22 Mar 2022, 07:12
"ދެން މަންމާ..." ޒަރީނާގެ ހެދުމުގައި ހިފަމުން ވިޝްކާ ބުންޏެވެ.
"ކޮން ކަމެއް ހަނދާން ނައްތާލާށޭ؟..." ސައްތާރުގެ އަޑަށް ޒަރީނާ އާއި ވިޝްކާވެސް ސިހުނެވެ.
********
ވިޝްކާ އާއި ޒަރީނާ އެކަކު އަނެކަކާއި ދިމާއަށް ބަލައިލީ ކަންބޮޑުވެފައެވެ. ދެންމެ ދެކެވުނު ވާހަކަ ސައްތާރަށް އަންގަން ބޭނުން ނުވާކަން ޒަރީނާގެ ނަޒަރުން ވިޝްކާ ދެނެގަތެވެ. އެހާ ކުއްލިގޮތަކަށް ސައްތާރަށް ހަގީގަތް އެނގޭކަށް ހުދު ވިޝްކާވެސް ނޭދެއެވެ.
"ވިޝްކޮ މީހަކާ އިންނަން ބޭނުންވަނީއޯ..." ފުރުސަތުގެ ބޭނުން ހިފައި، އިދާން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.
ޒަރީނާއަށް ހީވީ އޭނާގެ ކައިރީގައި މީހަކު އެއްޗެހިތަކެއް ގޮއްވައިލި ހެންނެވެ. ހަމަ އެފަދައިން ވިޝްކާގެ މޭގަނޑު ގުޑައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން އޭނާ އިދާންއަށް ބަލަން ހުރީ ބިރެއް ފެނުމުން ބަލާ ހެންނެވެ. އިދާންގެ މަދަދަށް އެދުނުއިރު އެފަދަ ގޮތަކަށް ކަންތައް ކޮށްފާނެކަމަށް ވިޝްކާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އޭނާ ހީކުރީ، އިދާންއަކީ އެއަށްވުރެ ވިސްނޭ މީހެއް ކަމަށެވެ.
"ކާކާ އިންނާށޭ؟..." ސައްތާރުގެ މޫނުން ފެނުނީ ހައިރާންކަމެވެ. ޖަވާބު ބޭނުންވާ ފަދައިން އޭނާ ފަހަރަކު މީހަކާއި ދިމާއަށް ބަލަމުން ދިޔައެވެ.
އިދާން ފާޑަކަށް ހިނިއައިސްފައި ވިޝްކާއަށް ބަލަން ހުއްޓެވެ. ވިޝްކާ ދެފަރާތަށް ބޯ ހޫރާލައި، އިތުރު އެއްޗެއް ނުބުނުމަށް އިދާންގެ ކައިރީގައި އެދުނެވެ.
"އެއީ ތެދެއް ކާކާތަ؟..." އިދާން ސުވާލުކުރީ ވިޝްކާއާއިއެވެ.
ވިޝްކާއަށް ތުންފިއްތައިލެވުނެވެ. ހާސްވެގެން އޭނާގެ ނިތްކުރިމަތިން ދާހިއްލާލިއެވެ. އިދާން އާއިމެދު އެ ހިތުގައި އުފެދުނީ ޝަކުވާއެވެ. އިދާން ހަމަ ރަނގަޅަށްވެސް އޭނާ ހޫނުފެނަށް ވައްޓާލައިފިއެވެ. މުޅި ތަނުގައި ބޮމެއް ގޮއްވާލާފައި އިދާން އެ މަސައްކަތް ކުރަނީ ފިލަން ހެއްޔެވެ؟
"ބޭބެ އެކިޔަނީ ތެދު ވާހަކައެއްތަ ދަރިފުޅާ؟..." ވިޝްކާގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ސައްތާރު ސުވާލުކުރީ ގާތްގޮތަކަށެވެ.
"ވިޝްކާ އަދި މީހަކާ އިންނަވަރެއް ނުވޭ..." ޒަރީނާއަށް މަންޒަރު ބަލާކަށް ނުހުރެވުނެވެ. "އަދި އެ އުޅެނީ އަމިއްލަ ފައިމައްޗަށްވެސް ނުތެދުވެވިގެން..."
"ތިހެން ނުބުނޭ ޒަރީނާ..." ސައްތާރު ޒަރީނާގެ ނިންމުމަށް ފާޅުގައި ދެކޮޅުހެދިއެވެ. "އަންހެން ކުދިން އަށާރަ އަހަރު ފުރުނީމަ މީހަކާ އިނުން އެއީ މައްސަލައެއް ނޫން... ކޮންމެހެން މީހަކާ އިނުމުގެ ކުރިން އަމިއްލަ ފައިމައްޗަށް ތެދުވާކަށްވެސް ނުޖެހޭ... އިނދެގެންވެސް މިހާރު ތި ހުރިހާ ކަމެއްވާ ޒަމާނޭ މީ..."
"އެކަމަކުވެސް އަހަރެންގެ ހިތެއް ނުރުހޭ..." ޒަރީނާ ނުތަނަވަސްވިއެވެ.
"އެމަންޖެ އިންނަން ބޭނުމިއްޔާ، ހަމަގައިމުވެސް އަހަރެން ރުހުން ދޭނަން..." ސައްތާރު ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
އިސްޖަހައިގެން ހުރި ވިޝްކާ ސައްތާރަށް ބަލައިލީ އުއްމީދުން ފުރިފައިވާ ނަޒަރަކުންނެވެ.
"ބައްޕަ ބޭނުން ތިޔަކުއްޖަކާ ބައްދަލުކޮށްލަން... ހުކުރުގެ ފަހުން ކޮންމެސް ދުވަހެއް ހަމަޖައްސާލާފަ ބައްޕަ ކައިރީ ބުނޭ..." ވިޝްކާގެ ބޮލުގައި ފިރުމައިލަމުން ސައްތާރު ބުނެލިއެވެ.
********
އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރެއަށް އެޅިފައިވީ ފަނޑު އަލިކަމެކެވެ. ހުޅުވާފައިވާ ކުޑަދޮރުގެ ބޭރުން ފުރޭނިގެން އައިސްފައިވާ އަލި އެޅިފައިވީ، ކޮޓަރީގެ ކުޑަދޮރު ކައިރީގައި ބަހައްޓާފައިވާ ސޯފާއަށެވެ. އެ އަލި ފިޔަވައި އިތުރު އަލިކަމެއް ކޮޓަރީގައި ނުވެއެވެ.
ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައިވާ ބޮޑު އެނދުގައި މީހަކު ނިދާފައި އޮތެވެ. ފުލުފުލުގައި އަންނަމުންދިޔަ ފޯނުކޯލުތަކުގެ ސަބަބުން އެމީހެއްގެ ނިދި ޚަރާބުވިއެވެ. ފޯނު ނަގައި ކަންފަތުގައި ޖެހިއިރު، އޭނާގެ މޫނުން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ އަސަރެވެ.
"ބުނީމެއްނު މުހިއްމު ކަމެއްނެތި މިގަޑީގަ ނުގުޅާށޭ..." ހިތްހަމަނުޖެހިފައިވާ ރާގަކަށް އޭނާ ބުނެލިއެވެ.
ފޯނުގެ އަނެއްކޮޅުން ދެއްކި ވާހަކަތައް އަޑުއިވުމުން އޭނާގެ ރުޅި ފިލައިދިޔައެވެ. ފޯނު ބޭއްވުމަށްފަހު، އޭނާ ތެދުވެގެން ގޮސް، ސޯފާގައި އިށީނދެލިއެވެ. ސޯފާގެ ކުރިމަތީގައި ބަހައްޓާފައިވާ މޭޒުމަތީގައި ޓެބްލެޓެއް އޮތެވެ. އޭނާ އެ ނަގައި ހުޅުވައިލުމާއިއެކު، ފުލުފުލުގައި މެސެޖުތަކެއް އަންނަން ފެށިއެވެ.
ޓެބްލެޓަށް ފޮނުވާފައި އޮތީ، އައިޒަކާއި އިރަމްގެ އިތުރުން ޒިވިއަންގެ ތަސްވީރުތަކެކެވެ. ރިސޯޓުން އެނބުރި މާލެއަށް އައި ދުވަހު އައިޒަކާއި އިރަމް އެކުގައި ރެސްޓޯރެންޓްގައި ތިއްބާ ނަގާފައިވާ ތަސްވީރުތަކެއްވެސް ހުއްޓެވެ.
********
އުޑުމަތި ބައްދާލާފައިވާ ކަޅު ވިލާތައް ކަޝްފުވިއެވެ. ހަނދުވަރުގެ ރިހި އަލިން މުޅި ތަން ދިއްލައިލިއެވެ. އެއާއިއެކު، ތަރިތައް ހަނދުގެ ވަށައިގެން ރަނިކަން ކުރަން ފެށިއެވެ. ފަޒާގައި ހިފާލާފައިވީ ތެތްފިނިކަމެވެ.
ގޯތިތެރޭގައި ހައްދާފައިވާ ބޮޑު ބަނބުކެޔޮ ގަހުގައި އެލުވާފައިވާ އުނދޯއްޔެއްގައި އައިޒަކް އޮތެވެ. ޒިވިއަން އާއި އިރަމް ތިބީ، އުނދޯލީގެ ކުރިމަތީގައި ހުރި ޖޯއްޔެއްގައެވެ. ދޭތެރެއަކުން ޖެހިލާ ވައިރޯޅިއާއިއެކު، ބަނބުކެޔޮގަސްދަށަށް ހަނދުވަރުގެ ރިހި އަލި އެޅިގެންދެއެވެ. ތިންމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އިރަމް އާއި އައިޒަކްގެ ނަޒަރު ހުއްޓިފައިވީ ފޯނަށެވެ. ދެމީހުން އެކަކު އަނެކެކަށް މެސެޖުކުރަނީއެވެ. ޒިވިއަން އޮތީ، އޭނާއަށް އެނގޭ ބޮޑު ސިއްރު ވަންހަނާކޮށްގެން، ދެމީހުންގެ ހަރަކާތްތަކަށް ސިއްރުން ބަލާށެވެ.
"އެއްވެސް ސުވާލެއް ނުކުރާނަންތަ؟..." އައިޒަކް އިރަމްއަށް މެސެޖެއް ފޮނުވައިލިއެވެ.
އިރަމްގެ މަޑުމައިތިރިކަމުގެ ސަބަބުން އައިޒަކްގެ ހިތަށް އުނދަގޫކުރަން ފެށިއެވެ. ހިނގައިދިޔަ ކަންތަކާއި ބެހޭގޮތުން އިރަމް ސުވާލުކުރަން އައިޒަކް ބޭނުންވިއެވެ.
"ކޮން ސުވާލެއް؟..." އިރަމްވެސް ކުރީ ސުވާލެކެވެ.
"ހަމަ އެއްވެސް ސުވާލެއް ނުކުރާނަންތަ؟..." އައިޒަކް ބުނެލިއެވެ.
"ހޫމްމް..." އިރަމް ބުންޏެވެ.
"ކީއްވެ؟..." އައިޒަކް މެސެޖު ފޮނުވައިލާފައި އިރަމްގެ މޫނަށް ބަލައިލިއެވެ. ގަހުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން އައިސްފައިވާ އަލި އިރަމްގެ މޫނަށް އެޅިފައިވާއިރު، ހަނދަށްވުރެ އިރަމްގެ އުޖާލާކަން ކުޑައެއް ނޫނެވެ.
އައިޒަކް ދެއްކީ، އިރަމް ގުޅުމުން ވިޝްކާ ފޯނު ނެގި ވާހަކަ ކަން އެނގުނު ނަމަވެސް، އެކަމާއި ބެހޭގޮތުން ސުވާލުކުރާކަށް އިރަމް ބޭނުމެއް ނުވިއެވެ.
"އިތުބާރުކުރާތީ..." އިރަމް ބުންޏެވެ.
"ސޮރީ..." އައިޒަކް މެސެޖު ފޮނުވައިލީ ރޮވިފައިވާ އިމޯޖީއަކާއި އެކުގައެވެ. "އަހަރެން އަދިވެސް ދެކެނީ ވިޝްކާއަކީ ކޮއްކޮއެއްގޮތަށް... އެކަމް އަހަރެންގެ ވައިފް ބުނެފިއްޔާ، އަހަރެން އޭނައަށް ނުވެސް ބަލާނަން..."
އިރަމްއަށް ހެވުނެވެ. އައިޒަކް ކިތަންމެ ބޮޑުވެލާފައި އުޅުނަސް، ބައެއްފަހަރު އޭނާގެ ކައިރީގައި އުޅޭގޮތުން ހީވަނީ ކުޑަކުއްޖެއް ހެންނެވެ. އެހާމެ މައުސޫމުކޮށް ބުނެލާ ޖުމްލަތަކުން އޭނާ ހެއްވާލައެވެ. ހިތުގެ ހުރިހާ ޝަކުވާތަކެއް ފިލައިގެންދާން ހިނދުކޮޅެއްވެސް ނުނަގައެވެ. އިރަމް އައިޒަކަށް ބަލައިލާފައި، ތުއިގޮތަކަށް ހިނިތުންވެލިއެވެ. ޒިވިއަން އޮތްކަން ހަނދާންވެ، އޭނާ އަވަހަށް ޒިވިއަންއަށް ބަލައިލިއެވެ. އޭރު ޒިވިއަން އޮތީ، އިރަމްއަށް ބަލަހައްޓައިގެންނެވެ. އިރަމް ނޫންކަމަށް ހަދައިލަމުން އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ.
"މާ މަޖާ އެއްޗެއް ފެނުނީތަ ތިހާ ވަރަކަށް ތި ހެނީ؟..." އިރަމްގެ ފޯނު ބަލާކަމަށް ހެދެމުން ޒިވިއަން ބުނެލިއެވެ.
އިރަމް އަވަހަށް ފޯނު ޖީބަށް ލިއެވެ. މައުޝޫޢު ބަދަލުކޮށްލުމަށް އޭނާ އެ ރަށާއި ބެހޭގޮތުން ޒިވިއަން އާއި ދެތިން ސުވާލުކުރިއެވެ. ޒިވިއަންގެ ވާހަކަ ފެށުނެވެ. އެކި ވާހަކަ ދައްކަމުން ގޮސް، އޭނާ ފެށީ، ތާރީހީ ވާހަކަތަކެކެވެ. އެ ރަށުގައި ބުޅަލެއްގެ އުނދަގޫ މީހުންނަށް ކުރިމަތިވި ގޮތުގެ ވާހަކައެވެ. ރޭގަނޑު ވަކި ގަޑިއެއްގެ ފަހުން އަނދިރި ތަންތަނުން އެ ބުޅާ ފެންނަ ވާހަކަ އޭނާ ކިޔައިދިނެވެ. އެ ވާހަކަ އަޑު ނާހަން އުޅުނު ނަމަވެސް، އައިޒަކް އިނީ ފާޑަކަށް ހިތް ނުތަނަވަސްވެފައެވެ. އެހެން މީހުންނާއި ދުރުގައި އިންނަން ނުކެރިގެން އޭނާ ތެދުވެގެން ގޮސް އިރަމްއާއި ޖެހިގެން ހުރި ޖޯލީގައި އޮށޯތެވެ.
"އެތާ ހާދަ މަދިރި ހަފައޭ..." އައިޒަކް ނޫންކަމަށް ހަދައިލިއެވެ.
އެތެރެއިން ހިނިގަނޑު ފަޅައިގެންދިޔަ ނަމަވެސް އިރަމް ކެތްކުރިއެވެ. އައިޒަކް އައީ ބިރުންކަން އޭނާއަށް އެނގުނެވެ. ޒިވިއަންވެސް އިނީ ހިނިގަނޑު ހިންދާލައިގެންނެވެ. ޒިވިއަންގެ ވާހަކަ އެންމެ މުހިއްމު ހިސާބަށް ދިޔަތަނާ، ފަހަތުން އަޑެއް އިވިގެން ތިން މީހުން އެއްފަހަރާ ފުންމައިގެން ތެދުވިއެވެ. އިރަމް ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ. ފަހަތުގައި ހުރި ސަލާމަށްވެސް ވީ އެވަރެވެ. ތިން މީހުން ފުންމައިގެން ތެދުވިގޮތުން އޭނާވެސް ސިހިފައި ހަޅޭއްލަވައިގަތެވެ.
"ކޯއްޗެއް ކޯއްޗެއް؟..." ސަލާމު ފުންމައިގެން އެރީ، ޖޯލިފަތި މައްޗަށެވެ.
"ވާހަކަ ކިޔައިދިން މީހާއަށްވެސް އެވަރެއްނު ތިވީ..." ސަލާމު ބޯ ހޫރަމުން ޖޯލިން ފުންމައިލިއެވެ.
ބޭރުގައި ނުތިބެންވެގެން އެމީހުން އެތެރެއަށް ވަނެވެ. ތަނަވަސް ސިޓިންގްރޫމުގައި އެހެންމީހުން ތިބީ ޓީވީ އަޅުވައިގެންނެވެ. އައިޒަކް ފެނުމުން އެންމެން ތެދުވަން ފެށިއެވެ. އޭނާ ވަގުތުން އެކަން މަނާކުރިއެވެ.
"ޝޫޓިން އޮތީ މާދަން މެންދުރުފަހު... މިރޭ ކޮންމެސް މަޖާކަމެއް ކޮށްލަމާ..." ޒިވިއަން ލަފާދިނެވެ.
"ޓްރޫތް އޯ ޑެއަރ..." ޝާއިރާ ވަރަށް ޖޯޝާއިއެކު ބުނެލިއެވެ.
"މަސް ބާނަން ދާނީ... މިގޭ ވެރިމީހާ ބުނި ހުންނާނޭ ރޯލާ ހުރިހާ އެއްޗެހިވެސް... އަލަމާރީގަ އެބަހުރި އެންވެސް..." އިނާޒް އެހެން ޚިޔާލެއް ދިނެވެ. "ބާބަކިޔު ހަދާ ގަޑީ ޝާއިރާ ބުނިހެން ގޭމެއް ކިހިނެއްވާނެ؟..."
"އިނާޒު ކަލޭ ގަދަ... ތިހުރިހާ ކަމެއް ހިންގާލީ ކޮންއިރަކު؟..." ރީހާން ގޮސް އިނާޒްގެ ބުރަކަށީގައި ޖަހައިލިއެވެ.
އިނާޒުގެ ޚިޔާލަށް އެންމެން އެއްބަސްވިއެވެ. ތިން މީހުން ހިމެނޭހެން ޓީމުތައް ބެހިއެވެ. ޓީމު ލީޑަރުންގެ ގޮތުގައި ތިބީ، ޒިވިއަން އާއި އިނާޒްގެ އިތުރުން ސަލާމެވެ. ޒިވިއަން ނެގީ އިރަމްއެވެ. އިރަމްގެ ފަހަތުން އައިޒަކްވެސް އެ ޓީމަށް ދިޔައެވެ.
ހަނދުވަރުގެ ރިހި އަލިން ދޮންވެލި ތުނޑި އޮތީ ދިއްލައިލާފައެވެ. އަތިރިމަތީގެ ހުދު ފަސްގަނޑުގައި އިރަމް އާއި އައިޒަކްގެ އިތުރުން ޒިވިއަން ތިއްބެވެ. އެކި ހިސާބުތަކުގައި އެކި ޓީމުތައް މަސްބޭނުމުގެ މަސައްކަތުގައި އުޅެމުން ދިޔައެވެ. އެންމެންވެސް ތިބީ އެކަކު އަނެކަކު ގޮވައިލުމުން އަޑު އިވޭ ހިސާބުގައެވެ.
"ގެނޭ އެންކޮޅު ލައިދޭނަން..." ޒިވިއަން އިރަމްގެ އަތުން ރޯލު އަތުލިއެވެ. އެންކޮޅު އަޅުވާފައި މޫދަށް އެއްލައިދިނެވެ. މަހެއް ގަތުމުން ހަދަންޖެހޭގޮތް ކިޔައިދެމުން އޭނާ އިށީނދެލީވެސް އިރަމް އާއި ނުހަނު ކައިރީގައެވެ.
އިރަމްގެ އަނެއް ފަރާތުގައި އިށީނދެލައިގެން އިން އައިޒަކް ތެދުވިއެވެ. އޭނާގެ ރޯލު އެއްލާފައި ތެދުވެގެން ގޮސް އިރަމް އާއި ޒިވިއަންގެ ދެމެދުގައި އިށީނެވެ.
ޒިވިއަންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭނާ ގަސްދުގައި އައިޒަކް ތަޅުވަނީކަން އައިޒަކަށް އެނގޭނީ ކޮންއިރަކުން ހެއްޔެވެ؟ އައިޒަކާއި އިރަމް އެކަކު އަނެކަކާއި ސިއްރުން ބަދަލުކުރަމުންދިޔަ ނަޒަރުތައް ޒިވިއަންއަށް ރީތިކޮށް ފެނުނެވެ. އިރަމްގެ ފެނުމުން އައިޒަކްގެ މޫނަށް ވެރިވާ އުފާވެރިކަމުގެ އަސަރުތަކުން ޒިވިއަންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. އައިޒަކް އުފަލުގައި ހުރުމުން އޭނާގެ ހުރިހާ އުއްމީދެއް ފުރިހަމަވީއެވެ. އައިޒަކްގެ އެކަނިވެރިކަން ފިލުވައިދޭން އިރަމް އެ ހަޔާތަށް އައިސްދިނީތީ އޭނާ ހިތާއިހިތުން އިރަމްއަށްވެސް ޝުކުރު އަދާކުރިއެވެ.
އިރަމްގެ ރޯލުގައި މަހެއް ގަން ވަގުތަކީ އައިޒަކްގެ ރޯލުގައިވެސް މަހެއް ގަތް ވަގުތެވެ. އިރަމްއެކޭ އެއްވަރަށް އައިޒަކްވެސް މަސް ބޭނުމުގެ ކަންތަކަށް ވަރަށް އަލެވެ. ޒިވިއަންއަށް ޖެހުނީ ފަހަރަކު މީހަކަށް އެހީވާށެވެ. ދެމީހުން ރޯލު ދަމާފައި އެއްގަމަށް އެރުވިއެވެ. އިރަމްގެ ރޯލުގައި ގަނެފައި އޮތީ، ފިހެލަން ހެޔޮވަރު ވަރެއްގެ ފިލޮޅެކެވެ. އެއާއި ޚިލާފަށް އައިޒަކްގެ ރޯލުގައި އޮތީ، ގާކޮޅެކެވެ.
"ދަމާލާފަ ގެނައިގޮތުން ހީވީ ބޮޑު ރަތްމަހެއް ގެނައި ހެން..." ޒިވިއަން ހީހީފައި އައިޒަކަށް މަލާމާތްކުރަމުން ދިޔައެވެ.
ލިބުނު އުފަލުގައި އިރަމް ހުރީ ރޯލުން ދޫކޮށްލަންވެސް ނޭނގިފައެވެ. ޒިވިއަން މަސް ނައްޓުވައިދޭން އުޅުނު ވަގުތު އޭނާގެ ނަނުގައިވެސް ކޮންމެވެސް އެއްޗެއް ގަތެވެ. ގަދަބާރުން ދަމާފައި އެރުވިއިރު ބޮޑު ކަޅު ވެނެކެވެ. ޒިވިއަން ބިރުން ނަނުވެސް ދޫކޮށްލާފައި އެއްގަމަށް އެރިއެވެ.
އައިޒަކް މަޖާވެގެން ޒިވިއަންއަށް މަލާމާތްކުރަން ފެށިއެވެ. ދެމީހުން އެކަކު އަނެކަކާއި ދިމާއަށް އެއްޗެހި ކިޔަކިޔާފައި ހެމުންދިޔަތަން ބަލަން އިރަމް ހުރީ ފެންކަޅިވެފައެވެ. އިރަމް ހިތާއިހިތުން އަޒުމެއް ކަނޑައެޅިއެވެ.
(ނުނިމޭ)