އަވަސް އިންތިހާބެއް ބާއްވަން ކުރާ މަޝްވާރަތަކަށް ކުރިއެރުމެއް ލިބިފައިނުވާތީ ކަންބޮޑުވުން ފާޅުކޮށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ނެރުނު ބަޔާނުގައި ވަކި ޕާޓީއެއްގެ މަސްހަލަތު ހިމާޔަތްކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ޕާޓީގެ އިންތިގާލީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސީމެގުން ނެރެފައިވާ ބަޔާނުގައި އިންތިހާބު ބޭއްވުމުގެ ވާހަކަ މާބޮޑަށް ދައްކާފައި އޮތް އޮތުން ޕީޕީއެމުން ފާހަގަކުރާ ކަމަށެވެ.

"މި ސްޓޭޓް މަންޓަށް [ސީމެގުން ނެރުނު ބަޔާން] ބަލާލީމަ ވަކި ޕާޓީއެއް ނުވަތަ ވަކި ބޭފުޅެއްގެ މަސްލަހަތަށް އިސްކަންދީފައިވާކަން ފާހަގަކުރެވޭތީ އެކަން ވެސް ފާހަގަކޮށްލަން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މާހައުލު އޮތީ އަވަސް އިންތިހާބެއް ބޭއްވޭފަދަ ގޮތަކަށް ނޫންކަމަށާއި އަވަސް އިންތިހާބެއް ބާއްވަން ބޭނުންވާނަމަ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

އަދި ވަކި ބަޔަކު ބާރުއަޅައިގެން އިންތިހާބު ބޭއްވުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރިގޮތް ކަމަށް ޕީޕީއެމުން ނުދެކޭކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. މީގެ އިތުރުން ކޮމަންވެލްތުން ރާއްޖޭގެ ކަންކަން ބަލަމުންދާތީ އެ ޕާޓީން ޝުކުރު އަދާކުރާ ކަމަށާއި އެހެން ނަމަވެސް ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތް ނުކުރުމަށް އެޕާޓީން އެދޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު މިއޮތް މާހައުލުގައި އިންތިހާބެއް ބާއްވާނަމަ އެބަޖެހޭ ގާނޫނު އަސާސީ އިސްލާހުކުރަން. ނޫނިވިއްޔާ މިހާރު ހުންނެވި ރައީސުލް ޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން. މިކަހަލަ ހާލަތްތަކެއް ދިމާވެގެނެއް ނޫން މިއުޅެނީ،" އެނާ ވިދާޅުވި އެވެ.

ސީމެގުގެ ބަޔާނުގައި ވެރިކަން ކުރާ ފަރާތްތަކުގެ ގާނޫނީ ހައިސިއްޔަތާ މެދު ބައިނަލްއަގުވާމީ ގަބޫލުކުރުމެއް އުފެއްދުމަށް ރައްޔިތުން އެދޭ ގޮތް ވީހާ އަވަހަކަށް ދައްކަން ވާނެ ކަމަށް (އިންތިހާބެއް ބާއްވަން ވާނެ ކަމަށް) ކޮމަންވެލްތުން ގަބޫލުކުރާ ކުރުން އަދިވެސް އެގޮތުގައި އެބަ އޮތް ކަމަށް ބުނެފައި ވެއެވެ.

އެހެން ނަމަވެސް އަވަސް އިންތިހާބަކަށް ދިއުމާއި ގުޅޭގޮތުން ޕާޓީތަކާއެކު ކުރެވުނު މަޝްވަރާތަކުގައި އަވަސް އިންތިހާބެއް ބޭއްވޭނެ ކަމަށް އެ ޕާޓީއަކަށް ފެންނަ ތާރީހް އެކި ޕާޓީތަކުން ދިން ނަމަވެސް ޕީޕީއެމް މި މަޝްވަރާތަކުގައި އެއްވެސް ތާރީހެއް ދީފައެއްނުވެ އެވެ.