22 Mar 2022, 07:27
ލިޔުންތެރިންގެ ގުޅުމާއި ދިވެހި ބަހުގެ އެކެޑަމީގެ އިތުރުން ގައުމީ ކުތުބުހާނާއާއި އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) ގުޅިގެން ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ޢިއްޒުއްދީން ސްކޫލް ހޯލުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިންޑިއާގެ ހަތް ބަހަކުންނާއި ދިވެހި ބަހުން ވަނީ ޅެން ހުށަހަޅާދީފައެވެ.
އެގޮތުން ޖަލްސާގެ ޝަރަފްވެރި މެހެމާން ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރު ވެސް ވަނީ އަސަރަގުދަ އިޝްގީ ޅެމެއް ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން އެ ރަސްމިއްޔާތުގައި ލިޔުންތެރިންގެ ގުޅުމުގެ ރައީސް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި އޭނާ ވަނީ ޢަބްދުއްރަޝީދު ޙުސައިން ހައްދަވާފައިވާ ޅެމެއް ހުށަހަޅުއްވާފައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް ވާހަކަފުޅު ދައްކަވަނީ --
ލިޔުންތެރިންގެ ގުޅުމުން ބޭއްވި ޅެން މުބާރާތް، "ޅެންވެރިޔާ 2022"ގެ ނަތީޖާ ފާޅު ކުރުމާއި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުން ވެސް ޖަލްސާގައި އޮތެވެ. އިނާމު ހަވާލު ކޮށްދެއްވީ ޤުބާދުއެވެ.
އެ ޖަލްސާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ދެއްކެވި ވާހަކަފުޅުގައި ޅެމަކީ މީހުންގެ ހިތަށް ނުހަނު ބޮޑަށް އަސަރުކުރާ އެއްޗެއް ކަމަށް ވިދާޅުވިއެވެ. ޅެންވެރިކަން އުފެދިގެން އަންނަނީ ކޮންމެ ބަހަކުން ކަމުގައި ވީނަމަވެސް އެބައެއްގެ ހިތަށް އަސަރު ކުރާނެކަމަށް ޑރ. އަޝްރަފު ވިދާޅުވިއެވެ.
"ޅެން ވެރިކަމަކީ ހިތަށް އަސަރުކުރާ އެއްޗެއް. އެއީ ކޮންމެ ބަހަކުން ހެދި ޅެމަކަށް ވީ ނަމަވެސް އެ ޅެމެއް އަޑުއަހާލީމަ ހިތަށް އުފާވެރިކަން ލިބޭނެ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ވާހަކަފުޅުދައްކަވަނީ ---
އެހެންކަމުން އުރުދޫ އަދި ހިންދީގެ ޅެންތައް ދިވެހިބަހަށް ތަރުޖަމާކޮށް އެ ޅެންތަކުގެ ވިސްނުމާއި ފިކުރު ދިވެހިބަހަށް ތަރުޖަމާ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ރޯނުގޭ ހަސަންމަނިކުގެ "ތޭހައްޓި" ޅެން ފޮތް ވެސް ވަނީ ނެރެދެއްވާފައެވެ. އެ ފޮތް ނެރެދެއްވީ ފަންނާއި ތަރިކައިގެ ވުޒާރާގެ ވަޒީރު ޔުމްނާ މައުމޫނެވެ.

ރޯނުގޭ ހަސަންމަނިކުގެ "ތޭހައްޓި" ޅެން ފޮތް ވަނީ ނެރެދެއްވައިފައި --
ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ނެރުނު ހަވަނަ ޅެން ފޮތް "ޅެންވެރިޔާ 6" ވެސް ރޭ ވަނީ ނެރެފައެވެ. އެ ފޮތް ނެރެދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފެވެ. ރޭގެ ހަފްލާއަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަނީ އެ ފޮތް ހަދިޔާކުރައްވާފައެވެ.
މީގެ އިތުރުން ރޭ ލިޔުންތެރިކަމުގެ ގުޅުމުން ވަނީ، ޅެންވެރިކަމުގެ ހިތްވަރު ދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ގދ. ތިނަދޫ، އަލިދޯދި، ޢަބްދުﷲ އަފީފަށް ޚާއްޞަ ޝަރަފެއް އަރުވާފައެވެ.