22 Mar 2022, 12:23
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މެޖިސްޓްރޭޓް ކޯޓުތަކުގައި ޖިނާއީ ދަޢުވާ އުފުލުމަށް ކޯޓުތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވޭނެ އޮންލައިން ޕްލެޓްފޯމެއް, ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ގާއިމުކޮށްފިއެވެ.
މި ނިޒާމަކީ ރައްކާތެރި އަދި ފަސޭހަ ނިޒާމަކުން ލިޔެކިޔުންތައް ފޮނުވޭނެ ގޮތް ހެދުމަށްޓަކައި ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ. ޑީޖޭއޭއިން ބުނީ މި ސިސްޓަމް މެދުވެރިކޮށް ރާއްޖޭގެ 187 ރަށުގެ މެޖިސްޓްރޭޓް ކޯޓުތައް އިއްޔެ ގުޅާލާފައިވާ ކަމަށެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ އެ ސިސްޓަމްގެ ސަބަބުން ޝަރީއަތް ހިންގުން އަވަސްވެ، އިދާރީ ދަތިތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.
"މިއީ ޖުޑިޝަރީން ފަށާފައިވާ ޑިޖިޓަލައިޒޭޝަން މަސައްކަތުގައި ހިމެނޭ މުހިއްމު އެއް ބައި. އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތް މުޅިން ނިމިގެން ދާއިރު އަދުލު އިންސާފު ހޯދުމަށް ފަސޭހައިން ވާސިލުވެވޭ ތަންތަނަށް ކޯޓުތައް ވެގެން ދާނެ،" ރިޒްނާ ވިދާޅުވިއެވެ.
މި ސިސްޓަމްގެ ސަބަބުން ކަނޑައެޅިފައިވާ މުއްދަތުގައި ދަޢުވާ އުފުލުމާއި ލިޔެކިޔުންތައް ފޮނުވުމުގައި ދިމާވާ ބައެއް އިދާރީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި ސިސްޓަމް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ވެސް ބޭނުން ކުރަމުންނެވެ.
ޑީޖޭއޭ އިން ބުނީ މި ސިސްޓަމް ބޭނުންކުރަމުންދާނީ އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ގާއިމްކުރެވެންދެކަށެވެ. އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ނިމުމާއެކު އިލެކްޓްރޯނިކް ފައިލިން ތައާރަފްވެ، މައްސަލަ ހުށަހެޅުމުގެ ކަންކަން އޮޓޮމޭޓް ވެގެންދާނެއެވެ.