ނުވެއެވެ.
ދެން އިތުރު މުއްދަތެއް ދޭ ވިސްނުމެއް ނެތް
އެޗްޑީސީން ބުނީ، ކަނޑައެޅިފައިވާ މުއްދަތުގައި ކުލި ނަގަން ފަށާނެ ކަމަށާއި، އަދި ކުލީގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދު ނަގާނެ ކަމަށެވެ.
ކުލީގެ ގޮތުގައި ނެގުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ 7،500 ރުފިޔާއެވެ. މީގެ އިތުރުން މެއިންޓެނަންސަށް މަހަކު 1،000 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.
ހިޔާ ޔޫނިއަންގެ ފަރާތުން، ކުލި ކުޑަކުރުމަށް އެދި 1500 ފޯމު އެޗްޑީސީއަށް ހުށަހަޅާފައި ވެއެވެ. ޔޫނިއަންއިން ބުނި ގޮތުގައި އެއީ ފުރަތަމަ ބުރުގެ ފޯމުތަކެވެ. ތިން ބުރެއްގެ މަތިން ސިޓީތައް އެޗްޑީސީއަށް ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.