ޒަޚަމްތަކަކާ އެކު މަރުވެފައި އޮތް އަންހެނަކު ކ. ގާފަރު ގެސްޓް ހައުސްއަކުން ފެނިއްޖެއެވެ.

މައުލުމާތު އެނގޭ މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި ގާފަރު ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ރަށުން ބޭރު ޒުވާން އަންހެނެކެވެ. އަދި އޭނާގެ ކަރުގައި ތޫނު އެއްޗަކުން ލިބިފައިވާ ޒަޚަމްތަކެއް ފެންނަން އެބަހުރި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

މީގެއިތުރުން އޭނާ ބުނީ އެ އަންހެންމީހާ ގާފަރަށް އައިސް އުޅުނީ އެކަނިކަމަށެވެ. އޭނާ މިހާރު ވަނީ ގާފަރު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

"އެ އަންހެން މީހާގެ ކަރުގައި ތޫނުއެއްޗަކުން ލިބިފައިވާ ޒަޚަމްތަކެއް ފެންނަން އެބަހުރި،" މައުލޫމާތު އެނގޭ މީހާ ކިޔައިދިނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ގާފަރުން މީހަކު މަރުވެފައި އޮއްވާ ފެނުންކަން ފުލުހަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. އަދި އެކަމާގުޅޭ އިތުރު މައުލުމާތު ހާމަކުރަމުން ގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.